އުނދަގޫ މޮޅަކާ އެކު ލިވަޕޫލަށް ރެކޯޑެއް

ވެސްޓްހަމާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހުމަށްފަހު ލިވަޕޫލުގެ ކުޅުންތެރިން އުފާފާޅު ކުރަނީ -- ފޮޓޯ: ރޮބް ލަންކެސްޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ބަލިކޮށް ލިވަޕޫލުން ރެކޯޑަކާ އަރައި ހަމަކޮށްފި އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ވެސްޓްހަމްގެ މައްޗަށް ހޯމް ޓީމުން ކުރި ހޯދީ 2-3ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު 27 މެޗުން ލިބުނު 79 ޕޮއިންޓާ އެކު ލިވަޕޫލުން ވަނީ އެއްވަނާގައި 22 ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ދެވަނާގައި އޮތް ޑިފެންޑިންގް ޗެމްޕިއަނަށް 57 ޕޮއިންޓް ލިބޭ އިރު ތިންވަނާގައި އޮތް ލެސްޓާ ސިޓީއަށް ލިބިފައި ވަނީ 50 ޕޮއިންޓް އެވެ.

ރޭގެ މެޗުން ލިބުނު މޮޅާ އެކު ލިވަޕޫލުން ވަނީ ވިދިވިދިގެން އެންމެ ގިނަ މެޗުން ލީގުގައި މޮޅުވެގެން 2017 ވަނަ އަހަރު މެންޗެސްޓާ ސިޓީ ހެދި ރެކޯޑަކާ އަރައި ހަމަކޮށްފަ އެވެ. ސިޓީއިން އެފަހަރުގެ ލީގު ތަށި ނެގި އިރު އެ ޓީމުން ވަނީ ވިދިވިދިގެން 18 މެޗުން މޮޅުވެފަ އެވެ. އެ ރެކޯޑާއި ލިވަޕޫލުން ރޭ އަރައި ހަމަ ކުރި އިރު މި ސީޒަންގައި އެންމެ ފަހުން ލިވަޕޫލަށް ޕޮއިންޓް އުނިވި މެޗަކީ މިދިޔަ އޮކްޓޯބަރު މަހު މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ ނުވަ ވަނަ މިނަޓުގައި އެ ޓީމުގެ ހޮލެންޑް މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމްގެ ގޯލާ އެކު ވެސްޓްހަމްއިން ވަނީ ރައްދުގައި ހަމަލާއެއް އުފައްދާ ޖެހިގެން އައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އިއްސާ ޑިއޮޕް އެވެ.

ލިވަޕޫލަށް އެ ހާފުގައި އަނބުރާ ލީޑު ނަގާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުހިފި ދިޔަ އިރު ދެވަނަ ހާފުގެ ކުރީކޮޅު ވެސްޓްހަމުން ވަނީ ލީޑު ނަގައިފަ އެވެ. ޕަބްލޯ ފޯނަލްސްގެ ގޯލުން ވެސްޓްހަމް ލީޑު ނަގާފައިވަނިކޮށް ލިވަޕޫލުގެ ޓީމު ކުރިއަށް ޖައްސައި ހަމަލާތައް އިތުރު ކުރި އެވެ. ނަތީޖާއަކަށް ވީ އޭގެ 14 މިނަޓު ފަހުން ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރުމެވެ. އެ ގޯލަކީ އެ ޓީމުގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ޖެހި ގޯލެކެވެ.

އެއްވަރަކާ އެކު ލިވަޕޫލަށް ހަމަކުރެވެން އޮތް ރެކޯޑުގެ އުންމީދު ގެެއްލެމުން ދަނިކޮށް 81 ވަނަ މިނަޓުގައި ލިވަޕޫލަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ ސާޑިއޯ މާނޭގެ ގޯލުންނެވެ.

comment ކޮމެންޓް