ބިލާލް ފިލިޕްސްގެ މައްސަލަޔާއި އިސްލާމޮފޯބިޔާ

ޖުލައި 13، 2017: "ޓުރޫލީ ސަކްސެސްފުލް ޕީޕަލް" ނަމުގައި ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް އިސްލާމީ މަރުކަޒު ބޭރުގައި ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބެއިފުޅުންގެ ބަހުގައި ޑރ. ބިލާލް ފިލިޕްސް އަކީ ހަރުކަށި ބެއިފުޅެކެވެ. އިންތަކާއި ހުދޫދުތަކުން ބޭރު ވެވަޑައިގެން ހުންނެވި ބެއިފުޅެކެވެ. ބައެއް މީހުންގެ ގާތުގައި އިލާހީ ހިދާޔަތު އެއްލައިލައިފައި ހިފާން އޮތް ދީނެއް ކަމުގައި ވެފައި ވާ ޑިމޮކްރެސީއާ ދެކޮޅު ބެއިފުޅެކެވެ. ޚާއްސަކޮށް "އަންހެނުންގެ ހައްގުތައް" ނިގުޅައިގަންނަވާ ބެއިފުޅެކެވެ.

އަޅުގަނޑު ޑރ. ބިލާލް ފިލިޕްސްގެ ފިކުރުފުޅުތަކާއި ރައުޔުތަކުގެ ހިމާޔަތުގައި ވާހަކަ ދައްކާކަށެއް ނުހަދާނަމެވެ. އެއް ސަބަބަކީ މިފަދަ ކޮލަމެއްގައި އެފަދަ ބޮޑު މަސައްކަތެއް ނުކުރެވޭނެކަމެވެ. ދެވަނަ ސަބަބަކީ އެފަދަ ކަމެއް ކުރާ ނަމަ، ޑރ. ބިލާލްގެ ހުރިހައި ފިކުރުފުޅަކާއި ރައުޔުތަކެއް އެކަށީގެންވާ ގޮތެއްގައި ދިރާސާ ކޮށް މުރާޖައާ ކުރާން ޖެހޭ އިރު، އެހައި ވަގުތު ވެސް ނެތުމެވެ. ނަމަވެސް ޑރ. ބިލާލާ މެދުގައި އެ ބެއިފުޅުން އެ ވިދާޅުވި ބަސްތަކުން، ދެ ބަޔަކަށް ދެ މިންގަނޑެއް، ނުވަތަ އިނގިރޭސި ބަހުން މި ކިޔާ "ޑަބަލް ސްޓޭންޑަރޑް" ފެނިގެން ދިޔަލެއް ބޮޑުކަމުން، އެ ވާހަކަ ދައްކާން ޖެހުނީއެވެ.

ޑރ. ބިލާލް ފިލިޕްސް ގޯސް ކުރައްވައި ވާހަކަ ދެއްކެވި ބެއިފުޅުންނަކީ ހުޅަނގުން، ދޮން މީހުންގެ ކިބައިން އަންނަ ކޮންމެ އެއްޗަކީ މުގައްދަސް އެއްޗެއް ކަމަށް ބައްލަވާ ބެއިފުޅުންނެވެ. އެ ބެއިފުޅުންނަށް މީހަކު ތައުލީމީ މީހަކަށް ވަނީ ހުޅަނގުގެ ގައުމަކުން ކިޔެވީމައެވެ. މީހަކު ތަހުޒީބު ވެއްޖެ ކަމަށް އެ ބެއިފުޅުން ބައްލަވަނީ ހުޅަނގުގެ އުސޫލުތަކަށް އެ މީހަކު އުޅުމުންނެވެ. ތަނެއްގައި ހެޔޮ ވެރިކަމެއް އޮތް ކަމަށް އެ ބެއިފުޅުން ބައްލަވަނީ ހުޅަނގުގެ ޑިމޮކްރަސީ އާއި ހުޅަނގުގެ މަލްޓި-ޕާރޓީ ނިޒާމު ކޮޕީ ކޮށްގެން ހިންގާ ކަންތައްގަނޑެއް އެ ތަނެއްގައި ހިންގޭ ނަމައެވެ. މުޖުތަމައެއްގައި އިންސާނީ ހައްގުތައް ރައްކައުތެރި ކުރެވިއްޖެ ކަމަށް އެ ބެއިފުޅުން ދެކެވަޑައިގަންނަވަނީ، އެ ތަނެއްގައި ހުޅަނގުގެ އިންސާނީ ހައްގުތަކުގެ މަފްހޫމުތައް ތަދުބީގު ކުރެވޭ ނަމައެވެ. އެހެންކަމުން ހަމަ ސުވާލު އުފެދެނީއެވެ. ޑރ. ބިލާލް ފިލިޕްސް އާ ދެކޮޅަށް އެ ބެއިފުޅުން ދެއްކެވި ވާހަކަތަކަށް ހެޔޮ ވިސްނުމަކުން ބަލައި ފިކުރު ކުރުމުން، ޖެހެނީ އަޖާއިބު ވާށެވެ. ހައިރާން ވެ އަންތަރީސް ވާށެވެ.

ޑރ. ބިލާލް ފިލިޕްސް ހަރުކަށްޓެވެ. ނަމަވެސް ހަމައެކަނި ޢިރާޤުން ބައި މިލިޔަން ކުޑަކުދީން އެއްވެސް ހައްގަކާ ނުލައި މަރައި ސުންނާފަތި ކުރި އިނގިރޭސި ވިލާތާއި އެމެރިކާ ހަރުކަށްޓެއް ނޫނެވެ. އެމީހުން ވަނީ "ހެޔޮ ނަމޫނާ" ތަކަކަށެވެ. ޑރ. ބިލާލަށް ވަކި ތަރާދެކެވެ. އިނގިރޭސީންނާއި އެމެރިކާނުންނަށް ވަކި ތަރާދެކެވެ. މި ގޮތް ރަނގަޅުތޯއެވެ؟

މިޞްރުގެ ތާރީޚުގައި ބޭއްވުނު ހަމައެކަނި ޖުމްހޫރީ އިންތިޚާބުގައި، އެ ގައުމުގެ ރައްޔިތުން ވެރިކަމަށް ހޮވި ރައީސް އަލްޙާފިޡް އައްޝަހީދު ޑރ. މުޙައްމަދު މުރްސީގެ ވެރިކަމާ ދެކޮޅަށް އަލްމާނީ ހައްދުފަހަނައެޅީން 2013 ވަނަ އަހަރު އަނިޔާވެރި ބަޣާވާތެއް ކުރިއެވެ. މިޞްރުގެ މަގުތަކަށް ފަސް ހާހަށް ވުރެ ގިނަ މުސްލިމުންގެ ލެއި އޮހޮރައިލިއެވެ. އެއިގެ ތެރޭގައި ހިމެނެނީ މުސްކުޅީންނާއި ޒުވާނުންނާއި ކުޑަކުދީންނެވެ. މަދަނީންނެވެ. މުސްލިމް ލީޑަރުންގެ ޅަޒުވާން ދަރީން ސްނައިޕަރުންގެ ބަޑިތަކުގެ ހަމަލާތަކުން ޝަހީދު ކޮށްފައި ވެއެވެ. މުސްލިމުންނާއި އިސްލާމީ ޙަރަކާތް ފަނާ ކުރުމުގެ ބޭނުމުގައެވެ. މި ކަމަށް ފައިސާ ދީ ހެދީ އެމެރިކާ އާއި ޔޫރަޕުންނެވެ. "ޑިމޮކްރެޓިކް" އުސޫލުތަކުގެ ތެރެއިން އަރަބި އިސްލާމީ ގައުމެއްގައި އުފެދުނު ހަމައެކަނި ސަރުކާރު ވައްޓައިލައި، ޢަބްދުލްފައްތާޙް އައްސީސީގެ އަނިޔާވެރި އަދި ޚުދުމުޚްތާރު ވެރިކަން ގާއިމު ކޮށްދިނުމުގެ އަޑީގައި ތިބީ ހުޅަނގާއި އިސްރާއީލެވެ. ނަމަވެސް "ޑިމޮކްރަސީ" އާ ދެކޮޅަށް ހިންގުނު މި ޖަރީމާ އެ ބެއިފުޅުންނަށް ގޯހެއް ނުވެއެވެ. އެ ޖަރީމާ ހިންގި އެމެރިކާ އާއި ޔޫރަޕާއި އިސްރާއީލާ ދެކޮޅަށް، ޑިމޮކްރަސީއާ ޚިލާފަށް ޢަމަލު ކުރީތީ ބަހެއް ވިދާޅުވާކަށް ކެރިވަޑައެއްނުގަނެއެވެ. އޭގެ ބަދަލުގައި އަދި ވެސް އެ ބެއިފުޅުން ވިދާޅުވަނީ އެމެރިކާ އާއި ޔޫރަޕާއި އިސްރާއީލަކީ ތެދުވެރިކަމާ އެކު ޑިމޮކްރަސީ އާއި