އިދްލިބް ލޭގެ ކޯރަކަށް، އިންސާނީ ބޮޑު ކާރިސާއެއް!

އިދްލިބްގެ އާންމުން

އދ. މަޖިލިސް (24 ފެބްރުއަރީ 2020): އިދްލިބް މިނިވަން ކުރުމަށް ސޫރިޔާ ސިފައިން ކުރިޔަށްގެންދާ ހަނގުރާމައިގެ ސަބަބުން އެސަރަހައްދުގެ ރައްޔިތުން ލޭގެ ކޯރަކަށް ވެއްޓި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވަމުން ދާކަމުގެ އިންޒާރު އދ. އިން ދީފި އެވެ.

ރެފިއުޖީންނާބެހޭ އދ. ގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތްދަށުން އިދްލިބް މިނިވަން ކުރުމަށް ސޫރިޔާ ސިފައިން ކުރިޔަށްގެންދާ ޢަސްކަރީ ޙަރަކާތްތަކުގެ ސަބަބުން އެތަށް ބަޔަކު މަރުވެ އެތަށްބަޔަކު ޒަޚަމްވާއިރު މިލިޔަނެއްހާ އާންމުން ރެފިއުޖީންގެ ގޮތުގައި ގެދޮރުން ބޭރުވެ މަގުމަތީގައި ހާލުގައިޖެހިފައިވާ ކަމަށާ އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމުގައެވެ. އިދްލިބްގެ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށްދާ ޢާންމުން ގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށްވާއިރު އެމީހުން އުޅެންޖެހިފައިވަނީ ހިތްފަޅައިގެން ދާވަރުގެ ވޭނީ ޙާލަތެއްގައި ކަމަށް އދ. ގެ އިތުރުން މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ބުނެއެވެ.

އިދްލިބްއިން ހަނގުރާމަވެރި ޖަމާއަތްތައް ބޭރުކުރުމަށް ސޫރިއާ ސިފައިންނާއި ރަޝިޔާ ސިފައިން ދޭ ޙަމަލާތައް އާންމުންގެ ގެދޮރަށް އަމާޒުވަމުންދާއިރު ތުރުކީގެ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާތައްވެސް އާންމުންނަށް އަމާޒުވަމުންދާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމާއަތެއްކަމަށްވާ ސީރިއަން އޮބަޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް އިން ބުނެއެވެ. އިދްލިބް ޕްރޮވިންސްގައި ހިމެނޭ އިދްލިބް ސިޓީއާއި އެސިޓީގެ ވަށައިގެންވާ އަވަށްތަކާއި ވިލެޖްތަކުގައި ގާތްގަނޑަކަށް 4 މިލިޔަން މީހުންގެ އާބާދީއެއް އޮންނައިރު ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި އައިއެސް އާއި ޖަބްހުތުއްނުސްރާ ފަދަ ޖަމާއަތްތަކުގެ ހަނގުރާމަވެރިން ހިމާޔަތް ހޯދައިގެން އުޅެނީ އާންމުންގެ ގެދޮރަށާއި މަދަނީ އިމާރާތްތަކަށް ވަދެގެންކަމަށް ސޫރިޔާ ގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

ރެފިއުޖީންގެ ގޮތުގައި ތުރުކީގެ ސަރަހައްދީ ރޮނގާ ދިމާއަށްދާ އިދްލިބްގެ އާންމުން ތުރުކީއަށް ވެއްދުމުގެ ބަދަލުގައި ތުރުކީން ގެންދަނީ ތުރުކީ ސިފައިންގެ ކޮންޓްރޯލްކުރާ ސޫރިޔާ އުތުރުގެ ސަރަހައްދު ތަކުގައި އެމީހުންނަށް ވަގުތީ ހިޔާވަހިކަން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިކަންކުރަނީ ތުރުކީ ސިފައިންގެ އެހީތެރިކަމާއެކު އިންސާނީ އެހީ ގެ ދާއިރާގައި މަސައްކަތްކުރާ ތުރުކީގެ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުންނެވެ.

ހަނގުރާމައިގެ ސަބަބުން އިދްލިބް އިން ބޭރުވާ އާންމުން ރައްކާތެރިކަމާއި ހިޔާވަހިކަން ހޯދުމަށްޓަކައި ގަދަ ފިނީގައި ފައިމަގުގައި ޙަރަކާތްތެރިވަމުންދާއިރު އެމީހުން ނިދަންޖެހިފައިވަނީ މަގުމަތީގައެވެ. އަދި ފިނިން ސަލާމަތްވުމަށް ހީފިލިވަން ޖެހިފައިވަނީ ކުނިބުނި އަންދައިގެންނާއި އަމިއްލަ އަންނައުނު އަންދައިގެންނެވެ. މިހާލަތުގައި އެމީހުންނަށް ކާބޯތަކެއްޗާއި ފެންފަދަ ތަކެތި ފޯރުކޮށްދިނުން ދަތިވެފައިވާއިރު ފިނީގެ ސަބަބުންނާއި ކާނާ ނުލިބުމުގެ ސަަބަބުންނާއި ވަރުބަލިވެގެން މަރުވަމުންދާ ކުޑަކުދިން ގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ސޫރިޔާގެ 8 އަހަރުވީ ދާޚިލީ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ 10 މިލިޔަން ރެފިއުޖީންގެ ތެރެއިން ތުރުކީގައި ސޫރިޔާގެ 3.7 މިލިޔަން ރެފިއުޖީން މިހާރުވެސް އެބަތިއްބެވެ. އިދްލިބް ހަނގުރާމައާ ގުޅިގެން އިތުރުވަމުންދާ ރެފިއުޖީން ބަލައި ނުގަތުމަށް ތުރުކީވަނީ ނިންމާފައެވެ. އަދި އިދްލިބްގައި އުފެދިފައިވާ އިންސާނީ ކާރިސާގެ ގެއްލުން ކުޑަކުރުމަށްޓަކައި ސޫރިޔާ ސިފައިންނާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރަންޖެހިދާނެ ކަމުގެ އިންޒާރުވެސް ތުރުކީންވަނީ ދީފައެވެ. އިދްލިބްގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުން އދ. ންވަނީ އެހަނގުރާމައިގެ ސަބަބުން ލޭގެ ކޯރުތަކެއް އުފެދިގެން ހިނގައިދާނެކަމުގެ އިންޒާރު އެތަށްފަހަރަކު ދީފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު