އެމްޑީޕީން ވާދަކުރަނީ 877 ގޮނޑިއަށް، 38 ޕަސެންޓަކީ އަންހެނުން

ފެބްރުއަރީ 22، 2020: އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ / އަހްމަދު ސައީދު

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ވާދަކުރާނީ 877 ގޮނޑިއަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭނުގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން 880 އަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލު ކުރި ނަމަވެސް، އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައި ވަނީ 877 ކެންޑިޑޭޓުން ކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީގެ 877 އެޕްލިކޭޝަން ފޯމް ބަލައިގެންފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

"އެހެންކަމުން މިހާރު އެމްޑީޕީގެ ފަރާތުންއިންތިހާބުގައި ވާދަކުރައްވާނީ 877 ކެންޑިޑޭޓުން. ބައެއް ގޮނޑިތައް ހުންނާނެ އެމްޑީޕީން ވާދަނުކުރާ،" އަފްޝަން ވިދާޅުވި އެވެ.

އެމްޑީޕީން ވާދަނުކުރާ ގޮނޑިތަކާ ގުޅޭގޮތުން އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ބައެއް ކައުންސިލްތަކުން އެ ޕާޓީން ނަގަން ބޭނުންވާ، ތިން ގޮނޑި ނެގުމަށްޓަކައި އަނެއް ދެ ގޮނޑިއަށް ވާދަނުކުރަން ނިންމީ ގަސްތުގައި ކަމަށެވެ.

ފެބްރުއަރީ 22، 2020: އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

އިންތިހާބުގެ ކެމްޕޭނާއި، އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި އެ ޕާޓީން އެހެން ޕާޓީއަކާ އިއްތިހާދު ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން އެއްވެސް ބަޔަކާ އިއްތިހާދު ވާކަށް ނުވެސް ޖެހޭ. އެހެން ޕާޓީއަކަށް އެއްވެސް ތާއީދެއް ނުވެސް ނެތް. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެހެން ޕާޓީއަކަށް އަދި ގޮނޑިއެއް އަތުލެވޭ ހިސާބަކަށް ނާދެ،" ނަޝީދު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު މިހާރު ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބޭނެ އެވެ. އަދި ކައުންސިލްގެ 33 ޕަސެންޓު ވަނީ އަންހެނުނަން ހާއްސަކޮށްފަ އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކައުންސިލްތަކަށް 337 އަންހެން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ 38 ޕަސެންޓެވެ.

އަފްޝަން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ނިމި ރަށްވެހި ފަތިހަށް އަލިވިލުމާއެކު ރަށްރަށުގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށްދާނީ އަންހެނުންގެ ބޮޑު ހިއްސާއެއް އޮވެގެން ކަމަށެވެ. އަދި އެއާއެކު ހައްލު ނުލިބި ހުރި ގިނަ މައްސަލަތަކަށް ދާއިމީ ހައްލު އަންނަ މަންޒަރު ފެންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް