ގަވައިދާ ހިލާފަށް ރާއްޖޭގައި ކުރާ މަސްވެރިކަން ހުއްޓުވަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ގަވައިދާ ހިލާފަށް ރާއްޖޭގައި ކުރާ މަސްވެރިކަން ހުއްޓުވަން ފިޝަރީޒް މިނިސްޓްރީއާއި ކަސްޓަމްސްއާ ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ؛ ފިޝަރީޒް މިނިސްޓްރީ

ގަވައިދާ ހިލާފަށް ރާއްޖޭގައި ކުރާ މަސްވެރިކަން ހުއްޓުވަން ފިޝަރީޒް މިނިސްޓްރީއާއި ކަސްޓަމްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން (އިލީގަލް އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް އައި.ޔޫ.ޔޫ ފިޝިންގ) ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގަވާއިދު ތަންފީޒްކުރުމާ ގުޅޭ ގޮތުން އެކުލަވާލި އެއްްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން، މަސްގަތުމަށް ނުވަތަ މަސް ބަރުކުރުމަށް ނުވަތަ އެހެނިހެން ބޭނުމަކަށް ވެސް ރާއްޖޭގައި ބަނދަރުކުރުމަށް އަންނަ ބޭރު ގައުމުތަކުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި މަސްއުފުލާ ކުރިއަރު ނުވަތަ [ރީފަރ ވެސަލް] ފަދަ އުޅަނދުފަހަރަށް އިންވަރޑް އަދި އައުޓުވަރޑް ކްލިއަރެންސް ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލްއަގުވާމީ މިންގަނޑުތަކާއި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެގޮތުން އަޅާފިޔަވަޅުތަކުގެ ސަބަބުން، ގާނޫނާއި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުވައި، އެފަދަ އުޅަނދުފަހަރުން ތަފާތު ބޭނުންތަކަށް ރާއްޖޭގެ ބަނދަރުތައް ބޭނުންކުރުން ހުއްޓުވިގެން ދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދެ މުވައްސަސާ ގުޅިގެން ކުރާނެ އިތުރު ކަންތައްތައް

  • ގަވާއިދުގެ ދަށުން ރާއްޖޭގައި ބަނދަރުކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރާއި މަސްއުފުލާ ކެރިއަރު ފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުން
  • ބޭރުގެ މަސްބަރުކުރާ ކެރިއަރުތަކަށް މަސްބަރުކުރުމަށް ރާއްޖޭގެ ޕޯޓްތަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް މޮނިޓަރކުރުން
  • އިންސްޕެކްޝަން އޮފިސަރުންންނަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމާއި ކަމާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގައި ދެއިދާރާއިން ގުޅިގެން މަސައްކަތްކުރުން
comment ކޮމެންޓް