އީރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

އީރާނުގައި މިދިޔަ ބުދަ ދުވަހު ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އެވައިރަަސް ޖެހުނު 16 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: ރޮއިޓާސް

ތެހެރާން (ފެބްރުއަރީ 25): އީރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު އިރާޖު ހަރިރުޗީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޓުވިޓާ މެދުވެރިކޮށް ހަރިރުޗީ ހިއްސާ ކުރެއްވި ވީޑިއޯއެއްގައި އޭނާ ވަނީ "މި ބަލިން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް" ވިދާޅުވެފަ އެވެ. އަދި އެގައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނަކުވެސް ވަނީ ހަރިރުޗީ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާއަކީ އީރާނުގައި ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސް ދައުރެއް އަދާ ކުރައްވާ ބޭފުޅެއް ކަން ފާހަގަކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު އީރާނުން ކޮރޯނާވައިރަސް ޑިޒީސް (ކޯވިޑް-19) ފެނުނު ފަހުން އެގައުމުގައި 95 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 16 މީހަކު ވަނީ މަރުވެފަ އެވެ. އެހެންކަމުން އީރާނަކީ ކޯވިޑް-19ގެ ސަބަބުން ޗައިނާއިން ބޭރުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ގައުމެވެ.

އީރާނުގައި ހަލުވި ކަމާއެކު ވައިރަސް ފެތުރުމާ ގުޅިގެން، އަވަށްޓެރި ތުރުކީ، ޕާކިސްތާން، އަފްޣާނިސްތާން އަދި އަރުމީނިއާއިން ވަނީ އެގައުމުތަކާ ގުޅޭ އީރާނުގެ އެއްގަމު ބޯޑަރު ބަންދުކޮށްފަ އެވެ. އަދި އަރުމީނިއާ އާއި އަފްޣާނިތާނުން ވަނީ އީރާނަށް ކުރާ ވައިގެ ދަތުރުތައް ވެސް ހުއްޓާލަން ނިންމާފަ އެވެ.

އީރާނުގައި ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ 14 ޕްރޮވިންސެއްގެ ސްކޫލުތަކާއި ޔުނިވާސިޓީތައް އާދިއްތަ ދުވަހު ބަންދުކޮށްފަ އެވެ. އަދި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް 230 ހޮސްޕިޓަލެއް ހާއްސަކޮށްފަ އެވެ. ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ ހޮސްޕިޓަލްތަކަށް ބޭނުންވާ އާލާތްތައް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ މީހުން ވަނީ އީރާނުން ވައިރަސް ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ވަރަށް ފިޔަވަޅު ނާޅާ ކަމަށް ބުނެފަ އެވެ.

މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 80,000އަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ސަބަބުން 2,707 މީހަކު މިހާރު ވަނީ މަރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރެއިން 2,664 މީހުންނަކީ ޗައިނާގައި ތިބި މީހުންނެވެ.

comment ކޮމެންޓް