ކޮންޒަވެޓިވް ބޭފުޅުން އީރާނުގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބު ކުރަނީ

އީރާނުގެ ރައްޔިތުން އިއްޔެ ވޯޓުލަނީ

ތެހެރާން (22 ފެބްރުއަރީ 2020) : އީރާނުގައި އިއްޔެ ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަންފަށާފައިވާއިރު މިހާތަނަށް އިއުލާންކުރި ދާއިރާތަކުން ބޮޑު ތަފާތަކުން ކުރީގައި އުޅެނީ ކޮންޒަވެޓިވް ފިކުރުގެ ކެންޑިޑޭޓުންކަން ހާމަވެއްޖެއެވެ.

އީރާނުގެ އިންތިޚާބުތަކާބެހޭ އިދާރާއިންބުނީ މިހާތަނަށް ގުނާފައިވާ ފޮށިތަކުން 40 ކެންޑިޑޭޓުން އިންތިޚާބުވިކަން ކަށަވަރުވެފައިވާކަމަށާ އެ ކެންޑިޑޭޓުން ނިސްބަތްވަނީ 23 ދާއިރާއަކަށް ކަމުގައެވެ. އީރާނުގައި އިއްޔެ ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި ވޯޓުލުންނިމި ފޮށިތައް ބަންދުކޮށްފައިވަނީ ރޭ އީރާނުގެ ގަޑިން ގާތްގަނޑަކަށް 11 ޖަހާކަންހާއިރުގައެވެ. ފޮށިތައް ބަންދުކުރުން 2 ގަޑީއިރަށް ލަސްކުރިއިރު އެކަންކުރީ އެންމެފަހުވަގުތު ބައެއް މީހުން ވޯޓުލާން އައުމުގެ ސަބަބުންނާ އަދި ވޯޓުލާން ދިޔަ މީހުންގެ ނިސްބަތް މަދުކަމުން ވޯޓުލުމަށް އިތުރުވަގުތު ދިނުމުގެ ގޮތުންކަމަށް އިންތިޚާބުތަކާބެހޭ އިދާރާއިން ބުނެފައިވެއެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގައި 290 ގޮނޑި ހިމެނޭއިރު އެގޮނޑިތަކަށް 10 ހާހަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 6850 މީހުން ކެންޑިޑޭޓްކަމަށް އަހުލުވެރި ނުވާކަމަށް އީރާނުގެ ދަސްތޫރު ހިމާޔަތްކުރުމުގެ ގާނޫނީ ޒިންމާ އުފުލާ ގާޑިއަން ކައުންސިލުން ނިންމާފައިވެއެވެ.

ކެންޑިޑޭޓްކަމަށް އަހުލުވެރި ނުވާކަމަށް ނިންމި ކެންޑިޑޭޓުންގެ ތެރޭގައި ކުރީގެ ސަރުކާރުތަކުގައި އިސްވަޒީފާތައް އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވާ ބޭފުޅުންނާއި ގައުމީ ގޮތުންނާއި ދީނީގޮތުން ގައުމުގެ އެއްބައިވަންތަކަން ގެއްލޭފަދަ ވިސްނުން ގެންގުޅޭކަމަށް ތުހުމަތު ކުރެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް އީރާނުގެ މީޑިއާއިން ބުނެފައިވެއެވެ. ކެންޑިޑޭޓްކަމަށް އަހުލުވެރި ނުވާކަމަށް ނިންމި ކެންޑިޑޭޓުންގެ ތެރޭގައި އީރާނުގައި އޮންނަ ސިޔާސީ މައި ދެފިކުރު ކަމަށްވާ ކޮންޒަވެޓިވް ފިކުރާއި މެދުމިނުގެ ފިކުރުގެ ބޭފުޅުންވެސް ހިމެނެއެވެ.

