ހުއްޓާ ނުލާ އަށް ގަޑި އިރު ޕްލޭންކުކޮށް ރެކޯޑު ފޮތުން ޖާގަ ހޯދައިފި

އުމުރުން 62 އަހަރުގެ ޖޯޖް ހުޑް ވަނީ އަށް ގަޑިއިރާއި 15 މިނެޓް ހުއްޓާ ނުލައި ޕްލޭންކުކޮށްފައި --- ފޮޓޯ : އެމްއެސްއެން

ޖުމްލަ އަށް ގަޑިއިރާއި 15 މިނެޓު ހުއްޓާލުމެއް ނެތި ޕްލޭންކު ކޮށް، ކުރީގެ މެރީން އެއް ކަމަށްވާ ޖޯޖް ހުޑް، ގީނެސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ޖާގަ ހޯދައިފި އެވެ.

ޕްލޭންކް އަކީ މުލައްދަނޑި އާއި ފައިގެ ބޮޑުވައި އިނގިލީގެ ބާރުގައި، ބަނޑު ނުޖައްސައި ބަންޑުން އޮތުމެވެ.

ހުޑް ވަނީ އަށް ގަޑިއިރު ޕްލޭންކު ކޮށް އެންމެ ގިނަ އިރު ހުއްޓާލުމެއް ނެތި ޕްލޭންކުކޮށްފައިވާ ފިރިހެން މީހާގެ ރެކޯޑު މުގުރާލާފަ އެވެ.

އުމުރުން 62 އަހަރު ހުޑް އެ ރެކޯޑު މުގުރާލި އިރު އެ ރެކޯޑު އެންމެ ފަހުން އާކޮށްފައި ވަނީ ޗައިނާގެ މީހެއް ކަމަށްވާ މައޮ ވެއިޑޮންގް 2016 ވަނަ އަހަރުގަ އެވެ. އޭނާ ޕްލޭންކު ކޮށްފައި ވަނީ އަށް ގަޑިއިރާއި އެއް މިނެޓެވެ.

ހުޑް ވަނީ ޕްލޭންކު ކޮށްގެން މީގެކުރީން ވެސް ރިކޯޑު ފޮތުން ޖާގަހޯދާފަ އެވެ. އެގޮތުން އެންމެ ގިނައިރު ޕްލޭންކު ކޮށްގެން އޭނާ އެންމެ ފުރަތަމަ ރެކޯޑު މުގުރާލާފައި ވަނީ 2011 ވަނަ އަހަރުގަ އެވެ. އެ އަހަރު ހުޑް ވަނީ އެއް ގަޑިއިރާއި 20 މިނެޓު ހުއްޓާ ނުލާ ޕްލޭންކުކޮށްފަ އެވެ.

ގީނެސް ވޯލްޑް ރެކޯޑު ގާއިމުކުރުމަށް ފަހު ހުޑް އެކަން ފާހަގަކޮށްފައި ވަނީ 75 ޕުޝްއަޕް ޖައްސައިގެންނެވެ.

"އަހަރެންނަށް ޕްލޭންކް ކުރެވޭނެ އެންމެ ބޮޑަކަށް މިފަހަރު މިއޮތީ ޕްލޭންކު ކޮށްފައި،" އޭނާ ބުންޏެވެ.

ގީނެސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހުޑް ޕްލޭންކު ކުރި ވަގުތުގައި އޭނާ ވަނީ ގާތްގަނޑަކަށް 4،252 ކެލަރީ ވިރުވާލާފައި ކަމަށެވެ.

ފާއިތުވި 18 މަހުގެ ތެރޭގައި ހުޑް ވަނީ 2،100 ގަޑިއިރުގެ ޕްލޭންކް ކޮށްފަ އެވެ. ކޮންމެ ދުވަހަކު ހަތް ގަޑިއިރު ޓްރެއިނިން އަށް ހޭދަކުރާ ހުޑް ވަނީ އެ މުއްދަތުގެ ތެރޭގައި 270،000 ޕުޝްއަޕް ވެސް ޖައްސާފަ އެވެ.

comment ކޮމެންޓް