ޖުމްހޫރިއްޔަތަށް ޚިދުމަތް ކުރާ ތަހުޒީބީ ގައުމުތައް ކަމުގައެވެ. ޑިމޮކްރަސީއާ ދެކޮޅު ވެގެން ދަންމަޅިޔަށް ފައްތާން ޖެހެނީ ޑރ. ބިލާލް ފިލިޕްސް އާއި، އޭނާ ފަދަ މުސްލިމުންނެވެ. ހުޅަނގުން އިސްލާމީ ދުނިޔޭގެ އެތައް ގައުމެއްގައި ގަދަބާރާއި ފައިސާޔާއި ސިޔާސީ ފިއްތުންތަކުގެ ބާރުގައި ޚުދުމުޚްތާރު ލީޑަރުން "އިންދައިގެން" އުޅޭ އުޅުމާ މެދަކު އެ ބެއިފުޅުންގެ ހަމަ އެއްވެސް މައްސަލައެއް ނެތެވެ. މިއީ ހަމަ އިންސާފުތޯއެވެ؟ މިއީ ޑިމޮކްރަސީއަށް ތެދުވެރި ވުންތޯއެވެ؟ ޑރ. ބިލާލް ޑިމޮކްރަސީއާ ދެކޮޅަށް ވާހަކަ ދެއްކެވުމުން އޭނާ ގޯސް ވެފައި، މުޅި އިސްލާމީ ދުނިޔޭގައި ޚުދުމުޚްތާރިއްޔަތު ފަތުރައި ދަމަހައްޓާ ހުޅަނގު ރަނގަޅު ވުން، އެއީ ހަމަ ހަމަތޯއެވެ؟

ޑރ. ބިލާލް ފިލިޕްސް އަކީ އަންހެނުންނަށް ނިކަމެތިކޮށް ހިއްތަވާ، އަދި އަންހެނުންގެ ހައްގުތަކާ ދެކޮޅު ބެއިފުޅެއް ކަމުގެ ތުހުމަތު އެ ބެއިފުޅުން ކުރެއްވިއެވެ. މި ކަމުގައި ވެސް އެ ބެއިފުޅުންގެ ބަސްފުޅުން ފެންނަނީ މުނާފިގުކަމޭ ދެންނެވުން ފިޔަވައި، ދެން ބުނެވޭނެ އެހެން އެއްޗެއް އޮތް ކަމަކަށް ނުފެނެއެވެ. ޑރ. ބިލާލަށް އެ ބެއިފުޅުން އެއްޗެތި ވިދާޅުވަނީ އޭނާ އަންހެނުންނަށް ނިކަމެތިކޮށް ހިއްތަވާ ކަމަށް އެ ބެއިފުޅުން ކުރައްވާ އަސާސެއް ނެތް ތުހުމަތެއްގެ މައްޗަށް ބިނާ ކުރައްވައެވެ. ނަމަވެސް އެ ބެއިފުޅުން ސާހިބުން ކަމުގައި އަދި އެކުވެރި ރަހުމަތްތެރީން ކަމުގައި ބައްލަވައިގެން އެ އުޅުއްވާ އިސްތިއުމާރީންނާއި އިސްލާމޮފޯބުން މުސްލިމް އަންހެނުންނަށް، ހިތްތައް ބިރުން ފިތް ކަނޑައިގެންދާ ފަދަ އަނިޔާތައް ކުރާ އިރު، އެކަމާ ދެކޮޅަށް އެ ބެއިފުޅުންގެ އަނގަފުޅުތަކުން ބަހެއް ބޭރެއް ނުވެއެވެ. އަދި އެފަދަ އަނިޔާތަކެއް މުސްލިމުންނަށް ކުރާތީއޭ ކިޔައިފައި، އިސްތިއުމާރީންނާއި އިސްލާމޮފޯބުންނާ ދުރުހެލި ވާން އެ ބެއިފުޅުން ގޮވައެއްވެސް ނުލައްވައެވެ.

ބައެއް ހާދިސާތަކަށް ބަލައިލަމާ ހިންގަވާށެވެ.

ނަވާރަސަތޭކަ އަށްޑިހަ ދެ ވަނަ އަހަރުން ފެށިގެން 1995 އާ ހަމަޔަށް، އިސްތިއުމާރީންގެ ފުރިހަމަ ރޭވުންތެރިކަމުގެ ތެރެއިން، މުސްލިމް ބޮސްނިޔާގައި ނަޞާރާ ޙައްދުފަހަނައެޅީން މުސްލިމުންގެ އަންހެން ކުދީންނާއި އަންހެނުން ރޭޕް ކުރުމުގެ ހޯލްސޭލް ބާޒާރެއް ގާއިމު ކުރިއެވެ. ޑރ. ބިލާލް ފިލިޕްސް ގޯސް ކުރެއްވި ބެއިފުޅުން، އެކަމާ ބެހޭގޮތުން އެއިރަކު ވެސް އަދި މިހާރަކު ވެސް ވާހަކައެއް ނުދައްކަވައެވެ. ޖަރުމަނުގެ ކޯޓެއްގެ ޝަރީއަތުގެ މަޖިލިހުގައި މުސްލިމް އަންހެނެއް ކަމުގައި ވާ މަރްވާ އައްޝަރްބީނީ ކޮށައި ފޮތިފޮތި ކޮށްލެވުނެވެ. އޭނާގެ ފިރިމީހާ އާއި ތިން އަހަރު ވީ ކުޑަކުޑަ ދަރިފުޅުގެ ކުރިމަތީގައެވެ. ނަމަވެސް އޭނާގެ ހައްގުގައި އެ ބެއިފުޅުން ވިދާޅުވި ބަހެއް، ކުރެއްވި އަމަލެއް ނެތެވެ. އިނގިރޭސި ވިލާތުން، ޖަރުމަން ވިލާތުން، އޮސްޓްރޭލިޔާ އިން، އެމެރިކާ އިން، ފަރަންސޭސި ވިލާތުން، ހަމައެކަނި ބޯ ނިވައި ކޮށްގެން ތިބޭތީ އަނިޔާވެރި ހަމަލާތަކުގެ އަމާޒުފަތްގަނޑުތަކަކަށް ވަމުންދާ މުސްލިމް އަންހެނުންގެ ދިފާއުގައި މި ބެއިފުޅުން ވިދާޅުވާ ބަހެއް ނެތެވެ. އެފަދަ ކަންކަން އެ ގައުމުތަކުގައި އިތުރު ވަމުން، އެ ގައުމުތަކުގެ ސަރުކާރުތަކާއި ސިޔާސީ ލީޑަރުންނާއި އަމިއްލަ އެކިއެކި ފަރާތްތަކުން މުސްލިމުންނާ ދެކޮޅު ޕްރޮޕެގެންޑާތަކާއި އަމަލުތައް ވަރުގަދަ ކުރަމުން ގެންދާ އިރު ވެސް، އެ ގައުމުތަކާ ދެކޮޅަށް ހައްގު ބަސް އިއްވަވާކަށް އެ ބެއިފުޅުންނަކަށް ކެރިވަޑައެއްނުގަންނަވައެވެ.

އަދިވެސް އެފަދަ ހާދިސާތައް އެބަހުއްޓެވެ.

