ވިލިމާލެއިން ގެއްލުނު ކައިވެނީގެ އަނގޮޓި ފެނުނީ 10 އަހަރު ފަހުން

ގެއްލުނު އަނގޮޓިއަކީ ކައިވެނީގެ އަނގޮޓި --- ފޮޓޯ : އިޔާޝާ އަލީ

ކައިވެނިކޮށްގެން މާ ގިނަ ދުވަހެއް ނުވެ، 2009 ވަނަ އަހަރު ވިލިމާލެއަށް ބަދަލުވެ އުޅެނިކޮށް ގެއްލުނު ކައިވެނީގެ އަނގޮޓި 10 އަހަރު ފަހުން ހުޅުމާލެއިން ފެނިއްޖެ އެވެ. މިވާހަކަ ގަބޫލުކުރަން އުނދަގޫ ދޯ އެވެ؟

ނަމަވެސް މިއީ، މާލެއަށް ނިސްބަތްވާ އިޔާޝާ އަލީ ކިޔާ ދިވެއްސަކަށް ދިމާވި ހަގީގީ ހާދިސާއެކެވެ.

އޭނާގެ އަގޮނޓި ގެއްލުނު ގޮތުގެ ވާހަކަ "ސަން" އަށް ކިޔައިދެމުން އިޔާޝާ ބުނީ އޭނާ އެންމެ ފުރަތަމަ ދިރިއުޅެމުން ދިޔައީ މާލޭގައި ކަމަށެވެ. އަދި ކައިވެނިކޮށްގެން ވިލިމާލެއަށް ބަދަލުވީ ފިރިމީހާ ހިޝާމް މުހައްމަދާއެކުގައި ކަމަށެވެ. ދެމަފިރިންގެ ކައިވެންޏަށް ފަހު ވިލިމާލެއަށް ބަދަލުވެ، ކައިވެންޏަށް ދެ މަސް ނުވަނީސް އަނގޮޓި ގެއްލުނު ކަމަށް އޭނާ ބުންޏެވެ.

"ދެން އެ ބޭއްވުނުހެން ހީވާ ތަންތަނާ ހުރިހާ ތަނެއް ހަމަ ބަލަންފެށީ،" އޭނާ ކިޔައިދިނެވެ.

ކައިވެނީގެ އަނގޮޓި ގެއްލިފައިވަނީ ކައިވެންޏަށް ދެ މަސްތެރޭގައި -- ފޮޓޯ : އިޔާޝާ އަލީ

އިޔާޝާ ބުނީ އަނގޮޓި ގެއްލުނު ފަހުން، އެއް އިރަކު ވެސް އޭތި ނުފެންނާނެ ކަމަށް ހީނުކުރާ ކަމަށެވެ. އަދި އެ ހޯދުން ހުއްޓާ ނުލާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދެން އަހަރެއް ހާ ދުވަސް ފަހުންވެސް އެ ހޯދަން އުޅުމުން ފިރިމީހާ ބުނީ މިހާރު އެއް ގެއްލުނީ އޭ. ދެން އެ އަނގޮޓި ނުފެންނާނެއޭ. އެކަމުވެސް އެ ނުފެންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ބުންޏެވެ.

ގޭގައި ހުންނަ އެއްޗެހި ގިނަ ވުމުން އެ އެއްޗެހި މަދުކުރަން ފިރިމީހާ ދޭތެރެއިން ބުނާނެ ކަމަށާއި އަދި އެގޮތަށް އެއްޗެހި އުކާލަން މަސައްކަތްކުރާއިރު ވެސް އެ އަނގޮޓި ފެނޭތޯ ބަލާ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އެއްޗެހި އުކާލާއިރު ފިރިމީހާ އެއްވެސް ވަރަކަށް ނުބަލާނެ ކަމަށް އިޔާޝާ ފާހަގަކުރި އެވެ.

ކައިވެންޏަށް 10 އަހަރު ވިއިރު ދެމީހުން ހުޅުމާލެއަށް ބަދަލުވި ކަމަށް އިޔާޝާ ފާހަގަކުރިއެ ވެ.

"ދެން މިކޮޅަށް އައިސްވެސް އެއްޗެހި މަދުކުރަން އުޅެނިކޮށް ފެނުނީ ފިޔާތޮށިކުލައިގެ ޕާސް އެއް،" އިޔާޝާ ބުންޏެވެ.

އަނގޮޓި ފެނުމުން ވަރަށް އުފާވި ކަމަށް އިޔާޝާ ބުނި --- ފޮޓޯ : އިޔާޝާ އަލީ

އެ ޕާސް ދެމަފިރިންނަށް ވެސް ހާއްސަ އެވެ. އެއީ އެ ޕާސްގައި ބޭނުންކޮށްފައިވާ ހާއްސަ ކީޗެއިންގައި އެލުވާފައިވާ ފުލަކީ ރިޔާޝާގެ ފިރިމީހާ އޭނާއަށް ދީފައި އޮތް ހަދިޔާ އެކެވެ.

"އެއީ ކުރީން ދެމީހުން ރަށްޓެވިގެން އުޅުނު އިރު ހިޝާމް ގެނެސްދިން ހިތުގެ އެއްފަޅި އިންނަ ފުލެއް. އޭގެ އަނެއްފަޅި އޭނާއަށް. ދޭތި އެއްކޮށްލީމައި ހިތެއް،" އިޔާޝާ ބުންޏެވެ.

ކޮންމެއަކަސް އެ ޕާސް އެއްލާލަން އުޅެފައި ހިޝާމް އޭގެ އެތެރެ ބެލި އެވެ. ބަލައިލިއިރު، މީގެ 10 އަހަރު ކުރީން ގެއްލުނު އަނގޮޓި އޮތީ އެ ޕާސް ތެރޭގަ އެވެ.

"ފިރިމީހަ ބުނީ، މިއޮތީ އެންނުންހޭ ގެއްލުނު އަނގޮޓި. އަޅުގަނޑު ވަރަށް އުފާވި އަނގޮޓި ފެނުމުން. އަސްލު އޭނާ އާންމުކޮށް ނުވެސް ބަލާނެ އެއްޗެއް އެއްލާލާއިރު. އެކަމު މިފަހަރު ބެލީ،" އިޔާޝާ ކިޔައިދިނެވެ.

އިޔާޝާ ބުނީ އެ އަނގޮޓި ފެންނާނެ ކަމުގެ އުއްމީދު ދުވަހަކުވެސް ގެއްލުވާ ނުލާ ކަމަށެވެ.

comment ކޮމެންޓް