އިނގިރޭސިވިލާތުގެ އެންމެ ހަގު ދޮން މާމައަށް 21 އަހަރު

އިނގިރޭސިވިލާތުގެ މީޑިއާތަކުގައިވާ ގޮތުން ބެކާ ކީލީއަކީ މިހާރު އެގައުމުގެ އެންމެ ހަގު މާމަ -- ފޮޓޯ: މާކިއުރީ ޕްރެސް

އިނގިރޭސިވިލާތުގެ "އެންމެ ހަގު ދޮން މާމަ"އަކީ މިހާރު އުމުރުން 21 އަހަރުގެ ބެކާ ކީލީ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ބެކާ ކީލީއަށް އެލަގަބު ދީފައި ވަނީ އޭނާގެ 56 އަހަރުގެ ފިރިމީހާ، މާކް ކީލީއަށް އެހެން ކައިވެންޏަކުން ލިބިފައިވާ ދަރިފުޅަށް ކުއްޖަކު ލިބުމުންނެވެ.

އިނގިރޭސި މީޑިއާތަކުގައިވާ ގޮތުން ބެކާ އާއި މާކް ބައްދަލުވީ މީގެ ފަސް އަހަރު ކުރިން މިއުޒިކް ޝޯއެއްގަ އެވެ. އެޝޯގައި މާކް އޭނާގެ ބޭންޑާ އެކު ލަވަ ހުށަހަޅާދިނެވެ. އޭރު މާކްގެ އުމުރުން 51 އަހަރު ވެފައިވާ އިރު ބެކާގެ އުމުރުން އެންމެ 16 އަހަރެވެ.

އޭގެ ފަހުން 2018ގައި އެ ދެ މީހުން ކައިވެނި ކުރި އެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު މާކް އާއި ބެކާއަށް ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ. އަދި މީގެ ހަތް މަސް ކުރިން މާކްގެ ދޮށީ ދަރިފުޅަށް ވެސް ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ.

މާކްގެ ދޮށީ ދަރިފުޅުގެ އުމުރުން 27 އަހަރެވެ. އަދި ދެން ތިބި ކުދިންނަކީ 21، 16، އަދި 13 އަހަރުގެ ކުދިންނެވެ.

މާކް އާއި ބެކާ ވަނީ އެ ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން ބައެއް މީހުން ފުރަތަމަ ޝައްކު އުފެއްދި ކަމަށް ބުނެފަ އެވެ. އަދި ބެކާއާ އެއް އުމުރެއްގެ މީހަކާ ކައިވެނި ކުރުމަށް މާކްވެސް ފުރަތަމަ އޭނާ ކައިރީ ބުނި ކަމަށް ބެކާ ބުންޏެވެ.

"ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި މިއީ ރަނގަޅު ގުޅުމެއް ނޫން. އަހަރެން ބުނިން ބެކާ ކައިރީ އޭނާއާ އެއް އުމުރެއްގެ މީހެއް ހޯދުމަށް ނަމަވެސް އަހަރެމެން ދެ މީހުންނަށް އެކަކު އަނެކަކު އުފާ ކުރެވޭތީ ނިންނީ ކުރިއަށްދާން،" މާކް ބުންޏެވެ.

އަދި މާމައަކަށް ވުމާ ބެހޭ ގޮތުން ދެކޭ ގޮތް އެހުމުން ބެކާ ވަނީ އޭނާގެ ފިރިމީހާގެ އާއިލާއަކީ އޭނާގެ ވެސް އާއިލާ ކަމުން، އެއީ ކަންބޮޑުވާ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް