ކުރީގެ އަންހެން ދެ ސްކޫލަށްވެސް ފިރިހެން ކެޕްޓަނުން

އަމީނިއްޔާ ސްކޫލްގެ ކެޕްޓަން ޖޫދު ޕްރިންސިޕަލް ނާޒްލީންއާއެކު--

މާލޭގެ އަންމެ ފަޚްރުވެރި އަދި އަންހެން ދަރިވަރުންނަށް ކިޔަވައިދޭން ހުޅުވި އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލްއަކީ މިހާރު ދެ ޖިންސަށް ކިޔަވައިދޭ ދެ ސްކޫލެކެވެ.

މީގެ ކުރިން އަންހެން ދަރިވަރުން ކެޕްޓަންކަމުގެ މަގާމު ފުރަމުން ދިޔަ ދެ ސްކޫލުންވެސް މިއަަހަރު ފެނުނީ ފިރިހެން ކެޕްޓަނުންނެވެ.

އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން 2009 ވަނަ އަހަރު ހުޅުވި ހިރިޔާ ސްކޫލްގެ މިއަހަރުގެ ކެޕްޓަންއަކީ މުހައްމަދު އިނާން އިސްމާއިލްއެވެ. މިދިޔަ އަހަރު އޭނާއަކީ ހިރިޔާގެ ޑެޕިއުޓީ ކެޕްޓަންވެސް މެެއެވެ.

މިއީ އެ ސްކޫލްގައި ފިރިހެން ދަރިވަރުން ގްރޭޑް 10 ގައި ކިޔަވާ ފުރަތަމަ އަހަރުވެސް މެއެވެ. ހިރިޔާ ސްކޫލް ދެ ޖިންސުގެ ދަރިވަރުންނަށް ހުޅުވާލީ 2011 ވަނަ އަހަރުއެވެ.

ހިރިޔާ ސްކޫލްގެ ކެޕްޓަން އިނާން--

ކެޕްޓަން އިނާންގެ މަންމަ އައިޝަތު ރަޝީދާ "ސަން" އަށް ބުނީ އިނާންއަކީ ގްރޭޑް އެކަކުން ފެށިގެން މިހާތަނަށް އޭ ސްޓާ ހޯދަމުން އައި ދަރިވަރެއް ކަމަށެވެ. މިދޔަ އަަހަރު އަމީނިއްޔާގެ ގްރޭޑް ނުވައެއް ނިންމި އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި އޭނާ ހިމެނުނުއިރު ކެރަމްއިން އޭނާއަށް މިދިޔަ އަހަރު ކަލާސް އެވޯޑްވެސް ލިބުނެވެ. އޭގެ އިތުރުން އޭނާއަކީ އެހެން ކުޅިވަރުތައްވެސް ކުޅޭ ދަރިވަރެކެވެ.

"ހީކުރީ މިފަހަރު އިންތިހާބު ވާދަވެރިވާނެކަމަށް އެއީ ކުރިން ފަހަރު ވަރަށް ވާދަވެރި. އެކަމަކު ހީކުރި ގޮތާ ހިލާފަށް މިފަހަރު ބޮޑު ފަރަގަކުން މޮޅުވީ. އަޅުގަނޑަކީ ހުރިހާ ކުދިންނާވެސް ގުޅޭ ކުއްޖެއް،" އިނާންގެ މަންމަ ބުންޏެވެ.

ހިރިޔާ ސްކޫލްގެ ކެޕްޓަން އިނާން(ވ)--

ކެޕްޓަންގެ އިތުރުން ހިރިޔާގެ ގޭމްސް ކެޕްޓަނަކަށް ހޮވައިފައިވަނީވެސް ފިރިހެން ދަރިވަރެކެވެ. އެމަގާމަށް ހޮވިފައިވަނީ ދާއިން ބިން އައްޔޫބެވެ. ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނާއި ޑެޕިއުޓީ ގޭމްސް ކެޕްޓަނުންގެ ގޮތުގައި އަންހެން އަދި ފިިރިހެން ދަރިވަރަކު ހުރެއެވެ.

ޑެޕިއުޓީ ކެޕްޓަނުން

  • އައިޝަތު މިސްކު ބިންތު އަބްދުﷲ ހަސީން
  • އަހުމަދު އަލާއު އިސްމާއިލް

ޑެޕިއުޓީ ގޭމްސް ކެޕްޓަނުން

  • ޝަބީން އާތިފް
  • އައިޝަތު ލީން މަހުމޫދު

ހިރިޔާ ސްކޫލްގެ ސްޓޫޑަންޓް ކައުންސިލްގެ މަގާމުތައް ހޮވާފައިވަނީ ސްކޫލްގެ މަތީ ދަރިވަރުންގެ ވޯޓާއި އެކެޑެމިކްސް އަދި ހާޒިރީ އިތުރު ހަރަކާތްތަކާއި އެހެނިހެން ކަންތައްތަކަށް ބެލުމަށްފަހުއެވެ.

އަންހެން ދަރިވަރުންނަށް ހާއްސަކޮށް "މަދަރުސަތުލް ސަނިއްޔާ"ގެ ނަމުގައި 1944 ހުޅުވި ސްކޫލް އަދި މިހާރު އަމީނިއްޔާގެ ކެޕްޓަންކަމަށް ހޮވިފައިވަނީ އެ ސްކޫލްގެ ގްރޭޑް ދިހައެއްގައި ކިޔަވަމުންދާ މުހައްމަދު ޖޫދު ޖާވިޒްއެވެ. ކުރިންވެސް ކެޕްޓަންގެ މަގާމުގެ ހުވަފެން ދެކެމުންދިޔަ ޖޫދަށް އެ ހުވެފެން ކާމިޔާބުވުމުން ހުރީ އުފަލުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ހިރިޔާއެކޭ އެއްގޮތަށް އަމީނިއްޔާއިންވެސް ކެޕްޓަން ހިމެނޭގޮތަސް ސްޓޫޑަންޓް ކައުންސިލްގެ މެމްބަރުން ހޮވާފައިވަނީ ސްކޫލްގެ މަތީ ދަރިވަރުންގެ ވޯޓާއި އެކެޑެމިކްސް އަދި ހާޒިރީގެ އިތުރުން އިތުރު ހަރަކާތްތަކާއި އެހެނިހެން ކަންތައްތަކަށް ބެލުމަށްފަހުއެވެ.

އަމީނިއްޔާ ސްކޫލްގެ ކެޕްޓަނަށް ހޮވުނު ޖޫދު (ފިރިހެން ކުދިންގެ ވާތުގައި) ސްޓޫޑަންޓް ކައުންސިލްއަށް ހޮވުނު އެހެން ދަރިވަރުންނާއެކު--- ފޮޓޯ: އަމީނިއްޔާ

ޖޫދުއަށް ކެޕްޓަންގެ މަގާމު ލިބުނުއިރު އިންތިހާބްގައި ވޯޓުލި ގްރޭޑް 7 ން 10 އެއްގެ ގިނަ ދަރިވަރުންނަކީ އަންހެން ދަރިވަރުންކަންވެސް ފާހަގަކޮށްލެވެއެވެ. އޭނާ މަގާމު ކަށަވަރުކުރީވެސް ކެޕްޓަންގެ މަގާމަށް ކުރިމަތިލި އަންހެން ދަރިވަރުންނާ ވާދަކޮށް ބޮޑު ފަރަގަކުންނެވެ.

ޖޫދު ބުނީ ކެޕްޓަންއަކަށް ވުމުން ހަމައެކަނި ނުފުދޭ ކަމަށާއި އަދި މިއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެހެންކަމުން ރޯލް މޮޑެލްއަކަށް ވާންޖެހޭކަން އޭނާ ފާހަގަކުރިއެވެ.

ޖޫދުގެ ބައްޕަ އަހުމަދު ޖާވިޒް "ސަން" އަށް ބުނީ ޖޫދުއަކީ ކިޔެވުމުގައި ހުރިހާ މާއްދާއެއްގައިވެސް ފާހަގަކޮށްލެވޭ ކުއްޖެއް ކަމަށެވެ. ހޭންޑްބޯލާއި ފުޓްބޯޅަ ކުޅުމުގައި އުޅޭ ޖޫދު މިހާރު ބޮޑަށް ހަރަކާތްތެރިވަނީ ބާސްކެޓް ކުޅުމުގެ ތެރޭގައެވެ. އޭގެ އިތުރުން ސްކޫލް ބޭންޑްގައިވެސް ޖޫދު ހަރަކާތްތެރިވެއެވެ.

އަމީނިއްޔާ ސްކޫލްގެ ކެޕްޓަން ޖޫދު ބާސްކެޓް ޓީމްއާއެކު(ކުރިމަތިން 6 ނަންބަރު ޖޯޒީގައި)--

ޖޫދުގެ އިތުރުން އަމީނިއްޔާގެ މިއަހަރުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމަށްވެސް ހޮވިފައިވަނީ ފިރިހެން ދަރިވަރުންނެވެ. ޑެޕިއުޓީ ކެޕްޓަންގެ މަގާމަށް އަހުމަދު މިޖްވަލް ނަވާޒް ހޮވުނުއިރު ގޭމްސް ކެޕްޓަންގެ މަގާމަށް ހޮވުނީ އަހުމަދު ޝަހުރުއެވެ. ސްކޫލްގެ ޑެޕިއުޓީ ގޭމްސް ކެޕްޓަންގެ މަގާމަށް ހޮވިފައި ވަނީ އާއިޝަތު ލުލްވާއެވެ.

އަމީނިއްޔާ ސްކޫލްގެ ލީޑިން ޓީޗަރު އައިމިނަތު އައްޒަ "ސަން" އަށް މިއަދު ވިދާޅުވީ އެ ސްކޫލްގައި ފުރަތަމަ ފަހަރަށް ފިރިހެން ކެޕްޓަނެއް އައުމުން އެކަމާ އުފާވެ ފަހުރުވެރިވާ ކަމަށެެވެ.

"އެކަމަކު އަދިވެސް އަޅުގަނޑު ހިތުގެ އަޑިން އެދެނީ އަންހެން ކެޕްޓަނެއް ފެންނަތަން. މިއީ ޖޫދުއަށް ބުނާ ދެރަބަހެއް ނޫން. އޭނާއަކީ ހަމަ އެންމެ ކެޕްޓަންކަމަށް ގާބިލް ދަރިވަރު،" އައްޒަ ވިދާޅުވިއެވެ.

އަމީނިއްޔާގެ ލީޑިން ޓީޗަރު އައްޒަ (ވ) އޭނާ 1992 ވަނަ އަހަރު ސްކޫލް ކެޕްޓަން ކުރި ދުވަސްވަރު--- ފޮޓޯ: އައްޒަ

އައްޒަ އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލިއިރު އޭނާއަކީވެސް އަމީނިއްޔާގެ ކުރީގެ ސްކޫލް ކެޕްޓަންއެވެ. 1992 ވަނަ އަަހަރު ކެޕްޓަންގެ މަގާމު ފުރިއްވި އައްޒަ މިހާރު އަމީނިއްޔާގައި ވަޒީފާއަދާކުރަމުންދާތާ ވަރަށް ދުވަސްވެއްޖެއެވެ.

comment ކޮމެންޓް