އައިއޭއެސްގެ ހިންގުން ހަރުދަނާ ކުރަން ޕްލޭން ހަދާނެ ބަޔަކު ހޯދަނީ

ފެބްރުއަރީ 11، 2020: މޯލްޑިވިއަން އެޕް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުންފުނީގެ ސްޓްރެޓަޖީ ތައްޔާރުކޮށް، ތަންފީޒު ކުރުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ފައިދާ މިފަހުން ދަށަށް ގޮސް އެކަމާ މެދު އާންމުންގެ ކަންބޮޑުވުން މި ފަހުން ބޮޑުވި އެވެ. އެގޮތުން ކުންފުނީގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުންގެ މުސާރަ އާއި އިނާޔަތްތައް އަދި ދަތުރުތަކަށް ކުންފުނީގެ ބަޖެޓުން ބޮޑު އެއްޗެއް ހަރަދު ކުރާވާހަކަ އަކީ ސޯޝަލް މީޑިއާގައި އަބަދުވެސް ދައްކާ ވާހަކައެކެވެ.

މި ކަންބޮޑުވުންތަކާއެކު ފިނޭންސް އިން މިއަދު ކުރި އިއުލާނުގައި ބުނީ އައިއޭއެސްގެ ސްޓްރެޓަޖީ ތައްޔާރުކޮށް ތަންފީޒުކުރުމަށްޓަކައި ކޮންސަލްޓަންޓް ނުވަތަ ކޮންސަލްޓަންސީ ފާރމެއް ހޯދަން ބޭނުންވާ ކަމަށާއި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 27 ވަނަ ދުވަހު ޕްރީ ބިޑް މީޓިން އެއް އޮންނާނެ ކަމަށެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މާޗު ތިނެއްގެ މެންދުރު 1:30 ގެ ކުރިންނެވެ.

ދެހާސް ވަނަ އަހަރު އުފެއްދި އައިލެންޑް އޭވިއޭޝަން އަކީ، 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެކުންފުނީގެ ދަށުން އެއާލައިންގެ ހިދުމަތާއި ލައުންޖު ހިދުމަތް އަދި އެއާޕޯޓު މެނޭޖުމެންޓާއި އޮޕަރޭޝަން، ކާގޯ ހިދުމަތް އަދި މޯލްޑިވިއަން ހޮލިޑޭސްގެ އިތުރުން މޯލްޑިވިއަން ސީޕްލޭންގެ ހިދުމަތް ދެއެވެ.

https://sun.mv/126574

ކުންފުނީގެ ހަރަދުތައް އިތުރުވާކަމަށް ބުނެ ހަރަދުތައް ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ މީގެ ކުރިން އައިއޭއެސް އަށް ލަފާ ދީފަ އެވެ.

comment ކޮމެންޓް