އިސްތިއުމާރީ ޒައިނިސްޓުން އެމީހުންގެ ބުލްޑޯޒަރެއްގެ ދަށުގައި ރޭޗަލް ކޮރީ ޝަހީދު ކޮށްލިކޮށްލުމާ ދެކޮޅަށް އަނގަ ހުޅުއްވަވާކަށެއް، ޑރ. ބިލާލް ފިލިޕްސް އަންހެނުންގެ ހައްގުތަކާ ދެކޮޅު ކަމުގައި ވިދާޅުވެ އޭނާ ރާއްޖެ ވަޑައިގަތަނުދެއްވާން ގޮވައިލައްވާ ބެއިފުޅުންނަކަށް ކެރިވަޑައެއްނުގަތެވެ. ޒައިނިސްޓުންގެ އަނިޔާވެރި ހަމަލާތަކުގައި ދާދި ފަހުން ޝަހީދު ވެގެން ދިޔަ ކުޑަކުޑަ އާއިޝާ ލުއުލުއު އާއި، ރަޒާން އައްނައްޖާރުގެ ވާހަކަ ވެސް މި ބެއިފުޅުން ނުދައްކަވާނެއެވެ. އުމުރުން ސޯޅަ އަހަރުގައި އިސްރާއީލުގެ އަނިޔާވެރި ޖަލެއްގައި އަށްމަސް ދުވަސް ހޭދަ ކުރާން ޖެހުނު އާޙިދް ތަމީމީގެ ހައްގުގައި މި ބެއިފުޅުން އަނގަފުޅު ހުޅުއްވަވާ ތަނެއް ވެސް ބައެއްގެ މޫނުގައި ހުރި ލޯތަކަކަށެއް ނުފެންނާނެއެވެ. އެ ބެއިފުޅުން އެ ވާހަކަ ނުދައްކަވާނީ، އެ ވާހަކަ ދެއްކުމުން އިސްރާއީލާއި އެމެރިކާ އާއި ޔޫރަޕް ރުޅި އަންނާނެތީއެވެ. ހުޅަނގުގެ ސާހިބުންގެ "ކަޅު ލިސްޓަށް" އެ ބެއިފުޅުންގެ ނަންފުޅުތައް އަރައިފާނޭ ކަމަށް ބިރުފުޅުންނެވެ.

އެމެރިކާގެ ސަރުކާރުން، އެމެރިކާގެ އަސްކަރިއްޔާއިން، ބައިނަލްއަގުވާމީ އެންމެހައި ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ދިން އަނިޔާވެރި ހަމަލާއެއްގައި މުސްލިމް އަންހެން ކުއްޖެއް ކަމުގައިވާ ނަބީލާ ރަޙްމާންގެ މުޅި ދިރިއުޅުން ބަރުބާދު ވެގެން ދިޔައެވެ. ނަމަވެސް އެއްކަލަ ބެއިފުޅުން "ތަށަށް ކިޔަނީ މަރިޔަބުހޭ" ވެސް އައްސަވައެއްނުލައްވައެވެ. އިސްތިއުމާރީ ލާޓުސާހަބުން ދެކެ ބިރުފުޅުންނެވެ. އެމީހުން ކުރާ ކަމަކަށް ފާޑު ވިދާޅުވާނޭ ހިތްވަރުފުޅު ހަމަ ނުހުންނަނީއެވެ. "ޑަބަލް ސްޓޭންޑަރޑް"ގެ ތަރާދުން، އިސްތިއުމާރީ ސާހިބުން ކިތަންމެ ބުރަދަން ބޮޑު އަނިޔާއެއް ހިންގިޔަސް، އެ އަނިޔާގައި އަނިޔާގެ ބުރަދަނެއް ހުރިކަމަށް ނުދައްކަނީއެވެ.

މި ބެއިފުޅުންގެ ގާތް އެކުވެރީންގެ އަމަލުތަކަށް ބެލިޔަސް ހަމަ ފެންނަނީ އެއް މަންޒަރެކެވެ. މަޝްހޫރު އިސްލާމޮފޯބް އަދި އިސްތިއުމާރީންގެ ކުޅޭބުދު އާންގ ސަން ސޫ ޗީގެ އަނިޔާވެރި ސިފައިން ރޮހިންގްޔާ މުސްލިމުންގެ ތެރެއިން އެތައް ހާސް އަންހެނުންނާއި އަންހެން ކުދީން ރޭޕް ކޮށް އެތައް ހާސް އަންހެން ކުދީންނެއްގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލި މަންޒަރު އަޅުގަނޑުމެން އެންމެ ދުށީ އިއްޔެއެވެ. އާންގ ސަން ސޫ ޗީ، ރޭޕް ކުރެވުނު މުސްލިމް އަންހެނުންނަށް ފުރައްސާރަ ކޮށް މަލާމާތް ކުރި ތަން ވެސް އަޅުގަނޑުމެން އިއްޔެ ދުށީމުއެވެ. ނަމަވެސް ޑރ. ބިލާލް ފިލިޕްސްއާ ދިމާ ކުރެއްވި ބެއިފުޅުން، ސޫ ޗީ އާއި އޭނާގެ ޖަމާއަތާ ދެކޮޅަށް އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި ވާހަކައެއް ނުދައްކަވައެވެ. ސުނީތާ ސިންގް ގޯޑް، ހިންދޫންގެ ފިރިހެނުން ގޭންގް ހަދައިގެން ނުކުމެ މުސްލިމުންގެ ގެތަކަށް ވަދެ، މުސްލިމުންގެ މައިންނާއި އުޚްތުންނާއި އަންހެން ދަރީން ރޭޕް ކުރާން ގޮވައިލީމާ މި ބެއިފުޅުންނަކަށް އެކަމާ ދެކޮޅަށް ބަހެއް ވިދާޅުވެ، އަންހެނުންގެ ދިފާއުގައި ތިމާމެންގެ ހުރި ސާބިތުކަން ދައްކަވާކަށް ކެރިވަޑައެއްނުގަތެވެ. އިންސާނިއްޔަތުގެ ޒަމީރު ގުޑުވައިލި ދުވަހެއްގައި، އާސިފާ ބާނޫގެ ހައްގުގައި އެއްޗެއް ބުނާން ވީމާ ވެސް، އަމިއްލަޔަށް އިންސާނީ ހައްގުތަކުގެ ޗެންޕިއަނުން ކަމަށް ހެދިގަނެގެން އުޅުއްވާ މި ބެއިފުޅުންގެ ދޫފުޅުތައް ބަންދު ވެ ތަޅު އެޅުވުނީ އަޅުގަނޑުމެން އެންމެން ބަލަހައްޓައިގެން ތިއްބައެވެ.

އަދިވެސް އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ޓަކައި ކޮއްޕައި ދުރަށް ލާން ވީ ޑރ. ބިލާލް ފިލިޕްސްތޯއެވެ؟

