ކަނޑުހުޅުދޫ ކުޑަކުއްޖާ ރޭޕްގެ މައްސަލައިގެ ޝަރީއަތް ފަށައިފި

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ، އަދި ޖިންސީ ފުރައްސާރަ ކުރުމުގެ ކުށުގެ ރިކޯޑު އޮންނަ އެ ކުއްޖާގެ މުނިކާފަ-- ފޮޓޯ/ކިޔުންތެރިއެއް

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކަށް އެ ކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ކަނޑުހުޅުދޫގައި ކުޑަކުއްޖާ ރޭޕް ކުރި މައްސަލަ ފެންމަތިވީ އެ ކުއްޖާ ރޭޕްކޮށްފައި ހުރިކަން އެ ކުއްޖާގެ މަންމަ ފަރާތު އާއިލާއަށް އެނގުމުުން އެކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުންނެވެ.

އެ ކުއްޖާއަށް ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82، ގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އެ ދެ މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ދެއަހަރު ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82 ---

މި މަހުގެ 13 ވަނަ ދުވަހު އެ މީހުންގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ އިރު އެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ހެނދުނު 10:30އަށް ތާވަލުކޮށްގެން ވަނީ ބާއްވައިފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެހެން މައްސަލަތަކާ އެއްގޮތަށް އެ މައްސަލަވެސް ކޯޓުތަކުގައި ކުރިއަށްގެންދަނީ ސިއްރު މައްސަލައެއްގެ ގޮތުގަ އެވެ.

ކުޑަކުއްޖާ ރޭޕް ކުރި މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިންނަށް އިހުމާލުގެ ތުހުމަތު ފުލުހުން ކުރެ އެވެ. ކުއްޖާގެ ކާފަ އާއި މުނިކާފަ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އަދި އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ.

ކަނޑުހުޅުދޫ ކުއްޖާ ރޭޕް ކުރި މައްސަލަ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުުގެ ގިނަ އަދަދެއްގެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށް، ކޯޓުތަކުގައި ހުރި ޖިންސީ ގޯނާގެ މައްސަލަތައް ކޮންމެ 48 ގަޑިއިރުން ތާވަލުކޮށް، ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް