ގަނާ ކުރުމުގެ ޝިކާރައަކަށްވި ކުއްޖާއަށް އެހީވާން 400،000 ޑޮލަރު ހަދިޔާކޮށްފި

ކުއޭޑެން ޑިޒްނީލޭންޑަށް ގެންދިޔުމަށް ގިނަ އަދަދެއްގެ މީހުން ވަނީ ފައިސާ ހަދިޔާކޮށްފަ -- ފޮޓޯ: ޔަރާކާ ބޭލްސް

އުމުރުން އެންމެ ނުވަ އަހަރުގައި ގަނާ ކުރުމާ ކުރިމަތިލާން ޖެހި، އޭގެ ސަބަބުން އަމިއްލައަށް މަރުވާން ބޭނުންވި ކަމަށް ބުނި އޮސްޓްރޭލިއާގެ ކުއްޖާއަށް އެހީވުމުގެ ގޮތުން އޮންލައިންކޮށް ހުޅުވި ފަންޑަކަށް ހަދިޔާކޮށްފައިވާ ފައިސާގެ އަދަދު 400،000 ޑޮލަރަށް އަރައިފި އެވެ.

ކުއޭޑެން ބޭލްސް ކިޔާ އެ ކުއްޖާއަށް މި ހަފްތާ ތެރޭ ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔައީ އޭނާއަށް ސްކޫލުގައި ތަކުރާރުކޮށް ގަނާ ކުރަމުންދާތީ، ކުއްޖާގެ މަންމަ ޔަރާކާ ބޭލްސް ފޭސްބުކްގައި ހިއްސާ ކުރި ވީޑިއޯއަކާ ގުޅިގެންނެވެ.

އެ ވީޑިއޯގައި ކުއޭޑެން، "އޭނާގެ އަތަށް ވަޅިއެއް ދިނުމަށާއި އަމިއްލައަށް މަރުވާން ބޭނުން" ކަމަށް ތަކުރާރުކޮށް ބުނެ އެވެ. ކުއޭޑެންގެ މަންމަ ބުނި ގޮތުގައި އެވީޑިއޯ ހިއްސާ ކުރީ ގަނާ ކުރުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، އޭގެ ސަބަބުން ކުއްޖާއަށް ކުރާ އަސަރު ކުޑަ ކުރުމާ ބެހޭ ގޮތުން އެހެން ބެލެނިވެރިންގެ ހިޔާލު ހޯދުމަށެވެ.

"[ގަނާ ކުރުމުގެ ސަބަބުން] މި އާއިލާއަށް ލިބެނީ ކިހާވަރެއްގެ ބޮޑު ގެއްލުމެއްކަން ދައްކަން އަހަރެން ބޭނުން... [ކުއޭޑެން] އަމިއްލައަށް މަރުވާން މަސައްކަތް ކުރާތީ އަހަރެން އަބަދު ވެސް ހުންނަން ޖެހެނީ އެކަމަށް ސަމާލުކަން ދީގެން،" އެކުއްޖާގެ މަންމަ ވީޑިއޯގައި ބުނެ އެވެ.

ކުއޭޑެންއަކީ ޖެނެޓިކް މައްސަލައެއް ކަމަށްވާ އެކްނޯޑްރޯޕްލޭޝިއާ ހުންނަ ކުއްޖެކެވެ. އޭގެ ސަބަބުން ކުއްޖާގެ އަތާއި ފައި، ހަށިގަނޑުގެ އެހެން ބައިތަކާ އެއްވަރަށް ބޮޑުވަމުން ނުދެ އެވެ. އަދި ކުއޭޑެންއަށް ކުދިން ގަނާ ކުރަނީ އޭގެ ސަބަބުންނެވެ.

ކުއޭޑެންގެ މަންމަ ހިއްސާ ކުރި ވީޑިއޯގައި އޭނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ރައްކާތެރިކުރުމަށް ސްކޫލުތަކުން މިހާރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން އެތައް މިލިއަން މީހުން ވަނީ އެވީޑިއޯ ބަލައި، ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި ކުއޭޑެންއަށް ހިތްވަރުދީ، އެކުވެރިކަމުގެ އަތެއް ދިއްކޮށްލި މީހުންގެ ތެރޭގައި އޮސްޓްރޭލިއާގެ މަޝްހޫރު އެކްޓަރު ހިއު ޖެކްމަން އާއި ކޮމީޑިއަން ބްރެޑް ވިލިއަމްސް ހިމެނެ އެވެ.

މީގެ އިތުރުން ވިލިއަމްސް ވަނީ ކުއޭޑެން އުފާކޮށްދިނުމަށް ޓަކައި އޭނާ އެމެރިކާއަށް ގެންގޮސް، ޑިޒްނީލޭންޑަށް ގެންދިޔުމަށް ފަންޑެއް ހުޅުވާފަ އެވެ. އަދި ފާއިތުވި ދެ ދުވަސް ތެރޭ 19000 އަށް ވުރެ ގިނަ މީހުން ވަނީ އެފަންޑަށް ފައިސާ ހަދިޔާކޮށްފަ އެވެ. އަދި އޭގެ އަދަދު މިހާރު ވަނީ 435,798 ޑޮލަރަށް އަރައިފަ އެވެ.

އޭގެ ފަހުން ކުއޭޑެންގެ މަންމަ ވަނީ އެކުއްޖާއަށް ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި މީހުންގެ ފަރާތުން ލިބެމުންދާ މެސެޖުތަކާއި އެހީއަށް ޝުކުރު އަދާކޮށްފަ އެވެ.

ވިލިއަމްސް ބުނި ގޮތުގައި އޭނާ ދަނީ ކުއޭޑެންގެ މަންމައާ ވާހަކަ ދައްކަމުންނެވެ. އަދި ކުއޭޑެންއަށް މީހުން ހަދިޔާ ކުރާ ފައިސާ ބޭނުން ކުރާނީ އެމެރިކާގައި އެ ކުއްޖާ އާއި މަންމަ ތިބޭނެ ހޮޓަލަށާއި ކެއުމަށާއި ޓިކެޓަށެވެ. އަދި އިތުރުވާ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ގަނާ ކުރުމާއި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ޗެރިޓީތަކަށެވެ.

ކުއޭޑެންއަށް ގިނަ އަދަދެއްގެ މީހުން ފައިސާގެ އެހީ ދޭން ފެށި ފަހުން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކުއޭޑެންއަކީ އަސްލު ކުޑަ ކުއްޖެއް ނޫން ކަމަށާއި އެއީ 18 އަހަރުގެ މީހެއް ކަމަށް ބުނާ ފޭސްބުކް ޕޯސްޓުތަކެއް އާއްމުކޮށްފަ އެވެ.

ނަމަވެސް އޮސްޓްރޭލިއާގެ މީޑިއާތަކުން ވަނީ ކުއޭޑެން 2015 ވަނަ އަހަރު، އުމުރުން ހަތަރު އަހަރުގައި އޭނާގެ މަންމައާ އެކު އެގައުމުގެ ސްޓޫޑިއޯ 10 ނޫހުގެ ވީޑިއޯ ރިޕޯޓަކަށް އެރިކަން ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ކުއޭޑެންގެ އުމުރުން ދެ އަހަރުގައި ނަގާފައިވާ ފޮޓޯއެއް 2012 ވަނަ އަހަރު އޭނާގެ އާއިލާގެ މެމްބަރަކު ފޭސްބުކަށް ލާފައިވާކަން ވެސް އެމީޑިއާތަކުން ފާހަގަ ކުރި އެވެ.

comment ކޮމެންޓް