ޑޮކްޓަރަކު "ފަޟީހަތް" ކުރަން އުޅުމުން ދިފާއުގައި އައިޖީއެމްއެޗް ނުކުމެއްޖެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) -- ސަން ފައިލް ފޮޓޯ

އައިޖީއެމްއެޗްގެ ޑޮކްޓަރަކު ބޭސް ދޭންވީ މިންވަރު ގޫގަލް ބޭނުންކޮށްގެން ހޯދުމަކީ އެ ހޮސްޕިޓަލާއި ޑޮކްޓަރުގެ ފެންވަރު ދެރަކަން ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އެ ހޮސްޕިޓަލުން ރައްދު ދީފި އެވެ.

ދާދި ފަހުން، ކޮންސަލްޓޭޝަން ރޫމެއްގެ ތެރޭގައި އައިޖީއެމްއެޗްގެ ޑޮކްޓަރަކު ހުއްޓާ ނަގާފައިވާ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ޑޮކްޓަރު ބޭސް ދިނީ ގޫގަލްކޮށްގެން ކަމަށެވެެ. އަދި އެކަމާ ގުޅިގެން ޑޮކްޓަރާއި އައިޖީއެމްއެޗާއި ސަރުކާރަށް މިހާރު ޑިލީޓުކޮށްފައިވާ އެ ޕޯސްޓުގައި ފާޑުކިޔާފައިވެއެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަކީ ބައިނަލްއަގުވާމީ މިންގަނޑުތައް ގަބޫލުކުރާ ތައުލީމާއި ތަމްރީނު ހޯދާފައިވާ، އަދި ރާއްޖޭގެ ކަމާ ބެހޭ ކައުންސިލުތަކުގެ އިމްތިހާނުތަކާއި އެހެނިހެން އިޖުރާއަތުތައް ފުރިހަމަކޮށް، އެ ކައުންސިލުތަކުގައި ރަޖިސްޓްރީވެފައި ތިބި މުވައްޒަފުން ކަމަށެވެ.

ބޭހެއް ދިނުމުގެ ކުރިން ޑޯޒް ދޭ މިންވަރު ކަށަވަރު ކުރުމަށް ސިއްހީ ހިދުމަތްތެރިން ރިއާއަތް ކުރާ ޑޭޓާބޭސްތަކާއި، ސޮފްޓްވެއާ ނުވަތަ އެޕްތަކާއި، މެޑިކަލް ކަލްކިއުލޭޓަރު ފަދަ ތަކެތި މުވައްޒަފަކު ބޭނުން ކުރުމަކީ އެ މުވައްޒަފެއްގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމެއް ނޫން ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

"މިއީ ފަރުވާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިތުރު މަސައްކަތެއް ކުރާ ކަމުގެ ހެއްކެކެވެ. އަދި މިއީ ހޮސްޕިޓަލުތަކުން އަބަދުވެސް ތަރުހީބުދޭ ކަމެކެވެ." އައިޖީއެމްއެޗުން ބުންޏެވެ.

އޭގެ އިތުރުން، ހުއްދަ ނުނަގައި އެއްވެސް ފަރާތެއްގެ ފޮޓޯ ނަގައި އާންމު ނުކުރެވޭނެ ކަމަށާއި، ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ފަދަ ތަންތަނުގެ އެތެރޭގައި ފޮޓޯ ނެގުމަކީވެސް ދުނިޔޭގެ ގިނަ ހޮސްޕިޓާތަކުގެ މަނާ ކަމެއްކަން އައިޖީއެޗްއިން ފާހަގަކުރިއެވެ.

ސިއްހީ ހިދުމަތްތެރިންނަކީ އިންސާނީ ހިދުމަތުގައި 24 ގަޑިއިރު ތިބޭ ބައެއް ކަމަށްވީއިރު، އެއްވެސް އަސާސެއް ނެތި އެ މީހުންގެ ގާބިލުކަމާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފައްދައި، މުވައްޒަފުންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ގޮތަށް ކުރާ އެއްވެސް ކަަމަކީ އެ ހޮސްޕިޓަލުން ބަލައިގަންނަ ކަމެއް ނޫން ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ. އަދި އެފަދަ ހާލަތްތަކުގައި ކަމާ ބެހޭ ގާނޫނުތަކުގެ ދަށުން މުވައްޒަފުންނަށް ލިބިދޭ އިހުތިޔާރުތަކުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަސްނުޖެހޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗްގެ މުވައްޒަފަކާ މެދު ޝަކުވާއެއް އޮތް ނަމަ ނުވަތަ މުވައްޒަފަކު އަމަލު ކުރި ގޮތަކާ މެދު ސުވާލު އުފެދޭ ނަމަ ހޮސްޕިޓަލަށް ނުވަތަ ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކަށް ޝަކުވާ ހުށަހަޅައިގެން ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަކަންވެސް އެ ހޮސްޕިޓަލުން ފާހަގަ ކުރިއެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރެއްގެ ފޮޓޯ އާންމުކޮށް ސޯޝަލް މީޑިއާގައި ފާޑުކިޔުމުން އެ ޑޮކްޓަރުގެ ދިފާއުގައި އެހެން ފުންނާބުއުސް ޑޮކްޓަރުންވެސް ނުކުމެފައިވެއެވެ. ގޫގަލް ނުވަތަ އެހެން ވަސީލަތްތައް ބޭނުންކޮށްގެން ޑޯޒް ދޭ މިންވަރު ބެލުމަކީ އާންމު ކަމެއް ކަމަށާއި އެއީ ފެންވަރު ނެތުން ނޫން ކަމަށް ޑޮކްޓަރުން ބުންޏެވެ.

comment ކޮމެންޓް