ބޮޑެތި ކަންތައްތަކެއް ހިނގާނެ، ވޯޓުފޮށި ހަ ފަރާތުން ބަލަން ޖެހޭ: ޕީޕީއެމް

ޕީޕީއެމް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ/ޕީޕީއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ދުވަހު، ގޮތްނޭނގޭ ބޮޑެތި ކަންތައްތަކެއް ހިނގާނެ ކަމުގެ އަޑުތަކެއް އިވެމުން އަންނަ ކަމަށާއި، އެހެންކަމުން ވޯޓުފޮށިތައް ހަ ފަރާތުން ބަލަން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ޝުޖާއު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން މިފަހަރުގެ އިންތިހާބު ވަރަށް ގާތުން މޮނިޓާ ކުރަންޖެހޭ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމަށާއި، ވަރަށް ތަފާތު ވަސްތައް މިހާރު ދުވަން ފަށާފައިވާ ކަމަށެވެ. ޝުޖާއު ވަނީ ވޯޓުން ވައްކަން ކޮށްފާނެ ކަމަށް ވިދާޅުވެ އެކަމަށް ރައްޔިތުންނާއި ކެންޑިޑޭޓުން ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ކެންޑިޑޭޓުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ވީހާވެސް އަވަހަށް، ވަކިން ހާއްސަކޮށް ވޯޓު ފޮށި ކައިރި އެބަޖެހޭ ވަރަށް ރަނގަޅަށް ބަލަހައްޓަށް. އެއީ ވައްކަން ކުރާ ބަޔަކާ ދެކޮޅަށް އަޅުގަނޑުމެން އެބަޖެހޭ ވަރަށް ވަރުގަދަ މަސައްކަތްތަކެއް މިކަމުގައިކުރަން. އެހެންވީމަ ފޮށި އެބަޖެހޭ ދެ ފަރާތަކުން ނޫން، ހަ ފަރާތުން ބެލޭނެ ވަރަށް އަޅުގަނޑުމެން އެބަޖެހޭ މިކަމުގެ އިންތިޒާމުތަކާ ތައްޔާރީތައް ވާން،" ޝުޖާއު ވިދާޅުވިއެވެ.

މީގެއިތުރުން ޝުޖާއު ވަނީ ހަތަރެއް އޭޕްރީލް ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ޕީޕީއެމްގެ ހުރިހާ ސަޕޯޓަރުން ވޯޓުލާ ނިންމަން އިލްތިމާސް ކުރައްވައިފައެވެ. އެގޮތަށް އަމަލުކުރަން ޖެހެނީ ގޮތް ނޭނގޭ ކަންތައްތަކެއް އިންތިހާބުގެ ތެރޭގައި ހިނގާފާނެ ކަމުގެ ޝައްކުތަކެއް އެ ޕާޓީއަށް ލިބެންދާތީ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ހާއްސަ އިލްތިމާސް އަކީ ޕީޕީއެމް އަށް ވޯޓުލާ އެންމެހާ ބޭފުޅުން މި ގައުމުގައި އިސްލާމްދީން ބާއްވަން ބޭނުންވާ އެންމެހާ ރައްޔިތުން އެބަޖެހޭ ހަތަރެއް އޭޕްރީލް ވާ ހޮނިހިރު ދުވަހު ދޭއް ޖެހުމުގެ ކުރިން ވޯޓުލާ ނިންމަން. ވަރަށް ބޮޑެތި ކަންތައްތަކެއްގެ ވާހަކަތަކެއް އަޅުގަނޑުމެންނަށް އަޑުއިވެމުން ދާތީ މި ދެންނެވީ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މޮނީޓަރުންނާ އޮބްޒާވަރުން ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމާއެކު ޕީޕީއެމްގެ ހުރިހާ ކެންޑިޑޭޓުންނަށް އެކަން މިހާރު އަންގާފައި ވާނެ ކަމަށެވެ. އަދި މޮނިޓަރުން ހަމަޖައްސަން ކެންޑިޑޭޓުން ހާއްސަ ސަމާލުކަމެއް ދީ، މޮނިޓަރުންގެ މައުލޫމާތު ވީހާވެސް އަވަހަކަށް ހިއްސާ ކުރުމަށް ޕީޕީއެމް އިން ވަނީ އެދިފައެވެ.

ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާ މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވަން ވަނީ ނިންމާފައެވެ. އިންތިހާބަށް ޕީޕީއެމް އިން ގެންގުޅޭ ޝިއާރަކީ "މިއީ މަގޭ ރާއްޖެ" އެވެ.

ޕީޕީއެމް އިން ބުނީ އެ ޖަލްސާ ބޭއްވުމުގެ ހުރިހާ އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެ ޖަލްސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުން އެދޭ ކަމަށެވެ.

comment ކޮމެންޓް