ބަޔާން މޮޅުވި މެޗުގައި ކުޑަ ކުއްޖަކު ފިތިގެން މަރުވެއްޖެ

ޖަރުމަން ބުންޑެސްލީގާގައި ރޭ ޕެޑަބޯން އަތުން ބަޔާން މިއުނިކް މޮޅުވި މެޗުގައި 14 މަހުގެ ކުޑަ ކުއްޖަކު ފިތިގެން މަރުވެއްޖެ އެވެ.

ބަޔާންގެ އަލެންޒް އެރީނާގައި ރޭ ކުޅުނު މެޗުން ތާވަލުގެ ފުލުގައި އޮތް ޕެޑަބޯން އަތުން އެ ޓީމު މޮޅުވީ 2-3ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ބަޔާން ތާވަލުގެ އެއްވަނައަށް ޖެހިލި ނަމަވެސް މެޗަށް ފަހު ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ އެ މެޗުގެ ތެރޭގައި ދިމާވި ހިތާމަވެރި ހާދިސާގައި މަރުވި 14 މަހުގެ ކުޑަ އަންހެން ކުއްޖާއަށެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ޕެޑަބޯންގެ ފޯވާޑް ސްޓްރެލީ މަމްބާގެ އާއިލާއަށް ނިސްބަތްވާ ކުއްޖެކެވެ. މަމްބާގެ އާއިލާ ރޭގެ މެޗު ބެލުމަށް ދަނޑަށް ވަތް އިރު ޕެޑަބޯންއިން ގޯލު ޖެހުމުން ސަޕޯޓަރުން އެރި ފޯރީގައި ވަނީ އެ އާއިލާގެ އެންމެ ކުޑަ ކުއްޖާ ފިތިފަ އެވެ. އެއާ އެކު ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މި ހާދިސާއާ ގުޅިގެން ޖަރުމަނުގެ އެކި ކުލަބުތަކުން ދަނީ މަރުވި އާއިލާއަށާއި ޕެޑަބޯންގެ ފޯވާޑް ސްޓްރެލީއަށް ހަމްދަރުދީގެ މެސެޖުތައް ފޮނުވަމުންނެވެ.

ޕެޑަބޯން މިފަހަރުގެ ލީގުގައި މިހާތަނަށް 23 މެޗު ކުޅެފައިވާ އިރު ލިބުނީ 16 ޕޮއިންޓް އެވެ. އެ ޓީމުން ލީގުގައި ކުޅުނު 17 މެޗަކުން ބަލިވެފައިވާ އިރު މޮޅުވީ އެންމެ ހަތަރު މެޗުންނެވެ.

ރޭގެ މެޗުގައި ބަޔާން މިއުނިކް ދެފަހަ ލީޑު ނެގި އިރު ވެސް ޕެޑަބޯންއިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު ހިތްވަރާ އެކު ކުޅެމުން ދިޔަ ޕެޑަބޯންގެ އުންމީދުތައް އެންމެ ފަހުވަގުތު ފުނޑު ފުނޑުވެގެން ދިޔައީ 88 ވަނަ މިނަޓުގައި ބަޔާންގެ ފޮވާޑް ރޮބާޓް ލެވަންޑޮސްކީ ޖެހި ގޯލުންނެވެ.

comment ކޮމެންޓް