ފިސާރި އަންހެނުންގެ ފިސާރި މަސައްކަތެއް!

ކޯގަންނު ގުރޫޕްގެ އަންހެނުން، "ރާފަޅާ ބީޗް"ގައި ބެންޗް ޖެހުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ ބީއެމްއެލް

ތާރީހީ ގޮތުން މުހިންމު އައްޑޫ މީދޫ، ކޯގަންނު ގަބުރުސްތާނު ހިމެނޭ ސަރަހައްދަކީ މީގެ ކުރިން ބޮޑު ސިންގާނަ، ވާ ހެދިފައި އޮތް ފަޅު ސަރަހައްދެކެވެ. އެ ހިސާބުގެ އިރުމަތީ ފަރާތުގައި އޮންނަ ރީތި ބީޗަކީ ވެސް މީގެ ކުރިން މީހުން ގޮސްއުޅޭ ތަނެއް ނޫނެވެ.

ނަމަވެސް މީގެ އަހަރުތަކެއް ކުރިން، މީދޫގެ ހަރު އަންހެނުންގެ ގުރޫޕަކުން އިސްނަގައިގެން، ކޯގަންނު ގަބުރުސްތާނަށް ދެވެން އޮންނަ މަގާއި އިރުމަތީ ފަރާތުގެ ބީޗް ސާފުކުރި އެވެ. މަގުގައި ހެދިފައިވާ ވިނަތައް ނޮޅައި ސާފުކޮށް މަގު ރީތިކުރި އެވެ. އެ ސަރަހައްދުގެ ބީޗަކީ ކޯގަންނު ގަބުރުސްތާނު ބަލަން އަންނަ މީހުންނަށް ޒިޔާރަތްކޮށްލެވޭނެ ހިތްފަސޭހަ ތަނަކަށް މިހާރު ވަނީ ބަދަލުވެފަ އެވެ. މި މަސައްކަތުގައި އިސްނެގި އަންހެންވެރިން ވަނީ، ބީޗްގައި ހުރި ކުނިތައް ނަގައި ސާފުކޮށް، ހަޓް ހަދައި އުނދޯލި އެލުވައިފަ އެވެ. މި ބުރަ މަސައްކަތް ކުރުމަށް އިސްނެގީ، އެ މީހުންގެ ނަމުން ނަމަ، "ކޯގަންނު ގުރޫޕް" އެވެ.

މި ހިތްގައިމު ބީޗަށް އެ މީހުން ކީ ނަމަކީ، "ރާ ފަޅާ" އެވެ.

އެ ގްރޫޕްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަދި އިޖްތިމާއީ ގޮތުން ވެސް ގިނަ މަސައްކަތަކެއް ކުރާ، ފަރީދާ އިބްރާހިމް "ސަން"އަށް ބުނީ މަގު ސާފުކޮށް ބީޗް ސަރަހައްދަކީ އެންމެންނަށް ދެވޭނެ ހިތްފަސޭހަ ތަނަކަށް ހެދުމުގައި އިސްނެގީ 10 އަންހެނުން ހިމެނޭ ގުރޫޕަކުންނެވެ. އެމީހުން އެތަނުގައި ހަޓް ހަދައި އުނދޯލި އެލުވީ ވެސް އަމިއްލަ މަސައްކަތުންނެވެ. އެ މީހުންގެ ބޭނުމަކީ ކޯގަންނު، ބަލައިލަން ޒިޔާރަތް ކުރާ މީހުންނަށް ހިތް ފަސޭހަ މާހައުލެއް ހޯދައިދިނުމެވެ.

"މިރަށަށް އަންނަ މީހަކު މި ތަނަށް [ކޯގަންނަށް] ނައިހެއް ނުދޭ. އެކަމަކު މީގެ އަހަރުތަކެއް ކުރިން މިތަން އޮންނަނީ ވާ ހެދިފައި ފަޅުކޮށް. އަޅުގަނޑުމެން ބޭނުންވީ މިތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން،" ފަރީދާ ބުންޏެވެ.

ފަރީދާގެ "ކޯގަންނު ގްރޫޕުން" ރާފަނާ ބީޗް، ރީތި ކުރުމުގެ މަސައްކަތް މި ހުރިހާ ދުވަހު ކުރީ، ގުރޫޕްގެ އަންހެން ވެރިން އަމިއްލައަށް ފައިސާ އެއްކޮށްގެންނެވެ. އެކަމަކު، އަމިއްލައަށް ފައިސާ އެއްކޮށްގެން މަސައްކަތް ކުރަން ޖެހުމުން، އެތަން ހިތްފަސޭހަ ކުރުމުގެ މަސައްކަތް ބޭނުންވާ ދުވެލީގައި އޮތީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.

އެކަމަކު، ފަރީދާއަށް އުންމީދެއް ލިބުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިޔުނިޓީ ފަންޑުން އެ މީހުންގެ މަސައްކަތަށް އެހީވާން ނިންމައި އޭނާ ލީ ޕްރޮޕޯސަލަށް އެ ފެންޑުން ފައިސާ ހަމަޖެއްސުމުންނެވެ. އެއާ އެކު ފަރީދާ އާއި އޭނާގެ ގުރޫޕުން ނިންމީ، ބީޗްގައި އިތުރު ގޮނޑި ޖަހައި އެތަން އިތުރަށް ހިތްފަސޭހަ ކުރާށެވެ. ރާއްޖެއިން ބޭރުގެ، ޕާކްތަކުގައި ހުންނަ ކަހަލަ ގޮނޑިތަކެއް ރާއްޖެއިން ބޭރުން އޯޑަރު ޖަހައިގެން އެ މީހުން ގެނަ އެވެ.