މި ދަންނަވަނީ ފިސާރި ތެދެކެވެ. އެއީ އިސްލާމޮފޯބުންނެވެ. އެއިއްޔަކީ ލާދީނީންނެއް ނޫނެވެ. އަލްމާނީންނެއް ވެސް ނޫނެވެ. އެއީ އިސްލާމޮފޯބުންނެވެ. އެމީހުންގެ ހިތްތަކުގައި އިސްލާމް ދީނާ މެދުގައި އޮންނަނީ ރުޅިޔާއި ނަފްރަތެވެ. އެމީހުން އިސްލާމް ދީން ދެކެ ގަންނަނީ ނުބައި ފާޑެއްގެ ބިރެކެވެ. އިސްލާމީ ގައުމެއްގައި ވެސް، ބަޔަކު އިސްލާމް ދީނާ އެއްގޮތަށް އުޅޭން މަސައްކަތް ކޮށްފި ނަމަ، އެމީހުން ބިރުން ދެކަމު ހާޖަތަށް ދެވެއެވެ. ރުޅިޔާއި ނަފްރަތުގެ ސަބަބުން އެމީހުންގެ ހަމަބުއްދިތައް ފަސް ވެ، ދުލުން މަރުގޯސް ގޮވެއެވެ. އަތުންފައިން ގޯސް ހެދެއެވެ. ނުވަ އަހަރުގެ އަންހެން ކުދީންނާ ކައިވަނި ކުރަނީޔޭ، ޓެރަރިސްޓުންނޭ، ހައްދުފަހަނައެޅުމޭ، ޖާރިޔާއިންނޭ، އަންހެން ކުދީން ޚިތާނު ކުރުމޭ ކިޔައިގެން އެމީހުން ހަޅޭއްލަވަނީ އެއްވެސް ހާލެއްގައި މުސްލިމުންގެ މެދުގައި ހުރި މައްސަލަތަކަކާ މެދު ކަންބޮޑު ވެގެންނެއް ނޫނެވެ. އިސްލާމީ އުއްމަތުގެ ހާލަތާ މެދު ވިސްނާތީއެއް ނޫނެވެ. އެއްވެސް މީހަކަށް ހެޔޮ އެދިގެން، އެއްވެސް ބަޔަކަށް ހެވެއް ހޯދައިދެވޭތޯއެއް ނޫނެވެ. އެއީ އިސްލާމް ދީން ދެކެ އަންނަ ނުބައި ރުޅިއެއްގައި، އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އިސްލާމް ދީނުގެ އަގު ވައްޓައިލެވޭތޯ ހިންގާ އަޚްލާގީ ޖަރީމާތަކެވެ. މުސްލިމުންގެ ޒުވާން ޖީލުތަކުގެ ހިތްތަކުން އިސްލާމް ދީނާ މެދު ލޯތްބާއި ގަދަރު ނެތި ކޮށްލުމަށް ޓަކައި ހިންގާ ޖަރީމާތަކެވެ. މުސްލިމް މައިންބަފައިންނަށް އުފަން، މުސްލިމުންގެ ސަފުތަކުގެ ތެރެއިން ފައުޅު ވެގެން އުޅޭ މި އިސްލާމޮފޯބުންނަކީ މިއަދު އިސްލާމީ އުއްމަތަށް ޖެހިފައި ވާ އެންމެ ބޮޑު މުސީބާތެވެ. މިއީ މުޅި އުއްމަތަށް ޖެހިފައި ވާ ބޮޑު ކެންސަރެކެވެ.

މި ދަންނަވާ އިސްލާމޮފޯބުންގެ ބުއްދީގައި ހުންނާނީ އިސްލާމް ދީނާއި އިސްލާމީ އުއްމަތާ ދެކޮޅަށް މީގެ އެއްހާސް އަހަރު ކުރީއްސުރެ ހަނގުރާމަ ކުރަމުން އަންނަ އިސްތިއުމާރީން އަޅައިދޭ އެއްޗެއްސެވެ. އެމީހުންގެ ސިކުނޑިތައް ހުންނަނީ އިސްތިއުމާރީންގެ ކުރިމަތީގައި ބިމުގައި ބަނޑު ޖައްސައި ކުރުނީސް ކުރާ ދަރަޖަޔަށް ދޮވެލެވިފައެވެ. އެހެންކަމުން އިސްތިއުމާރީ ސާހިބުންގެ ބަހާ ޚިލާފު ވުމުގެ ހިތްވަރެއް އެމީހުންގެ ކިބަޔަކު ނުހުރެއެވެ. އެމީހުންގެ އަސްލު މަގުސަދަކީ އިސްތިއުމާރީ ސާހިބުން އުޅޭ ގޮތް ކޮޕީ ކުރުމެވެ. މުސްލިމުންގެ ތެރޭގައި އެ ގޮތްތައް ފެތުރުމެވެ. މުސްލިމުން އިސްލާމް ދީނުގެ ނިޒާމުގެ ތެރެއިން ނެރުމެވެ. އިސްލާމީ ޝަޚްސިއްޔަތާއި ފިކުރު މުސްލިމުންގެ ތެރެއިން ފިލުވައިލުމެވެ. އަޅާ ހެދުމާއި ކައިބޮއި އުޅޭ އެއްޗެތީން ފެށިގެން ގޮސް ހަމަ ހުރިހާ ކަމެއްގައި، މުސްލިމުން އިސްލާމް ދީނާއި އިސްލާމީ ސަގާފަތާ ދުރުހެލި ކުރުމެވެ. މުސްލިމުންނަކީ ހުޅަނގުގެ ޑިމޮކްރެސީ އާއި، ހުޅަނގުގެ ލެއިޒޭ ފެއަރ ކެޕިޓަލިޒަމާއި، ހުޅަނގުގެ ޕާޓީ ނިޒާމަށް ތަބައަ ވާ ބަޔަކަށް ހެދުމެވެ. އިންސާނީ ހައްގުތަކާ ބެހޭގޮތުން ހުޅަނގުން ގެންގުޅޭ އުސޫލުތަކުގެ ކުރިމަތީގައި މުސްލިމުންގެ ކަނދުރާތައް ގުދު ކުރުވުމެވެ. އިސްލާމް ދީނާ މެދު މުސްލިމުންގެ ހިތްތަކުގައި އޮންނަ ގަދަރާއި ލޯތްބާއި އިހުތިރާމު ނެއްތައިލުމެވެ. މާތްރަސްކަލާނގެ ވަޙީ ބަސްފުޅަށާއި އެކަލާނގެ ނަބިއްޔާގެ ސުންނަތަށް މުސްލިމުން ކުރާ އިތުބާރު ވެސް ނެއްތައިލުމެވެ.