އީރާނުގެ ޕާލަމެންޓްރީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ 58 މިލިޔަން މީހުން ތިބިނަމަވެސް ވޯޓުލުމުގައި ބައިވެރިވެފައިވަނީ އޭގެތެރެއިން ގާތްގަނޑަކަށް 30 އިންސައްތަ މީހުންކަމަށް އެގައުމުގެ ދާޚިލީ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ. ނަމަވެސް ވޯޓު ލީ މީހުންގެ ނިސްބަތް އިންތިޚާބުތަކާބެހޭ އިދާރާއިން ކަށަވަރުކޮށް ދީފައެއް ނުވެއެވެ. އިންތިޚާބު ބޭއްވި ވަގުތަކީ ކޮވިޑް-19 ވައިރަސް ގެ 18 ޙާލަތް އީރާނުން ފެނި އެރޯގާގައި ދެމީހަކު މަރުވުމާ ގުޅިގެން އާންމުގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ވަގުތަކަށްވާތީ ވޯޓުލާން ގިނަ ބަޔަކު ނުކުތުމަށް ފަސްޖެހުނު ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ މިދުވަސްވަރުގައި އީރާނުގެ ކޮންޒަވެޓިވް ފިކުރާއި މެދުމިނުގެ ފިކުރުގެ ބޭފުޅުންގެ މެދުގައިވަނީ ސިޔާސީ ވަރުގަދަ ކޯޅުންތަކެއް އުފެދިފައެވެ. މެދުމިނުގެ ފިކުރަކީ ރައީސް ރައީސް ހަސަން ރޫހާނީ ގެ ކޭންޕްގެ ފިކުރެވެ. ކޮންޒަވެޓިވް ފިކުރަކީ އީރާނުގެ އެންމެ އިސް ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއި އާއި އެގައުމުގެ ކުރީގެ ރައީސެއްކަމަށްވާ މަހްމޫދު އަހްމަދީ ނެޖާދުގެ ކޭންޕްގެ ފިކުރުގެ ބޭފުޅުންނެވެ.

އާންމުންގެ ގިނަ ބަޔަކުވަނީ މިދެފިކުރުގައި ޖެހިފައެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި އޮބާމާގެ ވެރިކަމުގައި ނިއުކްލިޔާ މައްސަލާގައި އީރާނުން ބޮޑެތި ދޫތަކެއްދީ އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ނިއުކްލިޔާ އެއްބަސްވުމުގައި އީރާނުން ސޮއިކުރީ މެދުމިނުގެ ފިކުރުގެ ބޭފުޅެއްކަމަށްވާ ރައީސް ހަސަން ރޫހާނީ އާއި އޭނާގެ ކޭންމްޕްގެ ބާރާއި ނުފޫޒުންނެވެ.

ހަރުކަށިނުވެ ދޫދިނުމުގެ ސިޔާސަތެއް ގެންގުޅުމުން އީރާނަށް މާބޮޑަށް ފައިދާވެ ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއިލިބޭނެކަމަށް ރޫހާނީއާއި އޭނާގެ މެދުމިނުގެ ފިކުރުގެ ބޭފުޅުން އެދުވަސްވަރު ވަކާލާތު ކުރެއްވިއެވެ. އަދި އީރާނުން ނިއުކްލިޔާ އެއްބަސްވުމުގައި ސޮއިކުރުމުން އޮބާމާގެ ވެރިކަމުގައި އީރާނަށް ބޮޑެތި ލުއިތަކެއްދީ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް ނައްތާލިއެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް ވަޑައިގެން އެ އެއްބަސްވުން އެކަހެރި ގޮތެއްގައި އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް ކުރިޔަށްވުރެވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. މިއާއެކު މެދުމިނުގެ ފިކުރުގެ ބޭފުޅުން ގެ ހުއްޖަތްތައް ގެއްލި ކޮންޒަވެޓިވް ފިކުރުގެ ބޭފުޅުންގެ ކުރިމަތީގައި ރޫހާނީގެ ކޭމްޕްވަނީ ސިޔާސީ ގޮތުން ބަލިކަށިވެފައެވެ.

އީރާނުގެ ކޮންޒަވެޓިވް ފިކުރުގެ ބޭފުޅުންގެ ވިސްނުމަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނާ އަދި ހުޅަނގަށް އިތުބާރު ނުކުރުމެވެ. ކުރީގެ ރައީސް އަހްމަދީ ނެޖާދުވަނީ އޭނާ ވެރިކަމުގައި ހުންނެވިނަމަ އީރާނުން އެމެރިކާއާ ވާހަކަ ނުދައްކާނެ ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ފިޔަވަޅުތައް އަލުން އަނބުރައި އިއާދަވުމުން މެދުމިނުގެ ފިކުރު އީރާނުގައި ވަނީ ނާކާމިޔާބުވެފައި ކަމަށް ކޮންޒަވެޓިވް ފިކުރުގެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

އީރާނުގައި އިއްޔެ ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގެ ނަތީޖާ ލަސްވެގެން މާދަމާ ހެނދުނުގެ ކުރިން އިއުލާނު ކުރާނެކަމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ އިދާރާއިންބުނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު