ހުޅުދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ އައްބާސްގެ ކެމްޕެއިން ޖަގަހައެއް މާލޭގައި ހުޅުވައިފި

"އަފިރިންގެ ކައުންސިލް އަފިރިންނަށް" ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އަހުމަދު ޝަރީފް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ ހުޅުދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އައްބާސް ވާފިރުގެ ކެމްޕެއިން ޖަގަހައެއް މާލޭގައި ހުޅުވައިފިއެވެ.

"އަފިރިންގެ ކައުންސިލް އަފިރިންނަށް" ގެ ނަމުން ނަންދީފައިވާ އެ ކެމްޕެއިން ޖަގަހަ ހުޅުވާފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖަގަހަ ހުޅުއްވައިދެއްވީ ހުޅުދޫ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މޫސާ ސިއްދީގާއި ހުޅުދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އައްބާސް ވާފިރެވެ.

އައްބާސް މިއަދު "ސަން" އަށް ވިދާޅުވީ އެ ކެމްޕެއިން ޖަގަހައަކީ ހުޅުދޫ އަދި މީދޫ ވަކި ދާއިރާއެއްގެ ގޮތުގައި ބޭއްވުމަށް ވަކާލާތުކޮށް އެ ދާއިރާއަށް ތަރައްގީ ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ހުޅުވި ޖަގަހައެއް ކަމަށެވެ.

"އަޅުގަނޑު ވަކާލާތު ކުރާނީ ހުޅުދޫ ދާއިރާގައި ހަތް މެމްބަރު ކައުންސިލުގައި ހުންނަން. ލާމަރުކަޒީގޮތުން ރައްޔިތުންނަށް ތަރައްގީ ހޯދައިދިނުމަށް،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ހުޅުދޫ މީދޫގެ ރައްޔިތުންނަށް ކަމަކަށް ބޭނުންވިނަމަވެސް ޖެހެނީ "ކަނބާފައި" ހިތަދުއަށް ދާން ކަމަށެވެ.

ފާއިތުވި ނުވަ އަހަރު ސިޔާސީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވިޖެ ކަމަށާއި އެހެންނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ސަބަބުތަކާއެކު އަމިއްލަގޮތުން ވާދަކުރުމަށް ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާޓީއަކުން އިންތިހާބުގައި ހޮވިއްޖެނަމަ ޖެހޭނީ ޕާޓީގެ ލީޑަރަށް ކިޔަމަންވާން. ވަޅެއްގެ ދިޔަ ހިއްކަން ޖެހުނު ނަމަވެސް ޕާޓީއިން ބުނާގޮތަށް އެކަންތައް ކުރަން ޖެހޭނީ،" އައްބާސް ވިދާޅުވިއެވެ.

އަމިއްލަ ގޮތުން ވާދަކުރަނީ ޕާޓީއަށް ބޯ ލެނބުމުގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭނާ ހޮވިއްޖެނަމަ ހިދުމަތްކޮށްދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

އައްބާސް ހޮވިއްޖެނަމަ ކުރިއަށް އޮތް ފަސް އަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ މައުލޫމާތު އޭނާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން

  • ހުޅުދޫގެ ރައްޔިތުންގެ ދަނޑުތަށް އަލުން ދަނޑުވެރިކަމަށް ހުޅުވާލައި، އެދަނޑުތަށް ހެއްދުމަށް ބޭނުންވާ ވަސީލަތް ލިބޭނެގޮތް ހަމަޖައްސައިދިނުން.
  • ދަނޑުވެރިކަމަށް ރަށުގެ ޒުވާނުން ތަމްރީންކޮށް، އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ރާވައި ހިންގުން.
  • ހުޅުދޫގެ ފަޅުގޭގެ އެއީ އެގޭގެ ވެރިފަރާތަށް އާމްދަނީ ލިބޭނެ ތަންތަނަށް ހަދަން މަސައްކަތްކުރުން.
  • ހުޅުދޫއަކީ ކުށްމަދު ރަށަކަށް ހެދުމާއި ހުރިހައި ޒުވާނުންނަކީ ކޮންމެވެސް އާމްދަނީ ލިބޭނެ މަސައްކަތެއްގައި ޝާމިލުވާ ބަޔަކަށް ހަދައިދިނުން.
  • އިޖްތިމާއީ މައްސަލަތަށް ހައްލު ހޯދުމަށް، އެދާއިރާތަކުން ރައްޔިތުން ހޭލުންވެރިކުރުމަށް އިލްމީ، އަދި ތަޖްރިބާކާރުންގެ އެހީ ހޯދައި، ކޮންމެ އަހަރަކު މަދުވެގެން ދެފަހަރު އެފަދަ ޕްރޮގްރާމްތަށް ހިންގުން.
comment ކޮމެންޓް