އިސްލާމޮފޯބުންގެ ވާހަކަތަކާއި ޢަމަލުތަކަށް ކޮންމެ ދިމާޔަކުން ބަލައިލިޔަސް، އެމީހުންގެ ފިނޑިކަމާއި، މަކަރުވެރިކަމާއި، ދެފުށްދެގޮތްކަމާއި، ދޮގުވެރިކަމާއި، ޣަދަރުވެރިކަމާއި، ޚިޔާނާތްތެރިކަމުގެ ހެކިތައް ފެންނާނެއެވެ. އެމީހުން ޖުމްހޫރިއްޔަތާއި ރައްޔިތުން ބާރުވެރި ކުރުވުމުގެ ޝިއާރުތައް އުފުލާނެއެވެ. އިންސާނީ ކަރާމާތާއި ޝަރާފަތާއި ހުރުމަތާއި ހައްގުތަކަށް އިހުތިރާމު ކުރާ ބައެއް ކަމުގައި ހެދިގަނެގެން އުޅޭނެއެވެ. އަންހެނުންނާއި ކުޑަކުދީންގެ ހައްގުތަކާއި މަސްލަހަތުތައް ރައްކައުތެރި ކުރާން އުޅޭ ބައެއް ކަމުގައި ދެއްކިގަނެގެން އުޅޭނެއެވެ. ނަމަވެސް މި ހުރިހައި ކަމެއް ވެސް އެމީހުން ކުރަނީ މުސްލިމުން ހައްލައިލުމަށް ޓަކައެވެ. އެމީހުންގެ ދޫތަކުން ދޮގު ފިޔަވައި އެހެން އެއްޗެއް ބޭރެއް ނުވާނެއެވެ. ހަގީގަތުގައި މުސްލިމް ރައްޔިތުން ބާރުވެރި ކުރުވާކަށް އެމީހުންނަކަށް ނުވެސް ކެރޭނެއެވެ. އިސްލާމީ އެއްވެސް ގައުމެއްގައި، މުސްލިމުންނަކީ އިސްލާމް ދީނުގެ ތަރަހައިގެ މަތީގައި، ހެޔޮ އަދި ރަނގަޅު ބުއްދިތަކަކުން މިނިވަންކަމާ އެކު ވިސްނާ، އަދި އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ބާރުވެރި ވެފައި ވާ ބަޔަކަށް ވެއްޖެ ނަމަ، އިސްލާމޮފޯބުންނަށް އެ ގައުމެއްގައި "ގުންފައި ޖަހަމުން" އުޅުމުގެ ފުރުސަތެއް ދެން ނޯންނާނޭތީއެވެ. އިސްލާމޮފޯބުންނަށް ޑރ. ބިލާލް ފިލިޕްސް ގޯސް ވަނީ އޭނާގެ އިލްމީ ރައުޔެއް ގޯސް ވާތީއެއް ނޫނެވެ. އެމީހުން އޭނާ ދެކެ ރުޅި އަންނަނީ އޭނާޔަކީ އިސްލާމް ދީނަށް ގޮވައިލާ މީހަކަށް ވާތީއެވެ.

comment ކޮމެންޓް