އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް އަންނަ މަހު 12ގައި

އަނިޔާވެރިގޮތަކަށް މަރާލި ކުޑަކުއްޖާ މުހައްމަދު އިބްތިހާލް --

ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރުން އަންނަ މަހުގެ 12 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުގައި އޭނާ ވަނީ އިބްތިހާލް މަރާލުމަށް އިއުތިރާފުވެފަ އެވެ. އަދި ފުލުހުންގެ ތަހުގީގުގައިއާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެކަމަށް އޭނާ އިއުތިރާފުވި އެވެ. އެކަމަކު، ފަހުން ރާގު ބަދަލުވެ ކްރިމިނަލް ކޯޓުގައި އާފިޔާ ބުނެފައި ވަނީ އިބްތިހާލްއަށް އަނިޔާ ނުކުރާ ކަމަށާއި އޭނާ މަރާނުލާ ކަމަށެވެ.

އެ މައްސަލައިގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މިއަދު އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ދައުލަތުން ބުނީ އިބްތިހާލް މަރުވީ އާާފިޔާ އޭނާ ނޭވާ ހާސްކުރުމުން ކަމާއި، އާފިޔާ އިބްތިހާލްއަށް އަނިޔާ ކުރި ކަމާއި، އިހުމާލުވި ކަމާއި، އެހެން ދަރިންނާ ތަފާތުކުރިކަން ހެކިތަކުން އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައި އޮތް މައްސަލައެއްގެ ހުކުމުގެ ނުކުތަކާއަކާ ހަވާލާދީ ދައުލަތުން ބުނީ، އާދަމްގެ ދަރިއެއްގެ ހައްގު ހިމެނޭ މައްސަލައެއްގައި އިއުތިރާފުވުމަށް ފަހު ދެއްކި ވާހަކަ އަނބުރާ ގެންދިޔަސް އިއުތިރާފުވީ ކަމަށް ގަބޫލު ކުރެވޭނެ ކަމަށެވެ. އަދި އާފިޔާގެ އިއުތިރާފު ކިތާބީ ހެއްކެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވުމާއެކު، އޭނާގެ އިއުތިރާފު އަނބުރާ ގެންދިޔައީ ކަމަށް ނުބެލެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ މަރުގެ މައްސަލައިގައި އާފިޔާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައިވާނެ ކަމަށެވެ. އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށްވެސް ސާބިތުވާ ކަމަށް ގާޒީއަށް ފެނިވަޑައިގަންނަވާ ހާލަތުގައި ތައުޒީރީ އަދަބެއް ދިނުމަށް ހުކުމް ކުރެވިދާނެކަންވެސް ދައުލަތުން ފާހަގަކުރި އެވެ.

އެއްވެސް ޝައްކެއް ނެތް މިންވަރަށް މަރުގެ މައްސަލައެއް ސާބިތުވެ، ވާރިސުން ގިސާސް ހިފަން އެދޭ ނަމަ އެ މީހެއްގެ މައްޗަށް އަންނާނީ މަރުގެ ހުކުމެކެވެ. ގިސާސް ހިފަން ނޭދޭ ނަމަ އަންނާނީ ޖަލު ހުކުމެކެވެ. އެހެންނަމަވެސް، މަންމައަކު ނުވަތަ ބައްޕައަކު ދަރިފުޅު މަރާލާ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން ގިސާސް ހިފުމަކީ ހިލާފު އުފެދިފައިވާ ކަމެކެވެ.

ދައުލަތުގެ ހުލާސާ ބަޔާން އިއްވައި ނިމުމުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި މައްސަލައާ ބެހޭގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އާފިޔާ ބުނީ ގަސްތުގައި އިބްތިހާލް މަރާނުލާ ކަމަށެވެ. އަދި ގަސްތުގައި އަނިޔާވެސް ނުކުރާ ކަމަށެވެ. އޭގެ އިތުރުން، ހެކިވެރިން ހަދާފައި ވަނީ ހުސް ދޮގު ކަމަށާއި، ޑޮކްޓަރުންގެ ރިޕޯޓުތަކުގައިވެސް "އެއްފަހަރަކު އެކައްޗެކޭ" ނުކިޔާ ކަމަށް އާފިޔާ ބުންޏެވެ.

އަޑުއެހުން ނިންމާލައްވަމުން ގާޒީ މުހައްމަދު ސަމީރު ނިންމެވީ އެ މައްސަލައިގެ ހުކުމް ކުރުން އަންނަ މަހުގެ 12ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ގައި ބާއްވަން ތާވަލުކުރުމަށެވެ.

އިބްތިހާލްގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ ރަށު މީހުންގެ ދުލުން

comment ކޮމެންޓް