46،000 އަހަރު ކުރީން ގަނޑުވެފައިވާ ދޫންޏެއް ފެނިއްޖެ

ގަނޑުވެފައިވާ ދޫނި ފެނިފައިވަނީ ސައިބީރިއާއިން --- ފޮޓޯ : ބީޖީއާރު

ގާތްގަނޑަކަށް މީގެ 46،000 ވަރަކަށް އަހަރު ކުރީން އައިސްތަކެއްގެ ތެރޭގައި ގަނޑުވެފައިވާ ދޫންޏެއް، ސައިންސުވެރިންނަށް ފެނިއްޖެ އެވެ.

ސައިންޓިސްޓުންނަށް ދާދި ފަހުން އެ ދޫނި ފެނިފައިވަނީ ސައިބީރިއާގެ އިރު އުތުރު ސަރަހައްދެއްގެ ''ޕާމަފްރޯސްޓް'' އަކުންނެވެ. ޕާމަފްރޯސްޓްއަކީ ފިނިވެގެން ގޮސް ގަނޑުވެފައި ހުންނަ ބިންގަނޑު ކަހަލަ ތަންތަނެވެ.

އެ ދޫނީގެ ޖެނެޓިކް ޓެސްޓުތައް ހަދައި މައުލޫމާތުތައް ސާފުކުރުމުން އެ ދޫންޏަކީ "ހޯންޑް ލާކް" އާއިލާއަށް ނިސްބަތްވާ ދޫންޏެއްކަން އެނގުނެވެ.

ރަޝިއާގެ އުތުރު ސަރަހައްދުތަކުން ފެންނަ ހޯންޑް ލާކް ދޫނީގެ އާއިލާއަށް ނިސްބަތްވާ އެ ދޫންޏަކީ މިހާރުވެސް އުޅޭ ދޫނިތަކާ ވައްތަރު ދޫންޏަކަށް ވުން އެކަށީގެންވާ ކަމަށް ސައިންސުވެރިން ވަނީ ބުނެފަ އެވެ.

ސައިންސުވެރިން ބުނީ މީގެ 50،000 ވަރަކަށް އަހަރު ކުރީން ދުނިޔޭގައި އުޅުނު އެއްޗެހި ވީރާނާވެގެން ދިޔުމުގެ ބަދަލު އެ ގަނޑުވެފައި އޮތުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އެއީ އޭގެ ސަބަބުން މީގެކުރީން ދުނިޔޭގައި ދިރިއުޅު އެއްޗެހި ދެނެގަންނަން ފަސޭހަވެގެންދާނެ ކަމަށް ސައިންސުވެރިން ފާހަގަކުރި އެވެ.

"އަސްލު އެހާ ނާޒުކު ދޫންޏެއް ހަލާކު ނުވެ އެ ރައްކާތެރިވެފައި އޮތުމުން އެނގެނީ އޭތި ގަނޑުވެފައި ވަނީ މަރުވި ތާރީހާ ވަރަށް ގާތްކޮށްފައި ކަން،" ދޫނީގެ މައުލޫމާތު ހޯދުމުގައި މަސައްކަތްކުރި ޓީމުގައި އިސްކޮށް އުޅުއްވި ނިކޮލަސް ޑަސެކްސް ވިދާޅުވިއެވެ.

ސައިބީރިއާ އިން މީގެ ކުރީންވެސް ވަނީ، އެތައް ހާސް އަހަރުތަކެއް ކުރީން މަރުވި ޖަނަވާރެއް ގަނޑުވެފައި އޮއްވާ ފެނިފަ އެވެ. އެގޮތުން މީގެކުރީން ފެނިފައިވަނީ 18،000 އަހަރު ކުރީން ގަނޑުވެފައި ކަމަށް ލަފާކުރާ ޕަޕީއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު