ޒިކުރާ މިސްކިތު ޕްރޮޖެކްޓްގައި ބޮޑެތި މައްސަަތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޖޭ ކޮންސްޓްރަކްސަންއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ

"ދާރުލް ޒިކްރާ"ގެ ނަމުގައި މާލޭގައި އަޅާ 10 ބުރީގެ މިސްކިތެއް އިމާރާތް ކުރަން އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮޖެކްޓްގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އިސްލާމިކް މިނިސްޓްރީގެ އޮޑިޓްް ރިޕޯޓުން ހާމަވެއްޖެއެވެ.

އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާއެކު ސޮއިކުރީ ޖުލައި، 9، 2018، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުރިއަށް ގެންދާ، އެ މަޝްރޫއަށް 130 މިލިއަން ރުފިޔާ ހަރަދުކުރާއިރު މިނިސްޓްރީން ވަނީ 30 މިލިއަން ރުިފޔާ ހަރަދުކޮށްފައެވެ. އަދި ބާކީ 100 މިލިއަން ރުފިޔާ ހަރަދުކުރަން ހަވާލުކުރީ ކޮންޓްރެކްޓާއަށެވެ. އޭގެ ބަދަލުގައި ހަތް ފަންގިފިލާ 10 އަހަރަށް ކޮންޓްރެކްޓާއަށް ލިބެއެވެ.

އެއްބަސްވުމުގެ ދަށުން ފުރަތަމަ ފަންގިފިލާ ބޭނުންކުރާނީ މިސްކިތުގެ ގޮތުގައެވެ. އަދި ބާކީ ފަންގިފިލާތައް ބޭނުންކުރާނީ އޮފީސް ޖާގަ ހިމެނޭގޮތަށެވެ.

އެއްބަސްވުމާއެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ އެ އެއްބަސްވުން މިދިޔަ އަަހަރު މޭމަހު ވަނީ ބާތިލްކޮށްފައެވެ. އަދި އޭގެ ބަދަލުގައި 141 މިލިއަން ނަގައިދިނުމަށް އެސްޖޭ ކޮންސްޓްރަކްޝަންއިން ވަނީ ދައުވާކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވާގޮތުގައި ޒިކުރާ މިސްކިތް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރިއިރުވެސް އެ މިސްކިތް އަޅާ ބިމުގެ ރަޖިސްޓްރީ މިނިސްޓްރީގައި ނެތް ކަމަށެވެ.

"އެއްބަސްވުމުގއި ސޮއިކުރިއިރު މަޝްރޫއުކުރިއަށް ގެންދިއުމަށް ބޭނުންވާ މައިގަނޑު ޑޮކިއުމަންޓެއް ކަމަށްވާ ބިމުގެ ރަޖިސްޓްރީ ނެތްކަމާއި އަދި އެބިމަކީ ކޮންފަރާތެއްގެ ބެލުމުގެ ދަށުގައިވާ ބިމެއްކަން ބަޔާންކޮށްފައިނުވާކަން ފާހަގަކުރަމެވެ." އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައިވެއެވެ.

ދެފަރާތުން ހުށަހެޅި މިސްކިތުގެ ޕްރޮޖެކްޓް ޕްރޮޕޯސަލްގައި ކޮންޓްރެކްޓާއަށް ހަ ފަންގިފިލާ 10 އަހަރަށް ދޭން ހުށަހަޅާފައި އޮތް ނަމަވެސް ހަތް ފަންގިފިލާ ކޮންޓްރެކްޓާއަށް ދޭން އެއްބަސްވުމުގައިވާކަންވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ބިމުގެ ރަޖިސްޓްރީއާއި ޕްރޮޖެކްޓްގެ ބީއޯކިއުއާއި ޓެކްނިކަލް ސްޕެސިފިކޭޝަން އޮޑިޓަރުންނަށް ހުށަހަޅާފައިނެތްކަން އޮޑިޓް ރިޕޯޓްގައު ބުނެފައިވެއެވެ. އަދި އިމާރަތުގެ ސްޓްރަކްޗަރަލް ޑްރޯވިންއާއި އާކިޓެކްޗަރަލް ޑްރޯވިން މިނިސްޓްރީއަށް ހުށަހަޅާފައިނުވާކަމަށް ބުނެފައިވެއެވެ.

ޒިކުރާ މިސްކިތުގެ އެއްބަސްވުން އެކުލަވާލިއިރު އެޓާނީ ޖެނެރަލްގެ އޮފީހުން ހޯދަން ޖެހޭ ލަފާ ހޯދައިފައިނުވާކަންވެސް އެ އޮފީހުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީން އެނގޭކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

comment ކޮމެންޓް