އައިއޭއެސްގެ ދަރަނި އިތުރު، ލިބެންޖެހޭ ފައިސާވެސް ނުލިބޭ

އައިއޭއެސް އިން ހިންގާ ނ މާފަރު އެއާޕޯޓު -- ސަން ފޮޓޯ: އަހުމަދު އައުޝަން

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުގެ ދަރަނި އިތުރުވަމުންދާ ކަމަށާއި އެ ކުންފުންޏަށް އެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާވެސް ނުލިބި އެބަހުރި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ކުރިއަށް ގެންދިޔަ އައިލެންޑް އޭވިއޭޝަނުގެ ހާއްސަ އޮޑިޓާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމެޓީއާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މި އޮޑިޓުގައި ހަރަކާތްތެރިވި ބޭފުޅުން ވަނީ އޮޑިޓް ކުރިއަށް ގެންދިޔުމުގައި މައިގަނޑު ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ކުންފުނި މާލީގޮތުން ދެމިއޮތުމުގެ މިންގަނޑާއި ކުންފުނިން އެކި ފަރާތްތަކާއެކު ކޮންޓްރެކްޓް ގާއިމް ކުރުމުގައި ގެންގުޅޭ ހަމަ އާއި އުސޫލުތަކުގެ އިތުރުން ކުންފުންޏަށް މުވައްޒަފުން ވެއްދުމާއި ވަކިކުރުން އަދި ޕްރޮމޯޝަން ދިނުމުގައި އެކުލަވާލާފައިވާ އުސޫލުތައް ތަންފީޒު ކުރާ މިންވަރެވެ.

އޮޑިޓް އޮފީހުން ކުރިއަށްގެންދިޔަ އޮޑިޓާ ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓާ ގުޅޭ ޕްރެޒެންޓޭޝަނެއް އެ އޮފީހުގެ މުވައްޒަފުން މިއަދު ވަނީ ކޮމެޓީއަށް ހުށަހަޅައިދީފައެވެ. އެގޮތުން އައިއޭއެސްގައި މުވައްޒަފުން ވައްދާ ވަކިކޮށް، ޕްރޮމޯޝަން ދޭނެ އެޕްރޫވްޑް ޕޮލިސީއެއް ނެތް ކަމަށާއި އޮޑިޓް ކުރިއަށް ގެންދިޔައިރު އެފަދަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށް އޮޓިޑް އޮފީހުގެ މުވައްޒަފުން ވަނީ ބުނެފައެވެ.

މުސާރައިގެ ކުރިއެރުން ދިނުމާއި މަގާމުގެ ކުރިއެރުން ދިނުން

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން އައިއޭއެސްގައި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ދެމުން ގޮސްފައިވަނީ ޕްރޮމޮޝަން ޕްރޮސެސްގެ ނަމުގައި އެކުލަވާލާފައިވާ އުސޫލެއްގެ ދަށުންނެވެ. ނަމަވެސް މި އުސޫލަކީ އެއްވެސް ފަރާތަކުން އެޕްރޫވް ކޮށްފައިވާ އުސޫލެއް ނޫން ކަމަށް ބުނެފައިވެއެވެ. އޮޑިޓްގައި ފާހަގަކޮށްފައިވާގޮތުން މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދޭން ފެންނަ ކަމަށް ވާނަމަ، އެ މަގާމަކާ ގުޅޭ ޑިޕާޓްމެންޓުގެ އިސްވެރިޔާ ކުރިއަށްގެންދާ އިވެލުއޭޝަނަކަށްފަހު، އެޗްއާރު ކޮމެޓީ އަކުން ފާސް ކުރުމުން ޕްރޮމޯޝަނަށް ހުއްދަ ދެއެވެ. މި އުސޫލުގެ ސަބަބުން ޕްރޮމޯޝަން ދިނުމުގައި ހަމަހަމަކަން ގެއްލޭކަން ފާހަގަކޮށް، މުވައްޒަފުންނަށް ކުރިއެރުންދޭއިރު އަމަލުކުރާނެ ހަރުދަނާ ޕޮލިސީއެއް އެކުލަވާލުމަށް ވަނީ ލަފާ ދީފައެވެ. މީގެ އިތުރުން މަގާމުގެ ކުރިއެރުން ދިން ނަމަވެސް ބައެއް މުވައްޒަފުންގެ މަސްއޫލިއްޔަތުތައް އަދި ޒިންމާތައް ބަދަލު ނުވާކަމަށާއި ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ ޕާފޯމަންސް އިވެލުއޭޓް ކުރެވިފައި ނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި އޮޑިޓްގައި ބަލާފައިވާ މުއްދަތަކީ ދެހާސް އަށާރަ ވަނަ އަަހަރުގެ ޖެނުއަރީ އެކަކުން މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. މި މުއްދަތުގައި 48 މުވައްޒަފަކަށް ދެ ފަހަރެއްގެ މަތިން ޕްރޮމޯޝަން ދީފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ކުންފުނިން ދިން ޖަވާބަކީ، އެއީ ކުރީ އަހަރުތަކުގައި ޕްރޮމޯޝަން ނުދޭ މުވައްޒަފުން ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުގެ މެނޭޖުމެންޓު ބަދަލުވުމުން 135 ފަރާތަކަށް ޕްރޮމޯޝަން ދީފައިވާއިރު، އޭގެ ކުރިން އެވްރެޖުކޮށް މަހެއްގެ މައްޗަށް 20 ނޫނީ 30 މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ދޭކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އޮޑިޓްގައި ބަލާފައިވާ މުއްދަތުގައި ކުންފުންޏަށް 169 މުވައްޒަފުން އިތުރު ކޮށްފައިވާ ކަމަށާއި މިއީ ކުންފުނީގެ އޮޕަރޭޝަނަށް އައި ބަދަލުގެ ސަބަބުން އިތުރުވި މުވައްޒަފުން ނޫންކަން އޮޑިޓް އޮފީހުން ފާހަގަ ކުރެއެވެ.

"އަޅުގަނޑުމެން ބަލަނީ ފްލައިޓް އޮޕަރޭޝަންތަކާއި ފަސިންޖަރުންގެ އަދަދު އިތުރުވެފައިވާ މިންވަރު. އެގޮތުން 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަހާއި 2019 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ފްލައިޓު އޮޕަރޭޝަން އަދި ފަސިންޖަރުންގެ އަދަދަށް އައިސްފައިވާ ބަދަލުތަކަށް ބަލާފައިވާނެ. އެގޮތުން ބެލިއިރު 2019 ގެ ފުރަތަމަ ހަ މަހު އިތުރުވެފައިވަނީ 19 ފްލައިޓު. ފަސިންޖަރުންގެ އަދަދުވެސް އިތުރުވެފައިވަނީ ހަމަ އެކަނި 62 ފަސިންޖަރުން. މިއިން ދޭހަވަނީ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވަމުން ގޮސްފައިވާ މިންވަރަކުން ނޫނޭ މުވައްޒަފުން އިތުރުވަމުން ގޮސްފައިވަނީ،" އައިއޭއެސްގެ އޮޑިޓްގައި ހަރަކާތްތެރިވިއޮޑިޓަރަކު މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވިދާޅުވިއެވެ.

މިއ އޭގެ ސަބަބުން ކުންފުންޏަށް މާލީގޮތުން އަސަރު ކުރާނެ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އައިއޭއެސްގެ ޑިޕާޓްމެންޓުތަކުގެ ވެރިންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއީ ފިނޭންސްގެ ހުއްދަ ނެތި ގެނެސްފައިވާ ބަދަލެއް ކަމަށާއި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފިނޭންސް އިން މި މުސާރަތައް އެޕްރޫވް ކުރި ކަމަށް އޮޑިޓް އޮފީހުން ފާހަގަ ކުރިއެވެ.

"ފިނޭންސްގެ ހުއްދަ ނެތި އައިލެންޑް އޭވިއޭޝަނުން ބޮޑު ކުރި މުސާރަ އަނބުރާ ހޯދުމަށް އިރުޝާދު ދީފައިވޭ. ހަމަ އެއާއެކު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރަތައް ކަނޑައަޅައި އެދުވަހުން ފެށިގެން ފިނޭންސް އިން ކަނޑައެޅި މުސާރަ ދިނުމަށް އިރުޝާދު ދީފައިވޭ،"

އޮޑިޓް އޮފީހުން ބުނީ 2019 ޖޫން އިން ފެށިގެން އައިއޭއެސްގެ އެމްޑީ އަށް 81،950 ރުފިޔާ ދޭން ފިނޭންސް އިން އެޕްރޫވަލް ދީފައިވާ ކަމަށާއި އޭގެ ކުރިން އެމްޑީގެ މުސާރައަކީ 52،500 ރުފިޔާ ކަމަށެވެ.

އެ ކުންފުންޏަށް 2018 ޑިސެމްބަރު 25 ގައި އައްޔަނު ކުރެވުނު ޑީއެމްޑީގެ މުސާރައަކީ އެންމެ ފުރަތަމަ 45،400 ރުފިޔާ ކަމަށާއި ނަމަވެސް ޖެހިގެން އައި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެބް އެ މުސާރަ 71،199 އަށް ބޮޑު ކުރި ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ. އެ އޮފީހުގެ އޮޑިޓަރުން ފާހަގަ ކުރެއްވި ގޮތުގައި މިހާރު އައިއޭއެސްގެ ޑީއެމްޑީގެ މުސާރައަކީ 67،630 ރުފިޔާ އެވެ. އެއީ ފިނޭންސް އިން އެންގި އެންގުމާ އެއްގޮތަށް މުސާރަ އަށް ފަހުން ގެނައި ބަދަލެއް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އައިއޭއެސްގެ ޕައިލެޓުންނާއި އިންޖިނިއަރުންނަށް ޕްރޮމޯޝަން ދޭނެ އެޕްރޫވްޑް އުސޫލެއް އޮތްނަމަވެސް އެހެން ދާއިރާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭނެ އެފަދަ އުސޫލެއް ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

ބައެއް މުވައްޒަފުންގެ މުސާރަ 15 ހާހުން ފެށިގެން 25 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކަށް ބޮޑުކޮށްފައިވާއިރު މީގެ ތެރޭގައި ޕައިލޮޓުންނާއި އިންޖިނިއަރުން ނުހިމެނޭކަން އޮޑިޓް އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.

މުދަލާއި ހިދުމަތް ހޯދުމުގައި އަމަލު ކުރާ އުސޫލު

މި އުސޫލުތަކަށް ބަލާއިރު އިންޖިނިއަރިން އަދި ޖެނެރަލް ޕްރޮކިޔުމެންޓް އުސޫލުތަކާ ކުންފުނިން ހިލާފުވެފައި ނުވާކަން ފާހަގަ ކުރެވޭކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

މާލީގޮތުން ކުންފުނި ދެމިއޮތުމުގެ މިންވަރު

އޮޑިޓް އޮފީހުގެ އޮޑިޓަރުން ފާހަގަ ކުރެއްވި ގޮތުގައި އައިއޭއެސް އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެތެރޭގެ އުދުހުންތަކުގެ ދާއިރާ އިންނެވެ. އައިއޭއެސް އަށް 2013 އިން ފެށިގެން 2018 ގެ ނިޔަލަށް އެއް އަހަރުން އަނެއް އަހަރަށް ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށާއި، އެގޮތުން 2018 ވަނަ އަހަރު އެ ކުންފުންޏަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނު އިރު، 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އައިއޭއެސްއަށް 1.5 ބިލިއަން ރުފިޔާ ލިބިފައިވާކަން އެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.

"މިއީ 2018 ގެ މި މުއްދަތާ އަޅާބަލާއިރު ހަ އިންސައްތައިގެ ދަށް އަދަދެއް. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންދިޔަ ޗާޓަރު ދަތުރުތަކުގެ އަގު ކުޑަކުރަން ޖެހުމާއި ކުންފުނިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ޑިމާންޑް ދަށްވުމާއި އިތުރު ވާދަވެރިން އައިސް ބައެއް ކޮންޓްރެކްޓުތައް ގެއްލުމުގެ ސަބަބުން އެތެރޭގެ އުދުހުންތަކުން ލިބުނު އާމްދަނީ ދަށްވުން،"

އޮޑިޓް އޮފީހުން ފާހަގަކުރި ގޮތުގައި އައިއޭއެސް އަށް އާމްދަނީ އިތުރު ކުރުމަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ބޭނުންވާ ފައިސާ ނުހޯދި ދަނީ ލަސްވަމުންނެވެ. އެހެންކަމުން ކުންފުނިން އަންދާޒާކުރާވަރަށް އާމްދަނީ އިތުރުވެދާނެކަމަށް ނުބެލެވޭކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އޮޑިޓް އޮފީހުން ބުނީ 2014 އިން 2018 ގެ ނިޔަލަށް އައިއޭއެސް އަށް ފައިދާވަމުން ދިޔަ ކަމަށާއި ނަމަވެސް ކުންފުންޏަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުލިބިވާ ކަމަށެވެ. ކުންފުންޏަށް 2014 އިން ފެށިގެން އާމްދަނީ އިތުރުވި ނަމަވެސް ހިންގުމުގެ ހަރަދު އިތުރުވުމުގެ ސަބަބުން އޮޕަރޭޓިން ޕްރޮފިޓް މާޖިން ދަށްވާން ފަށާފައިވާކަން އޮޑިޓް އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ. އެ އޮފީހުން ބެލި ބެލުމުން 2016 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ހިންގުމުގެ ހަރަދުތައް 23 ޕަސެންޓު އިތުރުވެފައިވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

"2016 ވަނަ އަހަރު މުވައްޒަފުންނަށް ކުންފުނިން 290.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރުު 2018 ވަނަ އަހަރު 372.4 މިލިއަން ރުފިޔާ މުވައްޒަފުންނަށް ހަރަދުކޮށްފައިވޭ. މިއީ 78.8 މިލިއަން އިތުރުވުމެއް. 2019 ގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ކުންފުނީގެ މުވައްޒަފުންނަށް ހަރަދުކޮށްފައި އެބަވޭ، 291.6 މިލިއަން ރުފިޔާ. މިއީ 2018 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެއް،"

މީގެ އިތުރުން އެ ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމަށް އިތުރު ބޯޓުތައް ގެނައުމަށް ނިންމާފައިވާ ކަމަށާއި އެތެރޭގެ އުދުހުންތަކަށް ޑޭޝް 8 ގެ ދެ މަތިންދާބޯޓު އަދި ޗައިނާ އަށް ދަތުރު ކުރުުމަށް އޭ330 ޗާޓާޑް ދަތުރުތައް ފެށުމުން ކުންފުނީގެ ފައިދާ އިތުރުވާނެ ކަމަށް އެ ކުންފުނިން ލަފާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކުންފުނީގެ ކުރު މުއްދަތުގެ ދަރަނި އަދާކުރުމުގެ ގާބިލްކަން އެބަހުރި ކަމަށް ކަރަންޓް ރޭޝިއޯ (0.7 ޕަސެންޓް) ދައްކާ ކަމަށާއި، ދަރަނި އަދާ ކުރުމަށްޓަކާ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހަރުދަނާ އުސޫލެއްގެ ތެރެއިން ރިކަވާ ކުރަންޖެހޭކަން އޮޑިޓް އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ 2018ގެ ނިޔަލަށް ކުންފުންޏަށް ލިބެންހުރި ފައިސާގެ 72 ޕަސެންޓް ފައިސާ ނުލިބި 30 ދުވަހަށްވުރެ ގިނަ ވެފައިވާކަން. މީގެ ތެރޭގައި އެއް އހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 122 މިލިއަން ހުރިކަމަށް ފާހަގަ ކުރެވެނީ، ކުންފުނިން ދައްކަންހުރި ފައިސާގެ ތެރެއިން ހަތަރު މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ 107 މިލިއަން ރުފިޔާ ހުރިކަން ފާހަގަ ކުރެވުނު،" މީގެ ތެރެއިން 70 ޕަސެންޓަކީ ސަރުކާރު ކުންފުނިތަކާއި މުވައްސަސާތަކަށް ދައްކަންޖެހޭ ފައިސާކަން އޮޑިޓް އޮފީހުން ފާހަގަ ކުރިއެވެ.

ކުންފުނީގެ ބޭންކް އޯވާ ޑްރާފްޓުވެސް އިތުރުވަމުންދާ ކަމަށާއި، ކުންފުންޏަށް ލިބޭ ފައިސާ ގިނައިން ހަރަދު ކުރަނީ ކުންފުނީގެ ހިންގުމުގެ ހަރަދަށް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. މީގެ އިތުރުން 2013 އިން 2018 އަށް ކުންފުނީގެ ލޯންގްޓާމް ލައިބިލިޓީސް ވެސް އިތުރުވެފައިވާ ކަމަށާއި 2013 ވަނަ އަހަރު އައިއޭއެސްގެ ލޯންގް ޓާމް ލައިބިލިޓީސް ނުވަތަ ދިގު މަުއްދަތުގެ ދަރަނީގެ ގޮތުގައި 55 މިލިއަން ރުފިޔާ ހުރި އިރު މި އަދަދު 2018 ވަނަ އަހަރު485 މިިލިއަން ރުފިޔާ އަށް އިތުރުވި ކަމަށް ވަނީ ބުނެފައެވެ.

އައިއޭއެސް ގެ އެތެރޭގެ އުދުހުންތަކަށް އެމްއޭސީއެލް އިން ގަންނަ ކޮންމެ ތެޔޮ ލީޓަރަކަށް އެއް ރުފިޔާގެ ޑިސްކައުންޓް ދޭއިރު އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ދަނީ އަހަރަކު 35 މިލިއަން ރުފިޔާގެ ސަބްސިޑީ އެއް އެކުންފުންޏަށް ދެމުންނެވެ.

ކުންފުނީގެ ހިންގުމުގެ ފައިދާއިން ކުންފުނީގެ ލޯނުގެ އިންޓްރެސްޓު ދެއްކުމުގެ ގާބިލްކަން އެބަހުރި ކަމަށް އޮޑިޓް އޮފީހުން ފާހަގަ ކުރިއެވެ. ކުންފުނީގެ ހިންގުމުގެ ފައިދާއިން އިންޓްރެސްޓުގެ ހަތް ގުނަ އަދާކުރުމުގެ ގާބިލްކަން ހުރި ނަމަވެސް މި އަދާކުރާނެ ކޭޝް، މާލީ ހަލަތު ހުރިގޮތުން ދެއްކުމަކީ ދަތިކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އޮޑިޓް އޮފީހުން ބުނީ އައިއޭއެސް އިން އުދުހޭ ސެކްޓާ ތަކުގެ ތެރެއިން އެ ކުންފުންޏަށް ގެއްލުންވާ ވަކި ސެކްޓާއެއް އިންތޯ ބެލުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ކުންފުނީގެ މެނޭޖުމެންޓް އެކައުންޓް ސިސްޓަމުން އެފަދަ މައުލޫމާތު ދެނެ ނުގަނެވޭ ކަމަށެވެ.

"ކުންފުނި ދިގުމުއްދަތަކަށް ހިންގުމަށް ދަތިވާނެ މާނލީ ބޮޑު ގެއްލުމެއް ކުންފުންޏަށް ކުރިމަތިވެދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާއެއް ނުކުރެވޭ. ނަމަވެސް ކުންފުނީގެ ދަރަނިތައް އަދާކުރުމަށް ދަތިތައް އެބަހުރި ކުންފުނީގެ ދަރަނި އަދާކުރުމުގެ ގާބިލްކަން ހުރި ކުންފުންޏަކަށް ހެދުމަށް ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައި ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެއް،"

comment ކޮމެންޓް