ސިއްރު ހެކި ނެގުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އަމީންގެ ޝަރީއަތް މަޑުޖައްސާލަނީ

ކުރިމިނަލް ނޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޝަރީއަތްތަކުގައި ސިއްރުން ހެކިބަސް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ޓެރަރިޒަމްގެ ތުހުމަތު ކުރެވިފައިވާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޝަރީއަތުގެ އަޑުއެހުންތައް މަޑުޖައްސާލަން މިއަދު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދެ ދައުވާއެކެވެ. އެއީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އެވެ. މި ދެ މައްސަލަ ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ސިއްރު ހެކިވެރިން ހިމެނެއެވެ.

މިއަދު އަމީންގެ މައްސަލައިގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ސިއްރު ހެކިވެރިންގެ ބަޔާންތައްވެސް ހާމަކޮށްދިނުމަށް އޭނާގެ ވަކީލު އަހުމަދު ޔާމީން އެދިވަޑައިގެންނެވި އެވެ. ސިއްރު ހެކިވެރިންގެ ބަޔާންތައް ހާމަކުރެވެންޖެހޭ ކަމަށް އޭނާ ގަބޫލުފުޅު ކުރައްވާ ސަބަބަކީ ސިއްރު ހެކިބަސް ނެގޭނެ ގޮތެއް ނެތް ކަމަށް ހައިކޯޓުން ނިންމާފައި އޮތުމުންނެވެ.

ސިއްރުން ހެކިބަސް ނެގޭނެ ގޮތެއް ނެތް ކަމަށް ހައިކޯޓުން ކަނޑައެޅީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައެއްގައެވެ. އެއީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިނުމުގެ އާންމު އުސޫލަކީ ހެކިވެރިޔާއަކީ ކާކުކަން އެނގޭ ގޮތަށް އަދި ދައުވާ ލިބޭ މީހުންނާ އެއް ހާޒިރަކަށް ހެކިވެރިން ގެނެސްގެން އެ މީހުންގެ ހެކިބަސް ނެގުމެވެ. އެކަމަކު، ދައުލަތުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ގާނޫނު ނަމްބަރު 24/76 (ހެއްކާ ބެހޭ ގާނޫނު) ގައި ބަޔާން ކުރާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ސިއްރު ހެކި ބަސް ނެގޭނެ ކަމަށްވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮވެއެވެ. އެހެންނަމަވެސް، 1976 ވަނަ އަހަރު އަމަލު ކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކިބަސް ނެގޭނެ ހާލަތްތަކެއް ބަޔާންކޮށްފައި ނުވެއެވެ. އަދި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގޭނެ ގޮތެއްވެސް ކަނޑައަޅާފައި ނުވެއެވެ.

އަބްދުﷲ ސައީދުގެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައިވެސް ފާހަގަކޮށްފައި ވަނީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި މިއަދާ ހަމައަށް އެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއް ކަމަށް ހުކުމުގައިވެއެވެ. އަދި ސިއްރު ހެކިތަކަށް ނަން ދީގެން އެ މައްސަލާގައި ހެކި ބަސް ނަގާފައި ވަނީ ގޯސްކޮށް ކަމަށް ހުކުމްގައި ކަނޑައަޅާފައިވެއެވެ. އެ ހުކުމް އިސްތިއުނާފު ކުރަން މިހާރު ޕީޖީ އޮފީހުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

އަމީންގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ބޭނުންފުޅުވެވަޑައިގެންނެވީ މިއަދު އެ މައްސަލައިގެ ދައުވާ އިއްވައި ޖަވާބުދާރީ ވުމުގެ ބައި ކުރިއަށް ގެންދަވާށެވެ. އަދި ސިއްރު ހެއްކާ ބެހޭގޮތުން ހައިކޯޓުން ކަނޑައެޅި ކަނޑައެޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާކަންވެސް ފާހަގަ ކުރިއެވެ. ދައުލަތުގެ ވަކީލު އެދިވަޑައިގަތީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބަޔަށް ސިއްރު ހެކި ނެގުމާ ބެހޭގޮތުން ވާހަކަ ދެއްކުން ބޭއްވުމަށެވެ.

ދިފާއީ ވަކީލު ޔާމީން ވިދާޅުވީ، މިވަގުތު ހައިކޯޓުގެ ނިންމުން އިސްތިއުނާފަށް ހުށަހަޅާފައިވީނަމަވެސް އެއަށް އަަމަލު ނުކުރެވޭނެ ހަމައެކަނި ގޮތަކީ ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުން ކަމަށެވެ. ސިއްރު ހެއްކާ ބެހޭގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން މަޑުކުރަން އޭނާގެ މުވައްކިލުގެ އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެ، ޔާމީން އެދިވަޑައިގަތީ ދައުވާއަށް ޖަވާބުދާރީވުމުގެ ބައިވެސް ސިއްރު ހެއްކާ ބެހޭގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން މަޑުޖައްސާލުމަށެވެ.

ގާޒީ ޝަކީލް ނިންމެވީ އެގޮތަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލައިގައި 15 މާޗްއަށް ތާވަލުކޮށްފައިވާ އަޑުއެހުމުގެ ކުރިން ސުޕްރީމް ކޯޓުން ސިއްރު ހެއްކާ ގުޅޭ ގޮތުން ގޮތެއް ނިންމައިފި ނަމަ ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި 15 މާޗްގެ ކުރިން ގޮތެއް ނުނިމިއްޖެ ނަމަ އަނެއްކާވެސް ފަސް ކުރާނީ ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ޝަރުތުތަކަކާ އެކު ނަމަވެސް އަމީން ބަންދުން ދޫކޮށްލުމަށް ޔާާމީން އެދިވަޑައިގަތެވެ. އަމީންގެ އާތްރައިޓިސް އަދި އެހެނިހެން ސިއްހީ މައްސަލަތައް ހުންނަ އިރު ކްރިމިނަލް ކޯޓުން ކުރިންކޮށްފައިވާ އަމުރަކާ އެއްގޮތަށް އޭނާ ޑޮކްޓަރަށް ނުދެއްކޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އަމީން އަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރި ނުރައްކަލެއް ކަމަށް ބުނެ ދައުލަތުން އޭނާ ދޫކުރުމާ މެދު އިއުތިރާޒު ކުރިއެވެ. ގާޒީ ނިންމެވީ އަމީން ބަންދުން ދޫނުކުރުމަށެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. އެ މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އޭނާ ވަނީ ފިލައިގެން ލަންކާއަށް އެތެރެވެފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި އަމީން ހައްޔަރު ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އަމީން އަކީ އަލަށް ތަސްދީގު ކުރެވުނު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ އިސްލާހުތަކާ އެކު ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ.

comment ކޮމެންޓް