މެސީ ހުއްޓުވުމަށް ކޮއްޓެއް ބޭނުމެއް ނުކުރާނަން: ގަޓޫސޯ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ޑިފެންޑަރުންތަކެއް ކަޓުވާލުމުގެ ތެރެއިން --- ފޮޓޯ// ކްރިސް މައިސަން

ޗެމްޕިއަންސް ލީގުގައި މިިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ހުއްޓުވުމަށް "ކޮށްޓެއް" ބޭނުން ނުކުރާނެ ކަމަށް ނަޕޮލީގެ ކޯޗު ޖެނާރާ ގަޓޫސޯ ބުނެފި އެވެ.

ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިރޭ އިޓަލީގެ ނަޕޮލީއާއި ސްޕެއިނުގެ ޗެމްޕިއަން ބާސެލޯނާ ބައްދަލު ކުރާ އިރު ގިނަބައެއްގެ ލޯތަށް ހުއްޓިފައި ހުރީ ބާސެލޯނާގެ ކެޕްޓަން މެސީއަށެވެ. ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ހަތަރު ގޯލު ޖަހާފައިވާ މެސީ މިވަގުތު ހުރީ ރަނގަޅު ފޯމެއްގަ އެވެ.

އެކަމަކު މެސީ ހުއްޓުވުމަށް ހާއްސަ ފޯމިއުލާއެއް ނުގެންގުޅޭނެ ކަމަށާއި ނަޕޮލީއަކީ ވަކި ކުޅުންތެރިއެއް ދެކެ ޖެހިލުންވާނެ ޓީމެއް ނޫންކަމަށް އެ ޓީމުގެ ކޯޗު ގަޓޫސޯ ވަނީ ބުނެފަ އެވެ. ގަޓޫސޯ ބުނީ މެސީއަކީ ވެސް ހަމަ އެހެން ކުޅުންތެރިން ފަދަ އިންސާނެއް ކަމަށެވެ. އެހެންކަމުން އޭނާ ހުއްޓުވުމަށް ކޮށްޓެއް ބޭނުން ނުވާނެ ކަމަށެވެ.

"އަހަރެން ބޭނުން ވަނީ މެޗު ފެށިގެން ނިމެންދެން އެއްވެސް ބިރެއް ނެތި އިތުބާރާ އެކު ނަޕޯލީއިން މެޗު ނިންމާލަން. ނަޕޮލީއަކީ ޓީމެއްގެ ގޮތުގައި ވަރުގަދަ ޓީމެއް ކަން މީގެ ކުރިން ވެސް ވާނީ ސާބިތުކޮށްދީފައި،" ގަޓޫސޯ ބުންޏެވެ.

ގަޓޫސޯ ބުނީ މިފަހުން ނަޕޯލީގެ ދަނޑުގައި އެ ޓީމަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރިފައި ނުވާ ކަމަށެވެ. އެކަމަކު އިޓާލިއަން ލީގުގެ ޑިފެންޑިން ޗެމްޕިއަން ޔުވެންޓަސް އަތުން އެ ދަނޑުގައި ހޯދުނު މޮޅަކީ ފާހަގަ ކޮށްލެވޭ މޮޅެއް ކަމަށެވެ. އެހެން ކަމުން މިރޭ ބާސެލޯނާ އަތުން މޮޅުވެވިއްޖެ ނަމަ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ވެސް ބޮޑު ހިތްވަރެއް ލިބޭނެ ކަމަށް ގަޓޫސޯ ވަނީ ބުނެފަ އެވެ.

މި ސީޒަނުގައި މިހާތަނަށް ކުޅުނު 23 މެޗުން ނަޕޮލީއަށް ލިބިފައި ވަނީ 36 ޕޮއިންޓް އެވެ. ތާވަލުގެ ހަވަނައިގައި އޮތް ނަޕޮލީ ވަނީ މި ސީޒަނުގައި މިހާތަނަށް ނުވަ މެޗަކުން ބަލިވެފަ އެވެ.

"މެސީ އަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަން އެންމެނަށް ވެސް އިނގޭ. އެކަމަކު އޭނާ ހުއްޓުވަން ކޮށްޓެއް ބޭނުމެއް ނުކުރާނަން. ދަނޑުމަތީގައި މެސީގެ އިތުރުން 10 ކުޅުންތެރިން ތިބޭނެ. އެކަމަށް ވެސް ވިސްނައިގެން ކުޅޭނީ."

comment ކޮމެންޓް