ޓްރަމްޕް އިންޑިއާގައި: ތިން ބިލިއަން ޑޮލަރުގެ ދިފާއީ އެއްބަސްވުމެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަރުހަބާ ވިދާޅުވެފަ -- ފޮޓޯ: ގެޓީ

ދިއްލީ (ފެބްރުއަރީ 24): އެމެރިކާ އާއި އިންޑިއާއިން މާދަމާ ތިން ބިލިއަން ޑޮލަރުގެ ދިފާއީ އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން އަހުމަދުއާބާދުގައި ދެއްވި ތަގުރީރެއްގަ އެވެ. ރައީސް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ މިއަދު އަހުމަދުއާބާދު އެއާޕޯޓަށް ވަޑައިގެންނެވުމުން އެދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

އެއަށް ފަހު ދެ ގައުމުގެ ލީޑަރުން ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމްގެ ގޮތުގައި ސިފަކޮށްފައިވާ، އަހުމަދުއާބާދުގެ މޮޓެރާ ސްޓޭޑިއަމްއަށް ވަޑައިގެންފަ އެވެ. އިންޑިއާގެ މީޑިއާތަކުން ލަފާ ކުރާ ގޮތުގައި މިއަދު އެސްޓޭޑިއަމްގައި ތިބި މީހުންގެ އަދަދު 100،000އަށް އަރާނެ އެވެ.

އެ ސްޓޭޑިއަމްގައި ވާހަކަ ދައްކަވަމުން މޯދީ ވަނީ ޓްރަމްޕްގެ ދަތުރުފުޅާއެކު "ދެ ގައުމުގެ ގުޅުން ކުރިއަށްވުރެ ވަރުގަދަވެ، އެ ގުޅުމުގެ އާ ބާބެއް ފެށިފައިވާ" ކަމަށް ވިދާޅުވެފަ އެވެ.

އެއަށް ފަހު ރައީސް ޓްރަމްޕް ވަނީ އެމެރިކާ އަބަދުވެސް އޮންނާނީ އިންޑިއާއަށް އިތުބާރު ކުރެވޭ އެކުވެރިއެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ބޮޑުވަޒީރު މޯދީއަށް ތައުރީފު ކުރައްވާފަ އެވެ. އެގޮތުން މީގެ ކުރިން "ސައި ވިއްކާ މީހެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މޯދީއަށް މިހާރު އެންމެންގެ ލޯބި ލިބިފައިވާ" ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއިން މިހާރު ދަނީ އެގައުމާއި އެހެން ގައުމުތަކާ އޮތް ގުޅުންތައް ވަރުގަދަ ކުރަމުން ކަމަށާއި، މާދަމާ އެގައުމާއި އިންޑިއާއާ ދެމެދު ތިން ބިލިއަން ޑޮލަރުގެ ދިފާއީ އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ އެއްބަސްވުމަކީ އިންޑިއާއިން އެމެރިކާގެ ޑިފެންސް ކުންފުންޏެއް ކަމަށްވާ ލޮކްހީޑް މާޓިންއިން އުފައްދާ 2.6 ބިލިއަން ޑޮލަރުގެ އެޓޭކް ހެލިކަޕްޓަރު ގަންނަން ހަދާ އެއްބަސްވުމެއް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިންޑިއާ އަކީ ވިޔަފާރީގައި އެމެރިކާގެ އެންމެ މުހިއްމު އެއް ޕާޓްނަރެވެ. އެގޮތުން 2018 ވަނަ އަހަރު އެ ދެގައުމުގެ މެދުގައި 142.6 ބިިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވެ އެވެ. ނަމަވެސް ފާއިތުވި އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ވަނީ ވިޔަފާރިއާ ބެހޭ ގޮތުން ދެބަސްވުންތައް އުފެދިފަ އެވެ.

އެއީ އެމެރިކާއަށް އިންޑިއާގެ ބައެއް ތަކެތި ޑިއުޓީ ފްރީކޮށް ވެއްދުމަށް ހުއްދަދޭ ސްކީމެއް ކަމަށްވާ ޖެނެރަލައިޒްޑް ސުކީމް އޮފް ޕްރިފެރެންސެސް (ޖީއެސްޕީ)ގެ އިނާޔަތް އެގައުމަށް ދިނުން ހުއްޓާލުމަށް މިދިޔަ އަހަރުގެ ޖޫން މަހު ޓްރަމްޕް ނިންމެވުމުންނެވެ. އޭގެ ސަބަބުން އިންޑިއާއިން ވަނީ އެމެރިކާގެ 28 އުފެއްދުމަކުން އިމްޕޯޓް ޓެކްސް ނަގަން ނިންމާފަ އެވެ. އަދި ރައީސް ޓްރަމްޕް ވަނީ އިންޑިއާއިން ޓެކްސް ނަގާ މިންވަރު ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޓްރަމްޕް އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އަހުމާދުއާބާދުގެ އިތުރުން އާގްރާއަށް ވަޑައިގެން ތާޖް މަހަލް ބައްލަވާލައްވާ، ވެރިރަށް ދިއްލީއަށްވެސް ވަޑައިގަންނަވާނެ އެވެ.

comment ކޮމެންޓް