ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ހުޅުމީދޫ ކޯގަންނު ސަރަހައްދަށް ފުރިހަމަކަމެއް

ހުޅުމީދޫ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗުގައި އަލަށް ތަރައްގީކުރި މައިޒާން-- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ތާރީހީ ގޮތުން މުހިންމު، އައްޑޫ ސިޓީ ހުޅުމީދޫގެ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗު ތަރައްގީކޮށްފި އެވެ.

ރާފަޅަ ބީޗުގައި ބީއެމްއެލްއިން އަލަށް ތަރައްގީކުރީ ބެންޗު، ހަޓު އަދި އުނދޯލި ހިމެނޭ ހިތްފަސޭހަ މައިޒާނެކެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އެ މަޝްރޫއަކީ އެރަށުގެ އަންހެނުންގެ މަސައްކަތުން ހިންގި މަޝްރޫއެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް އެހީވުމަކީ ބީއެމްއެލްއަށް ލިބޭ އުފަލަކާއި ފަހުރެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ތާރީހީ ގޮތުން މުހިންމު "ކޯގަންނު" ބަލަން ޒިޔާރަތްކުރާ މީހުންނަށް މަޑުކޮށްލެވޭނެ ހިތްފަސޭހަ މައިޒާނެއް މިވަނީ މި ޕްރޮޖެކްޓެކްގެ ދަށުން ތަރައްގީކުރެވިފަ. މުޅި ޕްރޮޖެކްޓް ހިންގާފައި މިވަނީ މި ރަށުގެ އަންހެނުން އިސްނެގުމާއި އަމަލީ މަސައްކަތުންކަން ވަރަށް ބޮޑަށް ފާހަގަކުރަން." ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

ހުޅުމީދޫ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗުގައި އަލަށް ތަރައްގީކުރި މައިޒާން-- ފޮޓޯ/ ބީއެމްއެލް

އެ މަސައްކަތުގައި އިސްކޮށް އުޅުނު، އެކަމުގައި ފަރީދާ އިބްރާހިމް ބުނި ގޮތުގައި ކޯގަންނު ސަރަހައްދުގެ ބީޗް ރީތި ކުރުމަށް އެ މީހުން އިސްނެގީ، އެ ސަރަހައްދަކީ ގިނަ ބަޔަކު ޒިޔާރަތް ކުރާ ތަނަކަށް ވާތީ އެވެ. އަދި ބީއެމްއެލްއިން ލިބުނު އެހީގެ ސަބަބުން އެ ސަރަހައްދަށް އިތުރަށް ރީތި ކުރުމަށް އެހީއަކަށްވީ ކަމަށް ވެސް ފަރީދާ ބުންޏެވެ.

"މިރަށަށް އަންނަ ކޮންމެ މީހަކު މި ތަނަށް [ކޯގަންނަށް] ނައިހެއް ނުދޭ. މީގެ އަހަރުތަކެއް ކުރިން މިތަން އޮންނަނީ ވާ ހެދިފައި ފަޅުކޮށް. އަޅުގަނޑުމެން ބޭނުންވީ މިތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން. އަމިއްލައަށް ފައިސާ އެއްކޮށްގެން މަސައްކަތް ކުރަން ޖެހުމުން، އެތަން ހިތްފަސޭހަ ކުރުމުގެ މަސައްކަތް ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އޮތްވާ ބީއެމްއެލްގެ އެހީތެރިކަން ލިބުނީ. މިއީ އަންހެނުންގެ އިސްނެގުމެއް. އަދި މުޅި މަސައްކަތް ފުރިހަމަކުރީވެސް ހަމަ އަޅުގަނޑުމެން އަންހެންނުން." ފަރީދާ އިބްރާހިމް ބުންޏެވެ.

ހުޅުމީދޫ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗުގައި އަލަށް ތަރައްގީކުރި މައިޒާން. މި މައިޒާން ތަރައްގީ ކުރުމުގައި ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ އެ ރަށުގެ އަންހެނުން-- ފޮޓޯ/ ބީއެމްއެލް

ރާފަޅާ ބީޗު މިހާރުވެފައި ވަނީ އަންހެނުންނާއި މެދު އުމުރާއި އުމުރުން ދުވަސްވީ މީހުން އެއްވެ، އިޖްތިމާއީ އެއްވުންތައް ބާއްވާ ތަނަކަށެވެ. ސިއްހީ ކަންކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތައް އެތަނުގައި ބާއްވަމުންދެ އެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ކެއުމާއި ސައިވެސް ބާއްވަ އެވެ.

ބީއެމްއެލް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހިންގަން ރާވާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އެ ބޭންކަށް ލިބޭ ޕްރޮޕޯސަލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ.

މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރެއްގައި ވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ބީއެމްއެލްއިން ފޯރުކޮށްދެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލްއިން ވަނީ 20 ރަށެއްގައި މިފަދަ އެކި ޕްރޮގްރާމްތައް ހިންގުމަށް އެއްމިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

comment ކޮމެންޓް