ރާ ފަޅާ ބީޗްގައި އަންހެން ވެރިން މަސައްކަތުގައި -- ފޮޓޯ/ ބީއެމްއެލް

"އެއް ފަހަރަކު އަޅުގަނޑުުމެން ކައިރީ [މީހަކު] ބުނީ މިކަހަލަ ފުރުސަތެއް [ބީއެމްއެލް ކޮމިޔުނިޓީ ފަންޑަށް ޕްރޮޕޯސަލް ލާން] އެބަ އޮތޭ އެހެން ވީމާ ހިނގާށޭ މިއަށް ޕްރޮޕޯސަލްލާން. ދެން އަޅުގަނޑުމެންގެ ދަރިއަކު އަޅުގަނޑު ނަމުގައި ޕްރޮޕޯސަލް ހަދާފައިލީ،" ފަރީދާ ބުންޏެވެ. "އަބަދުވެސް އަހަރުމެން ކީން ރާއްޖެއިން ބޭރުގެ ޕާކްތަކުގައި ހުންނަ ކަހަލަ ލަކުނޑި ގޮނޑި ޖަހާނަމޭ މިތާ. ދެން ވީ އުފަލެއް ވެސް ނޭނގެ ބޭންކުން ފައިސާ ހަމަޖެހުނީމާ،"

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުން ހަމަޖެއްސި ފައިސާއިން ގަތް ލަކުޑި ގޮނޑިތައް ގެނެސް ރޭވުމާއި ބީޗްގެ އެކި ތަންތަނުގައި ބެހެއްޓުމުގެ ކަންކަން ވެސް، ކުރީ މުޅިން ވެސް އަންހެނުންނެވެ. އެއީ ސީދާ ކޯގަންނު ގްރޫޕުގެ އަންހެންވެރިންގެ ބުރަ މަސައްކަތެކެވެ. ފިރިހެން ވެރިން ތިބީ އަންހެނުންނަށް އަތްގައިކޮށްދޭށެވެ.

ބީޗް ރީތިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ/ ބީއެމްއެލް

"މިއީ އަންހެނުންގެ އިސްނެގުމެއް. އެ މީހުންގެ މަސައްކަތެއް. މޮހޮރު ޖަހައި ގޮނޑިތައް ރާވާ ތަންތަން ބަހައްޓާ މިހުރިހާ ކަމެއް ކުރީ އަޅުގަނޑުމެން،" ފަރީދާ ބުންޏެވެ.

"ރާ ފަޅާ ބީޗް" މިހާރުވެފައި ވަނީ، އަންހެނުންނާއި މެދު އުމުރާއި އުމުރުން ދުވަސްވީ މީހުން އެއްވެ، ކޮމިޔުނިޓީ އެއްވުންތައް ބާއްވާ ތަނަކަށެވެ. އެތަނުގައި ސިއްހީ ކަންކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތައް ބާއްވަ އެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަ ކުރަން ކެއުންތަކާއި ސައި ބާއްވަ އެވެ. އަދި މަހަކު އެއްފަހަރު އެންމެން އެއްވެ، ބޮޑު ސައެއް ބާއްވަ އެވެ.

މީދޫ އަންހެންވެރިންގެ" ކޯގަންނު ގްރޫޕް"ގެ އިސްނެގުމާއި ބުރަ މަސައްކަތުން މިވަނީ ބޮޑު މަސައްކަތެއް ނިންމާލެވިފަ އެވެ. ފަރީދާ ބުނީ، ކޯގަންނު ސަރަހައްދަކީ އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އަދިވެސް އިތުރު ޕްލޭންތައް އެބަހުރި ކަމަށެވެ. އެގޮތުން، އައުޓްޑޯ ޖިމްއެއް ހެދުމަށް ވެސް ފަރީދާގެ ގުރޫޕުން ވަނީ އަޒުމް ކަނޑައަޅައިފަ އެވެ.

"އުފަލަކީ މިކަހަލަ ބޮޑު ކަމެއް އަޅުގަނޑުމެން އަންހެނުންނަށް އިސްނަގައިގެން ކުރެވުނީމާ. މިތަނަކީ ކުރިން ބޮޑު ވަލެއްހެން އޮތްތަނެއް. އެކަމަކު މިއަދު މިއީ އެންމެން އަންނަ ހިތްވާ ތަނަކަށްވެފައި މިވަނީ. މިއީ ކޮމިޔުނިޓީ ތަނަކަށް ވެއްޖެ،" ފަރީދާ ބުންޏެވެ.

މިއީ، އައްޑޫ މީދޫގެ ފިސާރި އަންހެނުންގެ ގުރޫޕަކުން ކުރި ފިސާރި މަސައްކަތެކެވެ. އައްސަރިބަހާ ސާބަހެވެ!

comment ކޮމެންޓް