މެލޭޝިޔާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު އިސްތިއުފާދެއްވައިފި

ޑރ. މަހާތީރު މުހައްމަދު: އޭނާ ވަނީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާފައި.

ކުއަލަލަމްޕޫރު (ފެބްރުއަރީ 24): މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ވެރިކަމުން އިސްތިއުފާ ދެއްވައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން މަހާތިރު ވަނީ އިސްތިއުފާގެ ސިޓީ މިއަދު ރަސްގެފާނަށް އަރުވާފަ އެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އެ އޮފީހުން ނުދެ އެވެ.

މަހާތިރު އިސްތިއުފާ ދެއްވީ، ވެރިކަން ކުރާ އެލަޔަންސް އޮފް ހޯޕްއިން އިދިކޮޅު ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ)އާ އެކު އާ ސަރުކާރެއް ގާއިމު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށް ހަބަރު ފެތުރުނު ފަހުންނެވެ.

އެލަޔަންސް އޮފް ހޯޕްއަކީ މެލޭޝިއާގައި މީގެ ކުރިން ބޮޑުވަޒީރުގެ ނައިބުކަން ކުރެއްވި އަންވަރު އިބްރާހިމްގެ ލީޑަރު ކަމުގެ ދަށުން، އޭނާގެ ޕާޓީއާ އެކު އުފެއްދި ކޯލިޝަނެކެވެ. ނަމަވެސް މެއި 2018އިގައި އެގައުމުގެ އާއްމު އިންތިހާބު ބޭއްވި އިރު އަންވަރު ހުންނެވީ ޖަލުގައި ކަމުން ކޯލިޝަނުގެ ޗެއާމަން ކަމަށް ވަޑައިގެންނެވީ މަހާތިރު އެވެ. އަދި އޭނާ ވެރިކަމަށް ވަޑައިގެންނެވީ ދެ އަހަރެއްހާ ދުވަސް ފަހުން އަންވަރާ ބޮޑުވަޒީރުކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް ވެރިކަން ބަދަލު ކުރުމަށް ހަދާފައިވާ ޓައިމްޓޭބަލަށް މަހާތިރު އަމަލު ނުކުރައްވާ ކަމަށް ބުނެ އަންވަރަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިދިޔަ ހަފްތާ ބަންދު ތެރޭގައި އުމްނޯއާ އެކު މަޝްވަރާތައް ބޭއްވި ކަމުގެ ރިޕޯޓާ އެކު، އަންވަރު ވަނީ އޭނާއަށް ވެރިކަމަށް ނާދެވޭ ގޮތަށް ބަޔަކު ކޯލިޝަނަށް ބަދަލު ގެންނަން އުޅޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމުގައި މަހާތިރުގެ ޕާޓީ އާއި އޭނާގެ ޕާޓީއަށް ނިސްބަތްވާ ބަޔަކު ޝާމިލުވެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބުކަން އަންވަރު ކުރެއްވީ 1993 އިން 1998 އެވެ. އެއީ މީގެ ކުރިން މަހާތިރު ވެރިކަން ކުރެއްވި ދުވަސްވަރެވެ. ނަމަވެސް އެދެބޭފުޅުންގެ މެދުގައި ދެބަސްވުން އުފެދި، 1998ގައި އަންވަރު މަގާމުން ދުރުކުރި އެވެ. އަދި އޭގެ އަހަރެއް ފަހުން އަންވަރުގެ މައްޗަށް ކޮރަޕްޝަނާއި އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ސާބިތުވެ، އޭނާ ޖަލަށްލި އެވެ.

އޭގެ ފަހުން 2004 ވަނަ އަހަރު އަންވަރު މިނިވަންވުމުން އޭނާ އަނެއްކާވެސް ސިޔާސި މައިދާނަށް ނިކުމެވަޑައިގަތެވެ. ނަމަވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާގައި 2015 ވަނަ އަހަރު ދެވަނަ ފަހަރަށް އަންވަރު ޖަލަށްލި އެވެ.

އަންވަރު މިނިވަންވެފައި ވަނީ މަހާތިރު ވެރިކަމަށް ވަޑައިގެންނެވި ފަހުން، 16 މެއި 2018އިގައި މެލޭޝިއާގެ ރަސްގެފާނު އޭނާއަށް މާފު ދެއްވުމުންނެވެ. އޭގެ ފަހުން އޮކްޓޯބަރު 2018އިގައި އޭނާ ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވާފަ އެވެ.

comment ކޮމެންޓް