ނައިފަރުގައި ބާރުގަދަ އެއްޗެއް ގޮއްވާލަން އުޅުނު މައްސަލައެއް ބަލަނީ

މި މަހުގެ 21 ވަނަ ދުވަހު ޅ. ނައިފަރުގައި ބާރުގަދަ އެއްޗެއް ގޮއްވާލަން ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ފެބުރުއަރީ 21 ވަނަ ދުވަހު 17:15 ހާއިރު ޓެރަރިޒަމްގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން ބަލަނީ އެ ރަށުގައި ބާރުގަދަ އެއްޗެއް ގޮއްވާލަން އުޅުނު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނައިފަރުގައި ދިރިއުޅޭ ތިން މީހަކު އިއްޔެ ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އަދި އެމީހުންގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ނެރެފައިވަނީ މުދަލާއި، ލިޔެކިޔުމާއި މައުލޫމާތާއި ތަކެތި ހޯދައި ހިފެހެއްޓުމުގެ އަމުރެކެވެ.

އަދި އެ އަމުރު ނެރުމުގެ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން ބަޔަކު މީހުން ނައިފަރުގައި ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ލިބިފައިވާ ހެކީގެ ގޮތުގައި އަމުރުގައި ބުނެފައި ވަނީ މައްސަލާގައި އާންމު ފަރާތަކުން ފުލުހުންނަށް ދީފައިވާ މައުލޫމާތާއި ބަޔާން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް