މަ ލޯތްބެއް ދެން ނުވާނަމޭ... - 24

"އައިރީން ދޯ... އައިރީން ބަނޑު ބޮޑު..." ޑޮކްޓަރު ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެއާއެކު އައިރީންއަށް ބަލާލެވުނީ އިޔާންއާ ދިމާލަށެވެ. އެވަގުތު އޭނާއަށް ވެގެން ދިޔަ ގޮތް ބަޔާންކޮށްދޭންވެސް ނޭނގުނެވެ. އެހާ އުފާވިއެވެ. އެހެންނަމަވެސް އިޔާންގެ މޫނުމަތިން އައިރީން ހީކުރި ފަދަ އުފާވެރިކަމެއް ފެނިގެން ނުދިޔައެވެ. އިޔާން ކުރިން ދުވަހު ބުނެފައިވާ ބަސްތައް ހަނދާންވީ ދެނެވެ. ކުއްޖަކު ހޯދާނީ އަދި ދެ އަހަރު ފަހުން ކަމުގައެވެ. އެއާއެކު އައިރީން ނުތަނަވަސް ވާ ގޮތް ވިއެވެ. ޑޮކްޓަރު ދެއްކި ވާހަކަތަކަށް ސަމާލުކަން ދޭން އުޅުނަސް އައިރީންއަށް ވިސްނެނީ އިޔާން އާ މެދުގައެވެ. އަނެއްކާ މިކަމާ ހެދި ދެމީހުންގެ ދޭތެރެއަށް ދުރުކަމެއް ވެރިވާކަށް އައިރީން ނޭދެއެވެ. ބޭސް ސިޓީ ލިޔެލާފައި ޑޮކްޓަރު އައިރީންއާއި ހަވާލުކޮށްލިއެވެ. ދެމީހުން އެކުގައި ގޮސް ކާރަށް އަރައިގެން ގެއަށް ދާން ނައްޓާލިއިރުވެސް އެ ދެމެދަށް ވެރިވެފައިވަނީ އާދަޔާ ހިލާފް މަޑުމައިތިރިކަމެކެވެ. ދެފަހަރަކު ވާހަކަ ދައްކަން އަނގަ ހުޅުވާލާފައިވެސް އައިރީން މަޑުޖެހިލިއެވެ. ގެއަށް ގޮސް ވަތް އިރު ބޮޑު ކޮޓަރީގައި އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ދެމީހުން އެކީ ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. އިޔާން ނިތުގައި އަތް ޖައްސާލަމުން ދޮރުގައި ކުޑަކޮށް ލެނގިލިއެވެ. އޭނާ އައިރީންގެ ހަރަކާތްތަކަށް ފާރަވެރި ވިއެވެ. އިޔާން އަށް ފުރަގަސްދީގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔަ އައިރީންގެ ދެލޮލުގެ އެސްފިޔަތަކުގެ ތެރޭން ފުރޭނިގެން ކަރުނަތައް ފައިބަން ފެށީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އަޑު މަޑު މަޑު ގިސްލުމަކަށް ބަދަލް ވެގެން ދިޔައިރު އިޔާން އައިސް އޭނާގެ ގައިގައި ބައްދާލައިފިއެވެ. "ހޭ..." މަޑުމަޑުން އެ ކަންފަތް ދޮށުގައި އިޔާން ބުނެލުމާއެކު ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. "ރީން... ހޭ... އަހަންނާ ދިމާލަށް ބަލާލަބަލަ" އިޔާން އެދުނުނަމަވެސް އައިރީން އެކަމަށް ދެކޮޅު ހެދިއެވެ. އޭނާ ދެލޯ މަރާލުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ. ދެން ސިހުނީ އިޔާން އޭނާގައިން ދޫކޮށްލާ އެ އަތްދަނޑި މައްޗަށް އުފުއްލާލުމާ އެކުގައެވެ. "އުފާވިވަރުން ހަޅޭއްލަވައިގަންނަ ހިތް ވަނީ.. ރީން ތަޅުވާލަން ކުރެވުނު ކަމެއް ސޮރީ" އިޔާން މާފަށް އެދުނެވެ. ޑޮކްޓަރު ރޫމުގައި އިން އިރު އޭނާއަށް އިނދެވުނީ ހަދަންވީ ގޮތެއް ނޭނގިފައެވެ. ބުނެދޭން ނޭނގޭ އިޙްސާސްއެއް ވެރިވުމުން މޫނުމައްޗަށް ގެންނާނޭ އަސަރެއްވެސް އޭނާއަށް ނޭނގުނީއެވެ. "އަސްލު؟" ޝައްކުގެ ނަޒަރަކުން އައިރީން އިޔާންއަށް ބަލާލިއެވެ. އިޔާން ބޯ ޖަހާލާ އެއްބަސްވިއެވެ. 'އަހަރެން ކިރިޔާއޭ ބިރުން މަރު ނުވީ" އައިރީން އިޔާންގެ ކޮނޑުގައި އަތުން ޖަހާލުމާއެކު އިޔާން ފެށީ ހޭށެވެ. ދެމަފިރިން އެކުގައި އުފާވެރިމަޖާ މާހައުލެއްގައި މުސްތަޤްބަލާ މެދު ވާހަކަ ދައްކަމުން ދިޔައީ ދެން އެ ޙަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއް އެއްވެސް ވަރަކަށް ނުވާ ހާލުގައެވެ.

*****

ރަޔާ އާރޓްފިޝަލް ބީޗަށް ކޮންމެ ދުވަހަކުވެސް ދަނީ ޒަލަފްއާ ބައްދަލުވާނެކަމުގެ އުންމީދު ގައެވެ. ޒަލަފް ގާތުން މާފަށް އެދެން އޭނަ ބޭނުންވެއެވެ. ޒަލަފް އާ މެދު ކަންތައް ކުރެވުނު ގޮތުން އޭނާ ވަރަށް ދެރަވެއެވެ. އެތައް އިރަކު ބީޗްގައި އިނދެލާފައި ގެއަށް ދާން ހިނގައިގަތް އިރު ވިއްސާރަވާން އުޅޭކަމުގެ ކުލަވަރު ހުރިހާ ދިމާލަކުން ވެސް ދައްކާލައިފިއެވެ. ކަނޑުގެ ރާޅުން ނަގަމުން ދިޔަ ރާޅު ބާނީ ބޮޑުވެ ޖެހެމުން ދިޔަ ވައި ބާރުވެއްޖެއެވެ. އުޑުމަތީގައި ކަޅުވިލާތައް ގިނަވެ އެކަތި އަނެކެތީގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރަން ފަށައިފިއެވެ. ރަޔާ ނޭފަތް އެތެރެއަށް ދަމާލީ ރޮވުމުގެ ސަބަބުން ނޭފަތުން ފެން އަންނަމުން ދިޔައީތީއެވެ. ވާރޭ ވެހިގަންނަން ވާއިރަށް ގެއަށް ވަންނަން ދާން އޭނަ ބޭނުމެވެ. އެހެންކަމުން ފިޔަވަޅުތައް ބާރުކޮށްލިއެވެ. އެހެންނަމަވެސް މަގުމަތީގައި ހުއްޓާ ވާރޭ ކަނި ޖަހަންފަށައިފިއެވެ. ގެއަށް ވަތް އިރު ބޮޑުދައިތަ އާފީ ގޭތެރޭގައި އުޅެއެވެ. ރަޔާ ފެނުމާއެކު ދެލޯ އަޅާލިއެވެ. އައިރީން އިސްޖަހާލަމުން އޭނާގެ ކޮޓަރިއަށް ވަނެވެ. ރަޔާ ކޮޓަރިން ނުކުތީވެސް ރޭގަނޑު ނުވައެއް ޖެހިފަހުންނެވެ. އޭރުވެސް ބޯ ކޮށް ވާރޭ ވެހެމުން ދިޔައެވެ. އޭރު ޒިންކު ތެރެ އެކީ އޮތީ ތަށިތަކުން ފުރާލާފައެވެ. އޭނާ އެ ހުރިހާ ތައްޓެއް ދޮވެ ރިހަކޮޅުވެސް ހޫނުކޮށްލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތް ތަނާ ބޮޑުދައިތަ އާފީ ގޮވާލައިފިއެވެ. "ރަޔާ..." ރަޔާ ވަގުތުން ހުއްޓުނެވެ. "އަހަރެން ބުނެފިން ދޯ މިގޭގަ އެޅެންޏާ އެ ނާޝިދު އާ އިންނާށޭ"އާފީ ހަޅޭއްލަވައިގަތެވެ. ރަޔާ ފަހަތަށް އެނބުރިލާ އެއަށް ރައްދު ދިނެވެ. "އަހަރެން ބޮޑުދައިތަ ކައިރީގަ ބުނެފިންދޯ އެނޫން މީހަކު ހޯދާށޭ... އަހަރެންގެ ކާފަމެން އުމުރުގެ މީހަކާ އިންނަން އަހަރެން ވަކި ބޭނުންވާނެތަ؟ އަހަރެންގެ ވެސް ހުވަފެންތަކެއް ވާނެ ދޯ... މިއިން ދުވަހަކުވެސް އަހަރެން ބޮޑު ދައިތައާ ދިމާލަށް ދުވަހަކުވެސް އެއްވެސް އެއްޗެއް ނުބުނަން... އެކަމަކު މިއަދު ކެތް ނުވީ... ބޮޑު ދައިތައަށް ނޭނގުނަސް އަހަރެން ހާދަ ދެރަވެޔޭ" ރަޔާ ފާޅުގައި އެކަމާ ދެކޮޅުހެދިއެވެ. ބޮޑު ދައިތަ ހެދިހާ ގޮތަކަށް ރުހިގެން ދިންހާ އަނިޔާއަކަށް ކެތް ކުރިއެއްކަމަކު އޭނާއަށް އެކަމެއް ނުކުރެވޭނެއެވެ. ޑިއުޓީގައި އުޅެފައި އައިސް ގޭގައި ކުރަން ޖެހޭ ހާ މަސައްކަތެއް ކޮށްފައި އޭނާ އެ އުޅެނީ ބޮޑުދައިތަގެ އަޅެއްހެންނެވެ. އެހެންނަމަވެސް ދެކިބަލާށެވެ. މިއަދު ބޮޑު ދައިތަ އެ އުޅެނީ މަދު ލާރިކޮޅަކަށް އޭނަ ވިއްކާލާށެވެ. "ބަލަ... މިހާރު އަހަންނާ ޖަދަލުވެސް ކުރަން ފެށީތަ؟ ހުރެބަލަ ނިކަން" އާފީ ހަޅޭއްލަވައިގަތެވެ. "ބޮޑުދައިތާ... އަހަރެން އާދޭސް ކުރަން... އަހަރެން ވިއްކާ ނުލާ... އަހަރެންގެ ވެސް ހިތެއްވެޔޭ.. އަހަރެން ކޮންމެ އަނިޔާއަކަށްވެސް ކެތް ކޮށްފާނަން... ބޮޑުދައިތަ ބުނިހާ ގޮތަކަށް ކަންތައް ކޮށްފާނަން މަހު މުސާރަ އެއްކޮށްވެސް ދީފާނަން... އެކަމަކު" "އެކަމަކު އޭ... އެއްބަހެއް ނުވާނަންތަ؟ މީ އަހަރެންގެ ފަހުގެ އިންޒާރު... މިގޭގައި އުޅެވޭނީ އަހަރެން ބުނާ ގޮތާ ރުހިގެން ހަނދާން ކުރައްޗޭ!" އާފީ ރަޔާ އާ ދިމާލަށް ހިނގައިގަތެވެ. "ބޮޑު ދައިތާ ތިހެން ނަހަދާ... އިންސާނިއްޔަތު ކަމަށްޓަކާ ނަމަވެސް އަހަންނަށް ތިހެން ނަހަދާ" އާފީގެ މަޤްސަދު އެނގި ރަޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. "އެހެންނޫނީ އެއްބަސްވޭ" ރަޔާގެ އަތުގައި ބާރަށް ހިފައްޓަމުން އާފީ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. 'ނޫން" ރަޔާ ބުނެލިއެވެ. "އެހެންވިއްޔާ މިގޭން ނުކުމޭ" ރަޔާގެ އަތުގައި ހިފައިގެން ނުކުމެ ގޭ ގޯޅިތެރެއަށް ކޮށްޕާލިއިރުވެސް ބޯ ކޮށް ވާރޭ ވެހެމުން ދިޔައެވެ. ވާރޭ ވެހެމުން ދިޔަލެއް ބޯކަމުން މަގުމަތިވެސް އޮތީ ވަރަށް ފަޅުކޮށެވެ. "ބޮޑު ދައިތާ! އަހަރެން ގެއަށް ވައްދަދީ... އާދޭސް ކުރަން" ރަޔާ ތެދުވަމުން ގޮސް ދޮރުގައި ތަޅައިގަތެވެ. އެހެން ތިރީހަކަށް މިނިޓް ރަޔާ ވާރޭ ތެރޭގައި އިނެވެ. ދޮރު ބުޑުގައި އިށީނދެގެންނެވެ. އެހެން އިނދެފައި އޭނާ ތެދުވިއެވެ. ދާނެ މަންޒިލެއް ނެތިއެވެ. ނާޝިދުއާ އިންނަން އެއްބަސް ނުވާ ކަމުގައި ވަނީ ނަމަ އެގޭން އޭނާއަށް ޖާގައެއް ނެތެވެ. އެހެންނަމަވެސް އޭނާ އެކަމަށް އެއްބަހެއް ނުވާނެއެވެ. އޭނާގެ ނަފްސުގެ ވެސް ކޮންމެވެސް ކަހަލަ އަބުރަކާއި އިއްޒަތެއް އޮންނަން ވާނެއެވެ. މަޑުމަޑުން ތެދުވެ މަގާ ދިމާލަށް ރަޔާ ހިނގައިގަތެވެ. ދާނެ މިސްރާބެއް ނެތިއެވެ. އޭރު ވާރޭގެ ތެރޭގައި ގިނަ އިރުވެގެން އޭނާގެ ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ. ތުންފަތް ތުރު ތުރު އަޅަމުން ދިޔައެވެ. މަގުމަތި ވަރަށް ފަޅެވެ. ހީވަނީ މި ތޫފާނުން ސަލާމަތްވާން މާ އަވަހަށް އެންމެން ގެތަކަށް ވަދެ ފިލީހެންނެވެ. އޭރުވެސް ގޮސްލެވެމުން ދިޔައެވެ. މަންމައާއި ބައްޕަ ނިޔާވުމަށްފަހު ބޮޑުދައިތަ ކައިރީގައި އޭނާ އުޅުނީ އަޅެއްހެންނެވެ. އެކަމަކު މިއަދު އެކަމުން ވެސް ނުފުދުނީއެވެ. އޭނާ ހަދާނީ ކިހިނެތްހެއްޔެވެ؟ ދާނެ ވަކި ތަނެއް ނެތެވެ. އަޅާލާނޭ މީހަކު ނެތެވެ. އަމިއްލަ މަސައްކަތުން ކޮންމެވެސް ވަރަކަށް ކިޔެވުމަށްފަހު ވަޒީފާއަށް ނުކުތީ ލާރި ބޭނުންވާތީއެވެ. *****

އޮފީސް ނިންމާފައި ވެސް ޒަލަފް މަޑުކޮށްލީ އޭނާގެ ނުނިމި ހުރި މަސައްކަތްތައް ނިންމާލުމުގެ ބޭނުމުގައެވެ. އެހާއިރު ވަންދެން ގޮނޑީގައި އިނުމުގެ ސަބަބުން ކަރަށް ނާރެއްވެސް އެރިއެވެ. އޭނާ ތެދުވެ ހިންދެމިލިއެވެ. ކުޑަދޮރު ކައިރިއަށް ގޮސް ހުއްޓި ބަލާލިއެވެ. އޭރުވެސް ވާރޭ ބޯކޮށް ވެހެމުން ދިޔައެވެ. އަވަހަށް ހުއްޓާނޭހެން ހީނުވާތީ އޭނާ ކާރުގައި ގެއަށް ދާން ނިންމިއެވެ. މަންމަވެސް ދެފަހަރަކު ގުޅައިފިއެވެ. އޮފީހުން ނުކުމެގެން އޭނާ ގޮސް ކާރަށް އެރިއެވެ. ގަރާޖުން ކާރު ނެރެގެން ދުއްވާލިއެވެ. މަގުތަކުގައި ވަރަށް ފެން ބޮޑެވެ. އެހެންކަމުން ކާރު ދުއްވަން ޖެހުނީ މަޑުމަޑުން ބަލައިގެންނެވެ. ޒަލަފް އިނީމަގަށް ވަރަށް ފަރުވާތެރިވެއެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން ވާރޭ ތެރޭގައި މީހަކު ހުއްޓަސް ނޭނގޭނެއެވެ. އޭނާގެ ރާސްތާގެ ވަކި ހިސާބަކުން މަގުގެ އެއްފަރާތު ފާރުގައި ލެނގިލައިގެން ހުރި އަންހެން ކުއްޖެއް އަޅައިގަތެވެ. "ސަފަރު ކަތްދަ އަވަލީ ބާ؟" ހިތާ ހިތުން ޒަލަފްއަށް ކިޔާލެވުނެވެ. އޭނާއަށް އެއީ އިންސާނެއްކަން ޔަޤީންވިނަމަވެސް ވެއެވެ. އެ ކުއްޖާ އާ އަރާ ހަމަވެފައި އޭނާ ކާރު ކުޑަކޮށް މަޑުކޮށްލިއެވެ. އެއަށްފަހު ވާރޭ ކޯޓް ގަޔަށް މަހާލިއެވެ. އަދި ދޮރު ހުޅުވާލާފައި ނުކުތެވެ. ވާރޭ ތެރޭގައި އެހެން ކުއްޖަކު ހުރުމުން އޭނާއަށް އަޅާނުލާ ދާން ނުކެރުނީއެވެ. އަދި އެވެސް އަންހެން ކުއްޖެކެވެ. އަނެއްކާ މިއީ މަގު އޮޅިގެން އުޅޭ ކުއްޖެއްހެއްޔެވެ؟ "ހޭ' ޒަލަފް އިސްޖަހައިގެން ހުރި އެ ކުއްޖާގެ ސަމާލުކަން ހޯދަން ގޮވާލީ ފުދޭވަރަކަށް ކައިރިއަށް ގޮސް ވަރަށް ބާރަށެވެ. އެއާއެކު އެ ކުއްޖާ ސިހިފައި ޒަލަފްއަށް ބަލާލިއެވެ. "ރަޔާ" ޒަލަފްގެ ދުލުން އެ ބަސްތައް ނުކުތުމާއެކު ރަޔާއަށް ރަނގަޅަށް ބަލާލިއެވެ. ދެ ތުންފަތް ދިޔައީ ތުރު ތުރު އަޅަމުންނެވެ. މުޅި ހަށިގަނޑު ރޫރޫ އަޅައެވެ. ރަޔާގެ ގައިގައި އެއްވެސް ވަރެއް، ހަކަތައެއް ނެތެވެ. ޒަލަފް އޭނާގެ ކޯޓް ބާލުވާ ރަޔާގެ ގައިގައި އަޅުވާދިން އިރުވެސް ރަޔާ ހުރި ގޮތަށް ހުރީއެވެ. އޭނާގެ ނަޒަރު އެންމެ ފަހަރަކުވެސް ޒަލަފްއާ ވައްކެތް ނުވެއެވެ. ރަޔާގެ ކޮނޑުގައި ޒަލަފްއަށް ހިފެއްޓުނީ ކިރިއާއެވެ. އެ ހަށިގަނޑުން އެކީ ވަރުދޫވެ ވެއްޓެން ދިޔައެވެ. ޒަލަފް ހުޝިއާރުކަމާއެކު ހިފެއްޓިއެވެ. ރަޔާ ގެ ދެލޯ މެރުމުގެ ކުރިން އޭނާ ސޮރީ އޭ ބުނެލި އަޑު ޒަލަފްގެ ކަންފަތުގައި ޖެހުނެވެ. "އޭނާ ރަޔާ އަތް ދަނޑި މައްޗަށް އުފުލާލަމުން ގެންގޮސް ކާރުގެ ފަހަތަށް އެރުވިއެވެ. އޭނާ ކުރިއަށް އަރާ ރަޔާ އަށް ބަލާލިއެވެ. ރަޔާ ގެންދާނީ ކޮންތާކަށް ހެއްޔެވެ؟ ހޮސްޕިޓަލަށް ހެއްޔެވެ؟ ނޫނީ ރަޔާ މެންގެއަށްހެއްޔެވެ؟ ރަޔާމެންގެ އޭނާއަށް އެނގުނުނަމަވެސް ދާންނުކެރޭތީ އާއެކު އެހެން ކަންތައް ނުކުރެވޭނެކަން ވިސްނުނެވެ. ހޮސްޕިޓަލަށް ދާނަމަ އަނެއްކާ ރާސްތާ ވެސް ދުރުވާނެއެވެ. އަނެއްކޮޅުން އިރު އިރުކޮޅަކާ މަންމަ އެބަ ގުޅައެވެ. ދެންވެސް މަންމަ ގުޅީ ޒަލަފް އެހެން އިންދައެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެއާއެކު މަންމަ އެދުނީ އަވަހަށް ގެއަށް އައުމަށެވެ. ޒަލަފްއަށް ވެރިވި ޚިޔާލާއެކު އޭނާ ނިންމީގެއަށް ރަޔާ ގެންދާށެވެ. ރަޔާ ވެއްޓުނީ ވާރޭ ތެރޭގައި ގިނަ އިރު ވުމުންކަން އޭނާއަށް އެނގެއެވެ. ކާރުގެ މިސްރާބު ގެއާ ދިމާލަށް ބަހައްޓައިގެން ޒަލަފް ދުއްވަމުން ދިޔައެވެ. އިސާހުތަކު ގެއަށް އާދެވިއްޖެއެވެ. އޭނާ ރަޔާ އަތް ދަނޑި މައްޗަށް ނަގައިގެން ގެއަށް ވަތް އިރު ސިޓިންރޫމުގައި ފަލަކްއާއި އާމިރުގެ އިތުރުން އަޝްރާވެސް އިނެވެ. އަޝްރާ ގާތުގައި އައިރީން އިން އިރު އިޔާން ތިރިއަށް ފައިބަނީއެވެ. ވިއްސާރަކަމުންނާއި ޒަލަފްވެސް ގެއަށް ނާންނާތީ އެންމެން މަޑުކޮށްލައިގެން ތިބިއިރު ހޫނު ކޮފީއާއި ދެތިން ބާވަތެއްގެ ބިސްކޯދު ހުއްޓެވެ. ހީވަނީ މި ތޫފާނީރޭގެ ފިނީގެ ތެރޭގައި އާއިލީ ވަގުތު ކޮޅެއް ހޭދަ ކޮށްލަން ތިބިހެންނެވެ. އެއީ އާއްމުކޮށް އާމިރުމެން ކޮށް އުޅޭކަމެކެވެ. އާމިރުގެ ބައްޕައާއި މަންމަ މިރޭ ނިދަން ދިޔައީ ބައްޕަ ބޮލުގައި ރިއްސާތީ އުޅޭތީއެވެ. އެކަމަކީ އާމިރުގެ ބައްޕަ ފެށިކަމެއް ނަމަވެސް މިހާރު އެއީ އެގޭގެ އާދައެވެ. އާމިރުވެސް ގަބޫލުކުރާ ގޮތުގައި ބައެއް ރޭރޭ ނުވަތަ ދުވަސް ދުވަހު މުޅި އާއިލާ އެކުގައި އެގޮތަށް ވަގުތު ކޮޅެއް ހޭދަ ކޮށްލުމުން އާއިލީ ގުޅުން ވަރުގަދަ ވާނެއެވެ. އާއިލާގެ އެކުވެރިކަމަކީ ހިންހަމަޖެހުމެވެ. ޒަލަފް ދޮރުމައްޗަށް އެރި ގޮތުން އެންމެންނަށް ސިހިފައި ކޮޅަށް ތެދުވެވުނެވެ. އިޔާންވެސް އަވަށް އަވަހަށް ސިޑިން ފޭބިއެވެ. "ޒެލް... ކޮން ކުއްޖެއް" އަޝްރާ ހާސްވެފައި ހުރެ ސުވާލު ކޮށްލިއެވެ. ޒަލަފް ކުޑަ ގޮތަކަށް ވީ ގޮތް ކިޔައިދެމުން ގެންގޮސް ސޯފާގައި ރަޔާ ބާއްވާލިއެވެ. ފަލަކް އަވަސްވެގަތީ ރަޔާގެ މޫނުމަތިން ފެންތައް ފުހެލަދޭށެވެ. އޭނާ އެދުނީ އައިރީން ގާތު ފޮތި ކޮޅެއް ގެނެސް ދިނުމަށެވެ. އައިރީން ހިނގައިގަންނަން އުޅުމުން އިޔާން އައިރީން ގާތު މަޑުކުރަން ބުނެފައި ގޮސް އައީ ކުޑަ ތުވާއްޔެއް ހިފައި ގެންނެވެ. ފަލަލް ތުވާލިން އެ ކުއްޖާގެ މޫނުމަތި ފުހެލިއެވެ. "އެކަމަކު ކީއްވެ ގެއަށް ގެނައީ... ހޮސްޕިޓަލަށް ގެން ދިޔަނަމަ" ފަލަކް ބުނެލިއެވެ. "ވަރަށް ވިއްސާރަ އެހެންވީމަ އަނެއްކާ އަނބުރާލާފަ ނުދާންވެގެން" ޒަލަފް އޮޅުން ފިލުވައިދިނެވެ. ފަލަކް ބޯ ޖަހާލިއެވެ. "އެކީ ތެމިފައެއްނު މިއޮތީ... ހުން އައިސްދާނެ... ހިނގާ ހިކި ހެދުމެއް ލައްވަމާ" ފަލަކް ބުނެލިއެވެ. އަޝްރާވެސް އެއްބަސް ވިއެވެ. "އައިރީން ގަތް ގޮތަށް ނުލާންވެގެން ބެއިންދި ހެދުމެއް ހިފައިގެން އައުމުން އެމީހުން ދެން ރަޔާ ގެންދިޔައީ ތިރިން ކޮޓަރިއަކަށެވެ. އެނދުގައި ބާއްވާލުމަށްފަހު ފިރިހެން ވެރިން ކޮޓަރިނ ނުކުތެވެ.

*****

އޮވެވުނީ އަރާމު ތަންމައްޗެއްގައެވެ. ދެލޯ ހުޅުވާލެވުނީ ވަރުބަލިކަމާއެކުގައެވެ. އެއާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ މަތީގައި އެލުވާފައި ހުރި ޗާނދަލިޔާއެވެ. ރަޔާގެ ދެލޯ ވަގުތުން ބޮޑުވިއެވެ. ފުންމައިގެން ތެދުވެވިއްޖެއެވެ. އޭނަ މިއޮތީ ކޮންތާކުހެއްޔެވެ؟ މަޑުމަޑުން އޭނާގެ ޚިޔާލަށް ރޭގެ މަންޒަރުތައް ސިފަވާން ފެށިއެވެ. ސިކުނޑި އޭގެ ބާރުމިނުގައި މަސައްކަތް ކުރަން ފެށީ ދެނެވެ. މިއީ ޒަލަފް އޭނާ ގެނައި ތަނެއްހެއްޔެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމުން އެތަނުގެ ހައިބަތު ފެނިގެން ދިޔައެވެ. އަމިއްލައަށް ހިން ދިރުވާލެވުނެވެ. ރަނގަޅަށް ހަމަހޭވެރިކަން ވުމާއެކު އޭނާގެ ބޮލުގައި ބުރުގާ ނެތް ކަން ޔަޤީން ކުރެވުނެވެ. ލައިގެން އޮވެވުނު އެއްޗެއްސަށްވެސް ބަލާލެވުނީ ދެނެވެ. އޭނާގެ ހެނދުން ކޮބާހެއްޔެވެ؟ އޭނާ އެއްޗެހި ބަދަލް ކުރުވީ ކާކުހެއްޔެވެ. ހަނދާން ހުރީ ޒަލަފް އާދިމާވި ހިސާބަށް އެކަން ޏެވެ. އެވަގުތު ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. "ހޭލެވުނީދޯ... " އެތެރެއަށް ވަތް އަންހެން މީހާ ހިނިތުންވެލަމުން ބުނެލިއެވެ. އޭރު އޭނާގެ އަތުގައި ތަބަކެއް ހުއްޓެވެ. އޭގައި ޖޫސްތައްޓަކާއި ބޯ ތައްޓެއް ހުއްޓެވެ. ހީވަނީ ސޫޕެއް ހެންނެވެ. ރަޔާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެއާއެކު. ފަލަކްއަށް ވީ ގޮތް ނަގައިގަނެވުނެވެ. އޭނާ ހިނިތުންވެލާ ތަބަށް ސައިޑް ކަބަށް މަތީ ބަހައްޓާލުމަށްފަހު އެބަ އަންނަމޭ ކިޔާފައި ނުކުތެވެ. ދެން އައީ ބުރުގަލެއް ހިފައިގެންނެވެ. އައިސް ރަޔާ އަށް ދިއްކޮށްލިއެވެ. ރަޔާ ވަގުތުން އެ އަޅާލިއެވެ. އެނދުން ތެދުވަން އުޅުނު ރަޔާ ގާތުގައި ފަލަކް އެ ދުނީ ސޫޕް ތަށި ބޯލުމަށެވެ. އެއީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ކަމުގައެވެ. ރޭގައި ކަންތައް ވީ ގޮތް ފަލަކް ކިޔައިދިނެވެ. އެއާއެކު ރަޔާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާ އަބަދުވެސް ހީކުރީ މުއްސަނދިން ނަކީ ވަރަށް ބޮޑާ ބައެއް ކަމުގައެވެ.އެހެންނަމަވެސް އެކަން ދޮގުކުރަން މިއަދު މަޖުބޫރުވެއްޖެއެވެ. ޒަލަފްއާއި ޒަލަފްގެ އާއިލާ އެ ކަންތައް އޭނާގެ ލޮލުގެ ކުރިމައްޗަށް ދައްކައިދީފިއެވެ. އެކަމަކު... އޭނާއާއި ޒަލަފްއާއި އެކަށީގެން ނުވާނެޔޭ ހިތަށް އަރަނީއެވެ. ރަޔާ ހިތަށް އެރިއެވެ. "އަހަރެން މީ ކާކު؟ ޒަލަފް އާއި އަހަރެންނާ ގުޅުމަކީ ނެތް ކަމަކަށް ވާއިރުވެސް އަބަދުވެސް ޒަލަފް އާގުޅުމަށް މިހިތް އެދި ގޮވަނީ ކީއްވެ؟" "ކޮން ޚިޔާލަކަށް ގެއްލިފައި؟ ނަން ބުނެލަބަލަ.. މީ ފަލަކް..." ފަލަކް އަމިއްލަ ތަޢާރަފެއް ދިނެވެ. "ރަޔާ" ރަޔާ ބުނެލިއެވެ. "ރަޔާ އެހެންވީމަ... ކައިގެން ތާޒާވެލައިގެން ނުކުމެލާ އިނގޭ" ފަލަކް ބުނެލާފައި ނުކުތެވެ.

*****

ބުނެފިން ކައިގެން ނުކުންނައްޗޭ!..." ފަލަކް ކާ މޭޒު ދޮށަށް ހުއްޓި ބުނެލިއެވެ. "އެކަމަކު ރޭ އެއޮއް ދަންވަރު އެހެން ހުންނަން ޖެހުނީ ކީއްވެބާ؟" އައިރީންއަށް ބުނެވުނެވެ. "މޫނުމަތިން އަދިވެސް މާޔޫސީ އަސަރު ނުފިލާ" ފަލަކްއަށް ބުނެވުނެވެ. "އަނެއްކާ... ގެއިން ނެރެލާ އެކަހަލަ ކަމެއް ވީތަ؟" އާމިރުއަށް އަހާލެވުނެވެ. "ނޭނގެ ދޯ... ކުޑަ ކޮށް ހަމައަކަށް އެޅިލީމަ ދެން އަހާނީ" އަޝްރާ ޚިޔާލެއް ދިނެވެ. ފަލަކްވެސް އެ ޚިޔާލަކާ ދެބަހެއް ނުވެއެވެ. "ރީން... ސެލްޑް ކޮޅެއް ކާލަބަލަ" އިޔާން ސެލެޑް ތަށިން އެތިކޮޅެއް ނަގާ އައިރީންގެ ތައްޓަށް ލައިދިނެވެ. 'ދެން އޯކޭ" އައިރީން ބުނެލުމުންވެސް އެއްސަމުސާ އިތުރަށް ލައިދިނެވެ. "އެތަނުން އާފަލެއް ކޮށާލާފަ ރީންއަށް ދޭން ބުނެލަބަލަ މަންމާ" އިޔާން ބުނެލިއެވެ. ފަލަކްއަށް އޭނާގެ ބުމަ ހިއްލާލެވުނެވެ. އެއާއެކު އައިރީން އިޔާންގެ އަތުގައި ޖަހާލިއެވެ. ހުއްޓާށޭ ބުނާ ފަދައަކުންނެވެ. "އެންޑް... އައިރީންއަށް ފްރެޝް އޮރެންޖެއް ހަދާލަ ދީބަލަ" އިޔާން އިތުރު ކޮށްލިއެވެ. "އިޔާން އަހަންނަށް ވާނެޔޭ" އައިރީން އިޔާންއަށް އަޑު އިވޭވަރަށް ބުނެލިއެވެ. އެންމެންގެ ކުރިމަތީގައި އިޔާން މިއޮއް އުޅެން ފެށި ގޮތަކުން އޭނާ ލަދުގަންނަން ފަށައިފިއެވެ. "އުހުމް އުހުމް... ލޯބީގެ މާތަށް މިތާ އެބަފޮޅޭ" ޒަލަފްއަށް އަނގަ މަޑުން ލައިގެން ނީދެވުނެވެ. އޭނާ ކޮންމެވެސް އެއްޗެއް ބުނެލިއެވެ. "ދަރިފުޅާ" އަޝްރާ ގޮވާލިއެވެ. ޒަލަފް ހިނިގަނޑެއް ޖަހާލީއެވެ. ފަލަކްއާއި އާމިރުވެސް ތިބީ ހިނިއައިސްފައެވެ. "ދޮގެއްތޯ ކާފާ... މާމާ" ޒަލަފް އަހާލިއެވެ. އެއާއެކު އެ ދެމީހުންވެސް ހީގަތީއެވެ. "އިޔާންގެ ކަންތަކޭ" އައިރީން ބުނެލިއެވެ. އަދި ރަކި ގޮތަކަށް ހީލިއެވެ. އޭނާއަށް އެންމެ މީރު ފަތް މަސްހުނި ތައްޓަށް އަޅާ ރޮށިކޮޅުގައި ލާފައި އަނގަޔަށް ލީތަނާ އައިރީންއަށް އޯކާ ދެމެވުނެވެ. އެހެންޏާ މީރަސް މިއަދު އެ އޭނާއަށް ވަރަށް ނުބައި ވެއްޖެއެވެ. (ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު