ފީ ދައްކައިގެން ކާނިވާ ސަރަހައްދުގައި ޕާކުކުރަން ހުޅުވާލައިފި

ކާނިވާ ސަރަހައްދުގައި އުޅަނދު ޕާކުކޮށްފައި -- ފޮޓޯ/ޕީއެސްއެމް

ފީ ދައްކައިގެން ހެންވޭރު ކާނިވާ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން އަންނަ މާޗު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އެ ސަރަހައްދުގައި ޕާކު ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ޒޯނުން ދޫކުރުމަށް ހަމަޖައްސާފައި ވަނީ 52 ސްލޮޓެވެ. އެއިން ކޮންމެ ސްލޮޓެއްގެ އަގަކީ މަހަކު 3،000 ރުފިޔާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި ޒޯނުތަކަށް އެދޭ ފޯމު މިހާރު ސިޓީ ކައުންސިލުން ލިބެން ހުންނާނެ ކަމަށާއި އަދި ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އިއުލާނުގައިވެއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި 80-400އާ ދެމެދުގެ އުޅަނދުތައް ޕާކްކުރެވޭނެ ޖާގަ ހުރި 11 ޕާކިން ޒޯން ހަދާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އަދި ޕާކިން ޒޯނު ހެދުމަށް ލިބިފައިވާ 21 ޖާގައިގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސައި މި އަހަރުގެ ކުރީކޮޅު އެ ހުރިހާ ޒޯންތައް ހުޅުވާލާނެ ކަމަށްވެސް ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް