މެސީގެ ހަތަރު ގޯލާ އެކު ބާސެލޯނާއަށް ބޮޑު މޮޅެއް

އެއިބާއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ފޯވާޑް މެސީ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ރަޔަން ބެންސަން

ކެޕްޓަން ލިިއޮނެލް މެސީގެ ހަތަރު ގޯލާ އެކު އެއިބާ އަތުން ބޮޑު މޮޅެއް ހޯދައި، ބާސެލޯނާ ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން އެއިބާގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު 25 މެޗު ކުޅެގެން ލިބުނު 55 ޕޮއިންޓާ އެކު ބާސެލޯނާ އެއްވަނައަށް ޖެހިލާފައިވާ އިރު އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު ވާދަވެރި ރެއާލް މެޑްރިޑް ވަނީ ނަގާލައިފަ އެވެ. ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން ލެވަންޓޭ އަތުން ބަލިވީ 0-1 އިންނެވެ.

އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ގޯލެއް ނުޖެހި ދިޔަ މެސީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އިރު އޭނާ ބާސެލޯނާއަށް ގޯލު ހުޅުވައިދިނީ މެޗުގެ 14 ވަނަ މިނަޓުގައެވެ. ކައިރިއަށް އައި ތިން ކުޅުންތެރިން ކަޓުވާލާފައި ގޮސް މެސީ އެ ގޯލު ޖެހި އިރު އިދިކޮޅު ޓީމުގެ ކީޕަރު ހުރީ ގުޑިލާން ވެސް ނޭންގިފަ އެވެ.

މެސީގެ ގޯލާ އެކު ބާސެލޯނާއިން ޓީމު ކުރިއަށް ޖައްސައި ހަމަލާތައް އިތުރު ކުރި އިރު މެސީ އޭނާގެ ދެވަނަ ގޯލު ޖެހީ 37 ވަނަ މިނަޓުގައެވެ. މި ގޯލު ވެސް މެސީ ޖެހީ ދެ ކުޅުންތެރިން ކަޓުވާލުމަށްފަހި ގޯލުގެ އަރިމަތި ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

އޭގެ ދެ މިނަޓުފަހުން މެސީ ވަނީ އޭނަގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އިދިކޮޅު ކުޅުންތެރިއެއް ޑިފެންސްގައި ހޯދި ގޯހެއްގެ ފައިދާ ނަގައި ގޯލު ކުރިމައްޗަށް ހުއްޓި މެސީ ގޯލަށް ޖެހުމުގެ ބަދަލުގައި އެ ޓީމުގެ ފޯވާޑް ގްރީޒްމަންއަށް ޖައްސާލި ވަގުތު އެއިބާގެ ޑިފެންޑަރު އައިސް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަލުން އަނބުރާ ބޯޅަ ލިބުނީ މެސީ އަށެޗެ. މެސީ އިތުބާރާ އެކު އެ ބޯޅަ ގޯލަށްފޮނުވާލީ ތިރި ތިރިންނެވެ.

ދެވަނަ ހާފު ފެށިގެން އެއިބާއިން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފެއްދި އެވެ. ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭއާއި ސާޖިއޯ ބުސްކެޓްއަށް ރެސްޓް ދިނުމުގެ ގޮތުން އެ ކުޅުންތެރިން އެ ހާފުގެ ކުރީކޮޅު ބަދަލު ކުރި އެއިބާއިން ވަނީ އެކަމުގެ ފައިދާ ނެގޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ ޓީމުން ޖެހި ދެ ގޯލުވެސް ވީއޭއާރު ބެލުމަށްފަހު ގޯލެއް ކަމަށް ރެފްރީ ނިންމީ އެވެ.

ބާސެލޯނާގެ ފަހު ބަދަލަކަށް އެ ޓީމުން ކުޅެން އެރުވީ ދާދި ފަހުން އެ ޓީމާއި ގުޅުނު މާޓިން ބްރެއިތް ވެއިޓް އެވެ. އޭނާ ކުޅެން ނުކުމެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަނީ މެސީއަށް އޭނަގެ ހަތަރުވަނަ ގޯލު ޖެހުމަށް އެސިސްޓްކޮށްދީފަ އެވެ. އަދި މެޗު ނިމެން ދަނިކޮށް އާތުރް މެލޯއަށް ގޯލެއް ޖެހުމަށްވެސް ބްރެއިތް ވެއިޓް ވަނީ އެސިސްޓްކޮށްދީފަ އެވެ.

ރޭގެ މެޗުގައި ޖެހި ހަތަރު ގޯލާ އެކު މެސީ ވަނީ ބޮޑު ރެކޯޑަކާ އަރައި ހަމަކޮށްފަ އެވެ. އޭނާ ވަނީ ސީދާ 1000 ގޯލު ޖެހުމުގައި ބައިވެރިވެފަ އެވެ. އެއީ 696 ގޯލާއި 304 އެސިސްޓް އެވެ.

comment ކޮމެންޓް