މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ މަރިޔަމް މައިޝާ ކެފޭއެއްގެ ތެރޭގައި ލަވަކިޔަން ހުއްޓާ މީހަކު އައިސް އޭނާގެ މައިކު "ފޮޅާލައިފި" އެވެ.
އެ ހާދިސާ ހިނގީ މާފަންނުގައި ހުންނަ ކޮފީ ސްޓޭޓް ކެފޭގައި ރޭ މައިޝާ ލަވަކިޔަން ހުއްޓަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާ ވަނީ ޓްވީޓުކޮށްފަ އެވެ.
ވީޑިއޯއިން ފެންނަނީ މެދު އުމުރުގެ މީހަކު އައިސް މައިޝާގެ މައިކު ދުރަށްޖައްސައި ސްޓޭންޑުން އުފުރާލާ މަންޒަރެވެ.
ޓްވިޓާގައި މައިޝާ ބުނީ އޭނާގެ މައިކު ދުރުކުރީ ލަވަކިޔާތީ އުނދަގޫވެގެން އުޅޭ އަވަށްޓެރިއެއް ކަމަށެވެ.
ލަވަކިޔުމަކީ އޭނާގެ އާއިލާއަށް އާމްދަނީ ފޯރުކޮށްދީ ދިރިއުޅުމަށް ކުރާ މަސައްކަތް ކަމަށް މައިޝާ ބުންޏެވެ. އެކަމާ ބަޔަކު ހިތްހަމަ ނުޖެހުނަސް ފަރުވާލެއް ނެތް ކަމަށް އޭނާ ބުންޏެވެ.
މައިޝާގެ އެ ޓްވީޓާ ގުޅިގެން، ޔޫޓު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަވަކިޔުންތެރިޔަކު ލަވަކިޔަކިޔައި ހުއްޓާ ހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ގާނޫނު އަސާސީއާ ހިލާފު ނުވާ ކޮންމެ ކަމެއް ކުރުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާކަން މަހުލޫފު ފާހަގަކުރެއްވި އެވެ.
ލަވަކިޔަކިޔައި ހުއްޓާ މައިކު ދުރައްޖައްސައި އޭނާ ހުއްޓުވިޔަސް ފަހުން މައިޝާ އޭނާގެ ޝޯ ކުރިއަށް ގެންގޮސް ނިންމި އެވެ.
މައިޝާގެ އެ ޓްވީޓާ ގުޅިގެން، އާންމުން ބުނީ އެ މީހާގެ އަމަލު ބަލައިނުގަނެވޭ ކަމަށެވެ. އަދި އެމީހާއަށް ފިޔަވަޅު އަޅަން ވެސް ބައެއް މީހުން ގޮވާލި އެވެ.