އީރާނުގައި ކޮރޯނާވައިރަސް ފެތުރޭތީ އަވަށްޓެރި ގައުމުތަކުން ބޯޑަރު ބަންދުކޮށްފި

ކޮރޯނާވައިރަހުގެ ސަބަބުން އީރާނުގައި އަށް މީހަކު ވަނީ މަރުވެފަ -- ފޮޓޯ: ރޮއިޓާސް

ތެހެރާން (ފެބްރުއަރީ 24): އީރާނުގައި ކޮރޯނާވައިރަސް ފެތުރިފައިވާތީ ހަތަރު ގައުމަކުން އީރާނާ ގުޅޭ ބޯޑަރު ބަންދުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު އީރާނުން ކޮރޯނާވައިރަސް ޑިޒީސް (ކޯވިޑް-19) ފެނުނު ފަހުން އެގައުމުގައި 43 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން އަށް މީހަކު ވަނީ މަރުވެފަ އެވެ. އެހެންކަމުން އީރާނަކީ ކޯވިޑް-19ގެ ސަބަބުން ޗައިނާއިން ބޭރުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ގައުމެވެ.

އީރާނުން އިއްޔެ ވަނީ އެގައުމުގައި އެއް ދުވަސް ތެރޭ 15 މީހަކަށް ވައިރަސް ޖެހި، އޭގެ ސަބަބުން ތިން މީހަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން ތުރުކީ، ޕާކިސްތާން، އަފްޣާނިސްތާން އަދި އަރުމީނިއާއިން ވަނީ އެގައުމުތަކާ ގުޅޭ އީރާނުގެ އެއްގަމު ބޯޑަރު ބަންދުކޮށްފަ އެވެ. އަދި އަރުމީނިއާ އާއި އަފްޣާނިތާނުން ވަނީ އީރާނަށް ކުރާ ވައިގެ ދަތުރުތައް ވެސް ހުއްޓާލަން ނިންމާފަ އެވެ.

މީގެ އިތުރުން އިރާގާއި ކުވޭތުން އެ ދެ ގައުމާއި އީރާނާ ދެމެދު ދަތުރު ކުރުން މަނާކޮށްފައިވާ އިރު ސައުދީ އަރަބިއާއިން ވަނީ އެގައުމުގައި ތިބި މީހުން އީރާނަށް ދިޔުން މަނާކޮށްފަ އެވެ.

މީގެ ކުރިން ލުބުނާނާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން ވަނީ އީރާނުން އެ ދެ ގައުމަށް ދިޔަ ބަޔަކު ވައިރަހަށް ޕޮޒިޓިވްވި ކަމަށް ބުނެފަ އެވެ. ލުބުނާނުގައި މިހާތަނަށް އެކަކަށް ކޯވިޑް-19 ޖެހިފައިވާ އިރު ޔޫއޭއީގައި 13 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އީރާނުގައި ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން އިއްޔެ ވަނީ 14 ޕްރޮވިންސެއްގެ ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފަ އެވެ. އަދި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް 230 ހޮސްޕިޓަލެއް ހާއްސަކޮށްފަ އެވެ. ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ ހޮސްޕިޓަލްތަކަށް ބޭނުންވާ އާލާތްތައް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ މީހުން ވަނީ އީރާނުން ވައިރަސް ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ވަރަށް ފިޔަވަޅު ނާޅާ ކަމަށް ބުނެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި ކޯވިޑް-19 މިހާތަނަށް 79،000އަށް ވުރެ ގިނަ މީހުންނަށް ޖެހި، އޭގެ ސަބަބުން 2,619 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ޗައިނާގެ އިތުރުން 29 ގައުމެއްގައި ތިބި މީހުން ހިމެނެ އެވެ.

comment ކޮމެންޓް