ޕޮލިސް އަތުން އެމްއޭސީއެލަށް ފަސޭހަ މޮޅެއް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަސޭހަކަމާއެކު ޕޮލިސް ކްލަބު ބަލިކޮށްފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓުގެ މެޗުގައި ޕޮލިސް އަތުން އެމްއޭސީއެލް މޮޅުވީ ސީދާ ތިން ގޭމުންނެވެ.

އެ މެޗުގެ ފުރަތަމަ ސީދާ ހަތަރު ފްރޭމުން އެމްއޭސީއެލް ގެންދިޔަ އިރު، ދެވަނަ ގޭމުން އެމްއޭސީއެލް މޮޅުވީ 4-1 ފްރޭމުންނެވެ. އަދި ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.

އެ މުބާރާތުގެ ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ފެނަކަ އިން ވަނީ 1-2 ގޭމުން ރައީސް އޮފީސް ބަލިކޮށްފައެވެ. އެމްއެންޑީއެފުން 1-2 ގޭމުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކުރި އިރު، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އިން ވަނީ ސީދާ ތިން ގޭމުން ދިރާގު ބަލިކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް