ތިން ދުވަހުގެ ފަރުވާއަށް ފަހު ރައީސް ޔާމީން ހޮސްޕިޓަލުން ދޫކޮށްލައިފި

ރައީސް ޔާމީން: ފަރުވާއަށްފަހު، އެމަނިކުފާނު ވަނީ ޖަލަށް ބަދަލުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން ދުވަހުގެ ފަރުވާއަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ރައީސް ޔާމީން ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށްޓަކައި އައިޖީއެމްޗަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ހޮސްޕިޓަލުން ވަނީ އެމަނިކުފާނުގެ ޓެސްޓްތަކެއްވެސް ހަދާފައެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، ޓެސްޓްތައް ހެދުމަށްފަހު، އިއްޔެ ރައީސް ޔާމީން އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ޓެސްޓްތަކަށް ފަހު ރައީސް ޔާމީން ޖަލަށް ބަދަލުކޮށްފައިވާއިރު، މާދަމާ ހައިކޯޓުގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ވަނީ ތާވަލް ކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ.https://sun.mv/131918

އެ ހުކުމް އިސްތިއުނާފުގެ ދެ އަޑުއެހުމެއް މިހާތަނަށް ހައިކޯޓުގައ ވަނީ ބާއްވާފައެވެ. އިސްތިއުނާފުގެ އަޑުއެހުމުގައި އެމަނިކުފާނު ވަނީ ސިއްހީ ހާލަތާ ހުރެ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުމުގެ ފުރުސަތަކަށް ކޯޓުގައި އެދިވަޑައިގެންފައެވެ. އަދި ކަފާލާތުގެ ދަށުން މިނިވަންކޮށް، ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް އެންމެ ފަހުން މިމަހު ހަ ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ނިންމާފައިވަނީ ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށާއި، އަދި އެމަނިކުފާނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ވެސް ނެތްކަމަށް ނިންމާފައެވެ.

comment ކޮމެންޓް