ގިނަ ވިޔަފާރިތަކާއެކު ބިޒްނަސް އެކްސްޕޯ މާދަމާ

އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ކޯޕަރޭޓް މޯލްޑިވްސް "ބިޒްނަސް އެކްސްޕޯ 2019"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ވިޔަފާރީގެ ހުރިހާ ދާއިރާތަކެއްގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ މާދަމާ ފެށުމަށް ހަމަޖައްސައިފިއެވެ.

ބިޒްނަސް އެކްސްޕޯ އިންތިޒާމުކުރާ އޯރކާ މީޑިއާ ގްރޫޕުން ބުނެފައިވަނީ ދަރުބާރުގޭގައި ބާއްވާ ބިޒްނަސް އެކްސްޕޯ ކުރިއަށްދާނީ އާދިއްތައާއި ހޯމަ ދުވަހުގައި ކަމަށެވެ.

ދެ ދުވަހަށް ކުރިއަށްދާ އެ ބިޒްނަސް އެކްސްޕޯއަކީ ބޮޑެތި ވިޔަފާރި ތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި އާ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ކުރިއަށްދާ އެކްސްޕޯއެއް ކަމަށް އޯރކާ އިން ވަނީ ބުނެފައެވެ. އަދި އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް އެކްސްޕޯ ބޭއްވުމުގެ ބޭނުމެއް ކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ.

ޖެހި ޖެހިގެން ބިޒްނަސް އެކްޕޯ ބާއްވާތާ މިއީ ދެވަނަ އަހަރެވެ. މިއަހަރުގެ އެކްސްޕޯގައި 60 އަށް ވުރެ ގިނަ ވިޔަފާރިތަށް އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެކްސްޕޯގެ ތެރެއިން ވިޔަފާރިއާ ގުޅުންހުރި ހަތަރު ސަމިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓަކާއި އަންހެނުންނަށް ހާއްސަ ސަމިޓެއްގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަނަލް ސަމިޓާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެވެ.

ސަމިޓްތަކުގެ ވާހަކަދައްކަވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެކިއެކި ފަންނުތަކުގެ ފާހަގަކޮއްލެވޭ ބޭފުޅުނެވެ. އެ ބޭފުޅުން، ސަމިޓުތަކުގެ ލިބިފައިވާ ކާމިޔާބީއާއި ތަޖުރިބާ، އެހެން ވިޔަފާރިވެރިންނާއި ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކާއި ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ވިޔަފާރިވެރިންނަށް ބޭނުންވާ ކަންކަމާއި އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ މެދު ބައިވެރިންގެ މެދުގައި ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ވެސް ސަމިޓުތަކުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނެފައިވަނީ މިއަހަރުގެ ބިޒްނަސް އެކްސްޕޯއަށް 3،000 އަށްވުރެ ގިނަ މީހުން ޒިޔާރާތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

comment ކޮމެންޓް