ކޮވިޑް 19އަށް އެޅި ފިޔަވަޅުތައް ދަމަހައްޓަން ރައީސް އިރުޝާދު ދެއްވައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވުމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް-19އިން ރައްކާތެރިވާން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓައި، ބަރާބަރަށް އެކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވުމަށްޓަކައި ރައީސް ޞާލިހު ވަނީ މިއަދު ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރައްވާފައެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިސް ޑޮކްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ކޮވިޑް-19 ވައިރަހާ ގުޅިގެން އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްގައި ވެސް ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ރައީސް ޞާލިހު ދެއްވި އެވެ.

މި ވައިރަހާ ގުޅިގެން ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އޮޅުންފިލުއްވައި، އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިރުޝާދު ދެއްވި އެވެ. އަދި އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރާއި، މިކަމުގައި އެހެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި މި ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

comment ކޮމެންޓް