ޔާމީންގެ ދިފާއަށް 75 ނުކުތާ، އަދި ހަތަރު އަޑުއެހުން ބޭނުންވެދާނެ!

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ އަޑުއެހުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އެމަނިކުފާނުގެ ފަރާތުން ހުށަހެޅި 75 ނުކުތާގެ ތަފްސީލު އިއްވައި ނުނިމެނީސް މިއަދުގެ އަޑުއެހުމަށް ކަނޑައަޅެޅި ވަގުތު ހަމަވެއްޖެ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.

އެ މައްސަލަައިގައި މިއަދު ހައިކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުން މިއަދު މެންދުރު 1:00 ގައި ފެށި އެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ނުކުތާތައް އިއްވުމެވެ. އެމަނިކުފާނުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ނުކުތާތައް އިއްވައިދެއްވީ ވަކީލު އަބްދުﷲ ސިޔާޒް އާއި ވަކީލު އާދަމް އާސިފް އެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ނުކުތާކުގެ އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދިން ހެކިވެރިން ކަމަށްވާ އަބްދުﷲ ޒިޔަތާއި، އަހުމަދު އަދީބާއި، މުއައްވިޒު ރަޝީދަކީ އަދުލުވެރި ހެކިވެރިން ނޫންކަމަށް ބުނާ ނުކުތާތަކާއި އެއަށް ބާރުދޭ އެެހެން ނުކުތާތައް ހިމެނެ އެވެ.

އަދި ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ ރަޝީދުގެ އަދުލުވެރިކަމާ މެދު ސުވާލުއުފައްދައި އޭނާ ކްރިމިނަލް ކޯޓުގައި މައްސަލަ ބެލި ބެންޗު އެކުލަވާލީ ގަވައިދާ ހިލާފަށް ކަމަށް ބުނާ ނުކުތާތަކެއްވެސް ހުށަހަޅާފައިވެ އެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ ފަރާތުން ވަނީ ޝަރީއަތް ކުރުމުގެ އިޖުރާއަތްތަކާ ހިލާފުވެފައިވާ ކަމަށް ބުނާ ގިނަ ނުކުތާތަކެއްވެސް ހުށަހަޅައިފަ އެވެ.

ދައުވާ ސީޣާގައި ރައީސް ޔާމީން ކުށް ކުރި ވަގުތާއި ތަން ބުނެފައި ނުވާ ކަމާއި، އެމަނިކުފާނު ކުރި ކަމަށް ބުނާ މަނީ ލޯންޑަރިންގެ ކުށަކީ ކޮބައިކަންވެސް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށް އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގައި ބުނެފައިވެ އެވެ.

ދިފާއީ ހެކިތަކަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށްވެސް ރައީސް ޔާމީންގެ ފަރާތުން ބުނެފައިވެއެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ ގއ. ވޮޑަމުލާގެ ފައިސާ ލޯންޑާކޮށްގެން ކަމަށްވާއިރު އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވަނީ އެ ފައިސާކަން ދައުލަތަށް ސާބިތުކުރެވިފައި ނުވާކަމަށްވެސް އެމަނިކުފާނުގެ ފަރާތުން ބުނެފައިވެ އެވެ.

ނުކުތާތަކުގެ ހުލާސާ އިއްވަން ގާތްގަނޑަކަށް 45 މިނެޓު ހޭދަވިއެވެ. ދެ ގަޑިއިރުުގެ އެ އަޑުއެހުމުގެ ބާކީބައި ދިޔައީ ނުކުތާތަކުގެ ތަފްސީލު އިއްވާށެވެ. އަޑުއެހުމަށް ކަނޑައަޅާފައި އޮތް ގަޑި ނިމުނު އިރު އިއްވައި ނިމުނީ 10 ނުކުތާގެ ތަފްސީލެވެ. 101 ސަފުހާގެ އެ ކަރުދާހުގައި އަދި ބާކީ 76 ނުކިޔައި އެބަ ހުއްޓެވެ.

ފަނޑިޔާރު ނިޔާޒު ފާހަގަކުރެއްވީ 75 ނުކުތާގެ ތެރެއިން ބައެއް ނުކުތާތައް ތަކުރާރުވެފައިވާ ކަމެވެ. އަދި މިހާރު ދާ ރޭޓުގައި ހަމައެކަނި ނުކުތާތައް ކިޔައި ނިންމަން ހަތަރު އަޑުއެހުމެއް ބޭނުންވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އެދުނީ ނުކުތާތަކުގެ ތަފްސީލުތައް ވީހާވެސް ތިލަކޮށްގެން ދެން އަންނަ އަޑުއެހުމެއްގައި ކިޔުމަށެވެ. އޭގެ އިތުރުން ތަކުރާރުވެފައިވާ ނުކުތާތައް އުނިކުރުމަށްވެސް އެދިފައިވެއެވެ.

ދެން ހައިކޯޓުގައި ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މާޗް ތިނެއްގައެވެ. އަދި އެއަށް ފަހު އަޑުއެހުމެއް އޮންނާނީ މާޗް ފަހެއްގައެވެ.

އެ މައްސަލައިގައި މީގެ ކުރިން ރައީސް ޔާމީންގެ ފަރާތުން ވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްދިނުމުގެ އަމުރަކަށާއި، ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދިފައެވެ. އެކަމަކު، އެ އަމުރުތައް ނެރެން ނުފެންނަ ކަމަށް މީގެ ކުރިން ހައިކޯޓުން އޮތީ ނިންމައިފައެވެ.

ކަލާފާތުގެ ދަށުން ދޫނުކުރުމަށް ނިންމި ނިންމުން މުރާޖައާ ކުރުމަށް އެމަނިކުފާނުގެ ފަރާތުން ހުށަހެޅި އެވެ. އެކަމަކު، އެ ނިންމުން މުރާޖައާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި އެކަން މިއަދު ބެންޗުން ހާމަކުރި އެވެ.

comment ކޮމެންޓް