ބެންގަލޫރަކަށް މާޒިޔާ އަލެއް ނުވާނެ: އިރޭ

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕުގެ ޕްލޭއޯފް ބުރުގައި މާދަމާ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާޒިޔާ ނުކުންނަ އިރު އިންޑިއާގެ މި ސިޓީ އަކީ މާޒިޔާއަށް އައު ހިސާބެއް ނޫން ކަމަށް އެ ޓީމުގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނެފި އެވެ.

މާދަމާގެ މެޗަށް ނުކުންނައިރު މާޒިޔާއަށް އޮންނާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުރަތަމަ ލެގުން އެއް ގޯލުގެ ތަފާތަކުން މޮޅުވުމެވެ. މިހާތަނަށް ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ބެންގަލޫރު ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ވަނީ މޮޅުވެފަ އެވެ. ބަލިވީ އެންމެ ދެ މެޗަކުންނެވެ. އެއީ 2018 ވަނަ އަހަރު ނިއު ރޭޑިއަންޓް އަތުންނާއި މިފަހަރުގެ ޕްލޭ އޮފުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުންނެވެ.

އެކަމަކު މީގެ ކުރިން މާޒިޔާއާ ދެކޮޅަށް ބެންގަލޫރު ކުޅުނު ހަތަރު ފަހަރަކު އެ ޓީމު ވަނީ މޮޅުވެފަ އެވެ. އޭގެ ތެރޭގައި އިންޑިއާގައި ކުޅުނު ދެ މެޗު ވެސް ހިމެނެ އެވެ. އެހެން ކަމުން އިންޑިއާގެ ބެންގަލޫރު ސަޕޯޓަރުންގެ ކުރިމަތީގައި މާޒިޔާއަކީ އައު ޓީމަކަށް ނުވާނެ ކަމަށް މާޒިޔާގެ ކެޕްޓަން އިރޭ ވަނީ ބުނެފަ އެވެ.

"ހުރިހާ ކުޅުންތެރިން ވެސް ތިބީ ރެޑީގައި، ބެންގަލޫރަކަށް އަލެއް ނުވާނެ މާޒިޔާގެ އެއްވެސް ކުޅުންތެރިއެއް. އެއީ 2017ގައި ވެސް މިކޮޅަށް އައިސް އަހަރުމެން ރަނގަޅު ފައިޓެއް ދިނިން،" މާދަމާ މެޗުގެ ކުރިން އިންޑިއާގައި ބޭއްވި ޕްރި މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އިރޭ ބުންޏެވެ.

މާޒިޔާ އިން މީގެ ކުރިން ބެންގަލޫރު އަތުން ކޮންމެ މެޗެއްގައި ވެސް ބަލިވީ އެއް ގޯލުގެ ތަފާތުންނެވެ. މެޗުތަކުގެ ނަތީޖާ އެނބުރިފައި ހުރީ ހެދުނު އެންމެ ގޯހެއްގެ ސަބަބުންނެވެ. އެހެން ކަމުން މިސްޓޭކްތައް މަދުކޮށް މާދަމާގެ މެޗަށް ނުކުންނާނީ ސީދާ މޮޅެއް ހޯދުމަށް ކަމަށް އިރޭ ވަނީ ބުނެފަ އެވެ.

"ދެހާސް ސަތާރަ ވަނަ އަހަރު ވެސް އަހަރުމެން ކުޅުނު ބެންގަލޫރު ވަރުގަދަ، މިހާރު ވެސް ހަމަ އެހާ ވަރުގަދަ. އެއީ މިހިސާބުގައި ވެސް އެންމެ ވަރުގަދަ އެއް ޓީމު. ނޯމަލް ޓީމެއް ނޫން އެއީ. އެހެން ވީމަ މާދަމާގެ މެޗަށް އަހަރުމެން ނުކުންނާނީ ވަރަށް ބޮޑަށް ވިސްނައިގެން. ފަށައި ނިމެންދެން ވެސް އެމީހުން ބަލިކޮށްގެން މާލެދާން ބޭނުމީ."

މި ވަގުތު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގައުމުތަކަށް ހާއްސަ ގްރޫޕުގައި އޮތީ 2018 ވަނަ އަހަރުގެ ރާއްޖޭގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ޗެއްނާއީ ސިޓީ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕުން ދެން ފުރުސަތު ލިބޭނީ މާޒިޔާ ނޫނީ ބެންގަލޫރަށެވެ.

ޕްލޭއޯފްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބެންގަލޫރުގައި މާދަމާ ރާއްޖެ ގަޑިން 19:00 ގައެވެ.

comment ކޮމެންޓް