ކުރީގެ ބޯޑުގެ ނިންމުންތައް ރަނގަޅުކަމަށް އާ ބޯޑުންވެސް ބުނި: ޓީއެމްއޭ

ފެބްރުއަރީ 11، 2020: ސީ ޕްލޭންޓާމިނަލް މައްސަލައިގައި ޓީއެމްއޭގެ އިސްވެރިން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމާ ގުޅޭގޮތުން ކުރީ ސަރުކާރުގައި އެމްއޭސީއެލްގެ ބޯޑުން ވި އެއްބަސްވުންތައް ރަނގަޅު ކަމަށް މި ސަރުކާރުގައި އައްޔަނު ކުރި ބޯޑުންވެސް ބުނެފައިވާ ކަމަށް ޓީއެމްއޭ އިން ބުނެފިއެވެ.

ސީޕްލޭން ޓާމިނަލް އާއި ގުޅޭގޮތުން ޓީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާ ސީޕްލޭން ޓާމިނަލް އިން ޖާގަ ދޫކުރުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލްގެ އޮތޮރައިޒްޑް މަންދޫބަކާއި ޓީއެމްއޭގެ އޮފިޝަލުންނާ ދެމެދު ހަމަހަމަ އުސޫލުގެ ތެރެއިން "ރަނގަޅު ނިޔަތުގައި" ކަމަށެވެ.

އެ ބަޔާނުގައި ބުނީ މިހާރުގެ ސަރުކާރުން އެކުލަވާލި އެމްއޭސީއެލްގެ އާ ބޯޑަށް، ކުރީގެ ސަރުކާރުގައި އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރުމަށް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް ކުރީގައި ވެވުނު ކޮމިޓްމެންޓުތައް ރަނގަޅު ކަމަށާއި އެކަންތައް ފުއްދައިދޭނ ކަމުގެ ޔަގީންކަން އާ ބޯޑުންވެސް ދިން ކަމަށެވެ.

ޓީއެމްއޭ އިން ބުނީ އެ ކުންފުނިން 80 ރިސޯޓަށް ހިދުމަތް ދެމުންދާ ކަމަށާއި ޓީއެމްއޭއާއި އެމްއޭސީއެލްއާ ދެމެދު ވާހަކަ ދެކެވި ވެވުނު އެއްބަސްވުމަކީ އެ ކުންފުނީގެ ފުޅާވަމުން އަންނަ އޮޕަރޭޝަނަށް އެކަށޭނަ ޖާގައެއް ލިބޭނެ އެއްބަސްވުމެއް ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތް ކުރިއަށް ގެންދެވޭނެފަދަ ހައްލެއް ހޯދުމަށް ސަރުކާރާއެކު މަޝްވަރާކުރުމަށް ކަމަށްވެސް ޓީއެމްއޭއިން ބުންޏެވެ.

ޓީއެމްއޭއިން ބުނީ އާ ސީޕްލޭން ޓާމިނަލްއިން އެކުންފުންޏަށް ޖާގަ ދޫކުރާނެ ޓާމްސްތައް ބަޔާންކޮށް އެމްއޭސީއެލް އިން ފޮނުވާފައިވާ ސިޓީތަކުގައި ސޮއިކޮށްފައިވަނީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހުސެން ފަޒީލް ކަމަށާއި އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އާދިލް މޫސާއާއި ކުންފުނީގެ ބޯޑުން އެޕްރޫވް ކުރެވިފައިވާ ކަންތައް ކަމުގެ ޔަގީންކަން އެމްއޭސީއެލްގެ ބޯޑުން ޓީއެމްއޭ އަށް ތަކުރާރުކޮށް ދީފައިވާ ކަމަށެވެ.

ފަޒީލް ސޮއިކޮށް ފޮނުވި ސިޓީތަކަކީ އާދިލްގެ ހުއްދަ އާއެކު ފޮނުވި ސިޓީތަކެއްކަން ފަޒީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޓާމިނަލް މައްސަލާގައި މަސައްކަތްކޮށްފައިވާނީ އޭރުގެ އެމްޑީގެ ލަފާގެ މަތިން ކަމަށެވެ.

https://sun.mv/131757

ސަރުކާރުން ގެރެންޓީ ދިން، 55 މިލިއަން ޑޮލަރުގެ ލޯނަކުން ހަރަދުކޮށްގެން އިމާރާތްކުރާ އެ ޓާމިނަލްގެ 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން އެ ކުންފުންޏަށް ދިނުމަށް ފިނޭންސް މިނިސްޓްރީއިން ނިންމާފައިވާއިރު ޓީއެމްއޭ އިން ބުނަމުން ދަނީ އާ ޓާމިނަލުން 31،000 އަކަމީޓަރުގެ ސަރަހައްދެއް އެކުންފުންޏަށް ދިނުމަށް އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެއީ އަކަފޫޓެއް 10.35 ޑޮލަރަށް 15 އަހަރުގެ މުއްދަތަކަށެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގެއް އޭސީސީއިން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް