މިނިސްޓަރު އަމީން ދެއްވި ޖަވާބަކުން ނަޝީދުގެ ނުރުހުން!

ހދ. މަކުނުދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު އިންނަވާނެ ޖާގަ އެބަހުރި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ދެއްކެވި ވާހަކައަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްދު ދެއްވައިފި އެވެ.

މަކުނުދޫ ސިއްހީ މަރުކަޒުގެ ހިދުމަތަށް އަންހެނުންގެ ޑޮކްޓަރަކާ ކުޑަކުދިންގެ ޑޮކްޓަރެއް އިތުރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

ނަމަވެސް ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު، އަދިވެސް އެ ރަށު ސިއްހީ މަރުކަޒުން އެ ހިދުމަތްތައް ނުދެވޭ ސަބަބާ ގުޅިގެން މަކުނުދޫ ދާއިރާގެ މެމްބަރު، މުހައްމަދު ރާއީ ވަނީ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެރަށަށް ޑޮކްޓަރެއް ނުގެނެވިގެން އުޅެނީ ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން މިހާތަނަށް އައިއިރު މަކުނުދޫ ސިއްހީ މަރުކަޒުގައި ހުރީ އެންމެ ކޮންސަލްޓޭޝަން ރޫމެއް ކަމަށާއި، އިތުރު ޑޮކްޓަރަކު ގެނެވޭނީ ޖާގަ އިތުރުކޮށްގެން ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނެތުމުގެ ސަބަބުން، މަރުކަޒުގެ އިމާރާތަށް ބަދަލުގެނައުމުގެ ފުރުސަތު ނުލިބުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން، އަންނަ އާދީއްތަ ދުވަހު އެ މަސައްކަތް ރަށު ކައުންސިލާ ހަވާލުކުރެވި، ރާވާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، އެ ހިދުމަތް ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

"ފައިސާ ކަނޑައެޅިފައިވާ މިންވަރުން އެ މަސައްކަތްތައް ކުރުމަށް މިހާރު ނިންމާފައި ވަނީ ކައުންސިލްތައް މެދުވެރިކޮށް. އެހެންވީމަ އާދީއްތަ ދުވަހު އެ މަސައްކަތް ކައުންސިލާ ހަވާލުކުރެވި، އެ ޖާގަ އިތުރު ކުރެވި އެ ވަސީލަތް ގާއިމުކުރެވި ހިދުމަތް ފެށިގެން ދާނެ،" އަމީން ވިދާޅުވިއެވެ.

އަމީންގެ ޖަވާބާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ފާޑުވިދާޅުވާ ރާގެއްގައި ވާހަކަދައްކަވައިފައެވެ. އަދި މިނިސްޓަރު ދެއްކެވި ވާހަކައިން ދޭހަވީ މަކުނުދޫއަށް ޑޮކްޓަރުން ނުލިބިގެން އުޅެނީ ޑޮކްޓަރަކު އިންނާނެ ތަނެއް ނެތިގެން ކަމަށެވެ.

ނަޝީދުގެ ވާހަކައަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވަނީ ޑޮކްޓަރުން ނުގެނެވިގެން އުޅެނީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުން ކަމަށް ކުރިން ވިދާޅުވި ވާހަކަ އަނެއްކާވެސް ތަކުރާރުކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ފޯރުކޮށްދެވޭނީ އެކަމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ވެސް ގާއިމު ކުރެވިގެން ކަމަށެވެ. ރަށުގައި ޑޮކްޓަރަކު ހުންނަވައި، ހިދުމަތް ފޯރުކޮށްދޭނެ ޖާގަ ނެތުމުގެ ސަބަބުން އެ ހިދުމަތް ނުދެވުމަކީ ރައްޔިތުންގެ އުދާސްތައް އިތުރުވާނެ ކަމެއް ކަމަށެވެ.

"ބައެއް ރަށްރަށުގައި މިހާތަނަށް އަޅުގަނޑުމެންގެ ނިޒާމުގެ ތެރޭގައި ވަކި ހިދުމަތެއް ފޯރުކޮށްދޭން ނެތް ރަށަކަށް އެކިއެކި ރިކުއެސްޓުތަކާ އެކީގައި ހިދުމަތް ފޯރުކޮށްދިނީމާ ބައެއް ފަހަރަށް އެ ހިދުމަތުގެ އެންމެ އެދެވޭ ފައިދާ ނުވެފަވެސް އެބަހުރި. އެހެންވީމަ ވަސީލަތާ ޖާގައިގެ އިތުރުވުމާ އެކީގައި ހިދުމަތް ފޯރުކޮށްދިނީމާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނީ،" އަމީން ވިދާޅުވިއެވެ.

އަމީންގެ ޖަވާބާ ގުޅިގެން ނަޝީދު ވަނީ އަނެއްކާވެސް ވާހަކަ ދައްކަވައިފައެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މަކުނުދޫ ސިއްހީ މަރުކަޒަށް "ލައްކަ" ފަހަރު ދެވިފައިވާ ކަމަށާއި ޑޮކްޓަރަކު އިންނާނެ ޖާގަ އެ މަރުކަޒުގައި އެބަހުރި ކަމަށެވެ.

މިހެން ވިދާޅުވެ ނަޝީދު ފާހަގަކުރެއްވީ، އެރަށު ސިއްހީ މަރުކަޒުގައި ހުރި ވިއްސާ ކޮޓަރިއެވެ. ނަޝީދު ވިދާޅުވީ ފާއިތުވި 10 އަހަރުގައި ވެސް އެ ކޮޓަރީގައި މީހަކު ވިއްސާފައި ނުވާ ކަމަށެވެ.

"އެކަމަކު ފުރިހަމައަށް ހުރި ވިހާ ކޮޓަރިއެއް އެބަހުރި. އަދި ކޮންސަލްޓޭޝަން ކޮޓަރިއެއް މަކުނުދޫގައި ނެތިގެން އަޅުގަނޑުގެ ހިތް ބުނަނީ އެއީ އެތަނުގައި އެ ހިދުމަތް ނުދެވޭންވީ ސަބަބެއް ކަމަށް މި މަޖިލީހުގައި ފާހަގަކުރުމަކީ މުޅިން ރަނގަޅު ގޮތެއް ނޫނޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ރައްދު ދެއްވައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކެއްގައިވެސް، ވިއްސާ ކޮޓަރި ހުންނާނެ ކަމަށާއި ވިއްސާ ކޮޓަރިއަކީ އެކަށީގެންވާ ޖާގައެއް ކަމަށެވެ.

އަދި ބައެއް ރަށްރަށުގައި ވިއްސާ ކޮޓަރި ބޭނުންކުރަނީ ވަރަށް މަދު ހާލަތެއްގައި ކަމަށާއި އަދި ބައެއް ރަށްރަށުގައި ވިއްސާ ކޮޓަރި ބޭނުން ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ވިއްސާ ކޮޓަރި ބޭނުން ނުކުރި ނަމަވެސް، ސިއްހީ ހިދުމަތް ދިނުމުގެ މިންގަނޑުން ބަލާއިރު ވިއްސާ ކޮޓަރިއަކީ ހުރުން ލާޒިމު ތަނެއް ކަމަށެވެ.

"ޑަބްލިއުއެޗްއޯގެ މިންގަނޑުތަކުގެ ތެރެއިން ވެސް އަދި އެހެންވެސް އިންތިޒާމުތަކުގެ ތެރެއިން ލާޒިމުކަމެއް ވިހާ ކޮޓަރިއެއް ބެހެއްޓުމަކީ. އެއީ ކުއްލި ހާލަތެއްގައި، ވިއްސަން ޖެހިއްޖެ ހާލަތެއްގައި ވެސް ކޮންމެހެން ކުރުމަށްޓަކައި ބަހައްޓަން ޖެހޭ ޖާގައެއް ކަމަށް ވާތީ އެ ޖާގަ އަޅުގަނޑުމެން ކޮންމެހެން ބަހައްޓަނީ،" އަމީން ވިދާޅުވިއެވެ.

އަމީން ވަނީ ބައެއް ފަހަރު ވިއްސާ ކޮޓަރި އެހެން ކަންކަމަށް ބޭނުންކުރެވުނު ނަމަވެސް، ޖާގައާއި ވަސީލަތްތައް އިތުރުނުކޮށް އުސޫލެއްގެ ގޮތުން އެކަން ކުރަން ފަށައިފިނަމަ ކުއްލި ހާލަތެއްގައި ގޮންޖެހުން ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޖާގައިގެ ދަތިކަން ހުރުމަކީ ހަގީގަތް ކަމަށާއި، ޖާގަ އިތުރުވުން ބިނާވަނީ ބަޖެޓާއި ވަސީލަތް ހުރި މިންވަރުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ބަޖެޓުގެ ދަތިކަމާއެކު ހުރިހާ ރަށެއްގައި އެއް ފަހަރާ ކަންކަން ކުރުމުގެ ގޮންޖެހުން ދިމާވާ ކަމަށެވެ.

comment ކޮމެންޓް