ހުޅުމާލޭގެ މިލްކުވެރި ފަރާތަކީ ކޮން އިދާރާއެއްތޯ ބަލަނީ

ފެބްރުއަރީ 23، 2020: ހުޅުމާލޭގައި ހަދަމުންދާ ހިޔާ މަސްރޫއުގެ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގެ މިލްކުވެރި ފަރާތަކީ އެޗްޑީސީ ކަމާ މެދު ސުވާލު އުފެދި، ހުޅުމާލެއަކީ ކޮންބައެއްގެ މިލްކިއްޔާތުގެ ދަށުގައި އޮންނަ ތަނެއް ތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީން ނިންމައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާ ގުޅޭ ގޮތުން އެސްއޯއީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ ދަށުގައި އޮންނަ ތަނެއް ކަމަށެވެ. އަދި އެޗްޑީސީއަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން އުފެއްދި ކޯޕަރޭޝަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--

"މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލެއަކީ އެޗްޑީސީގެ މިލްކިއްޔާތެއްތޯ ނުވަތަ ނޫންތޯ ބަލަން އެބަޖެހޭ، އެހެން އެކަން އޮތް ކަމަށް ވެއްޖެނަމަ (ހުޅުމާލެއަކީ އެޗްޑީސީގެ މިލްކިއްޔާތަކަށް ވާނަމަ)، އަޅުގަނޑު ބޭނުން އައްޑޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް ހަދައިގެން އައްޑޫ ހުރިހާ ބިމެއް އެ ކުންފުނީގެ މިލްކިއްޔާތަކަށް ހަދައިގެން އައްޑޫ ތަރައްގީ ކުރަން،" ނިހާދު ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލަން އެޗްޑީސީން ތައްޔާރު ވަމުން އަންނަ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދުއާ ހަވާލާދީ ބައެއް މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެޗްޑީސީއަށް އަމާޒުވުމާއެކު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭން ބިން ވިއްކުމާ މެދު އެ ކޯޕަރޭޝަންގެ ބޯޑުން "އަދި" ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

https://sun.mv/131407

އެސްއޯއީ ކޮމެޓީގެ މެމްބަރުން މިއަދު ނިންމެވީ ކުރިއަށް އޮތްތަނުގައި ހުޅުމާލޭން ބިން ވިއްކުމުގައި އެޗްޑީސީން ގެންގުޅޭ ވިސްނުން ސާފު ނުވާތީ އެކަން އެ ކޯޕަރޭޝަނުން އޮޅުން ފިލުވުމަށެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވީ ކުރިން ވިއްކާފައި ހުރި ބިންތައް ވިއްކާފައި ހުރީ ކޮން ބަޔަކަށްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.

"2012 ގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެބަހުރި ރެސިޑެންޝަލް ޕްލޮޓްސް ވިއްކާފައި. 2013، 2016 އަދި 2017 ގައި ވެސް އެބަހުރި. މިހާރު ވިއްކާފައި ހުރި ބިންތަކަކީ ކޮން ބަޔަކަށް ވިއްކާފައި ހުރި ބިންތަކެއްތޯ ބަލަން ޖެހޭ." ބޮންޑާ ވިދާޅުވި އެވެ.

ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ބިން ވިއްކާނަމަ، ބިން ގަތުމުގައި އާންމުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބެން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަން އިއުލާނު ކުރިއެވެ. ގޯތި ވިއްކަން އިއުލާނު ކުރީ 1000 އަކަފޫޓު ހަތަރު ލައްކަ ރުފިޔާ އަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު އޭރުގެ ހައުސިންގް މިނިސްޓްރީއިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އިއުލާނު ކުރި ދުވަހު އެތައް ހާސް ބަޔަކު ކިޔުގައި ޖެހިގެން ވަނީ ފޯމު ހުށަހަޅާފަ އެވެ.

ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ މަސައްކަތް ހުއްޓުވައިފަ އެވެ.

comment ކޮމެންޓް