ހުރިހާ ފްރެންޑްސް އެކީގައި، ރިޔޫނިއަން ކަށަވަރު!

ފްރެންޑްސްގެ ލީޑް ކާސްޓުން --- ފޮޓޯ : އީ!އޮންލައިން

ގިނަ ބަޔަކަށް އަދިވެސް ކަމުދާ ޓީވީ ޝޯ ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުންނާއެކު އެ ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑެއްގެ މަސައްކަތް ކުރަމުން އަންނަ ކަން އެޗްބީއޯއިން ކަށަވަރުކޮށްދީފިއެވެ.

ނެޓްފްލިކްސް އަތުން އެޗްބީއޯ ވަނީ ފްރެންޑްސް ދެއްކުމުގެ ރައިޓްސް މިދިޔަ އަހަރު ނަގާފައެވެ. އެއާއެކު އެޗްބީއޯއިން މަސައްކަތްކުރަމުން ދަނީ އެކުންފުނީގެ ސްޓްރީމިން ސާވިސް "އެޗްބީއޯ މެކްސް" އަށް ފްރެންޑްސް ގެންދިޔުމުގެ މަސައްކަތެވެ. އެޗްބީއޯގެ ސްޓްރީމިން ލޯންޗުކުރުމަށް ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގައެވެ.

އެޗްބީއޯ އިން ބުނެފައިވަނީ ފްރެންޑްސްގެ ކާސްޓުންގެ ހާއްސަ އެއް އެޕިސޯޑު ނެރުމަށް ތައްޔާެރުވަމުންދާ ކަމަށެވެ. އެހެންނަމަވެސް އެ ހާއްސަ އެޕިސޯޑު ނެރޭނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ފަހަރުގައި އެޗްބީއޯ މެކްސް ލޯންޗުކުރާ ދުވަހުގައި ފްރެންޑްސްގެ ހާއްސަ އެޕިސޯޑު ދައްކަން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޝޯގެ ލީޑް އެކްޓަރުން ކަމަށްވާ ޖެނިފާ އެނިސްޓަންއާއި ކޯޓްނީ ކޮކްސް އާއި ލީސާ ކުޑްރޯ އާއި މެޓް ލެބްލާންކް އާއި މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ، އެންމެން އެކީގައި މިދިޔަ އަހަރު ނެގި ސެލްފީއަކާއެކުގައި ފްރެންޑްސްގެ ރިޔޫނިއަންއެއް ހަދަން އުޅުމުގެ އަޑުތަކެއް ފެތުރެން ފެށިއެވެ.

ފްރެންޑްސްގެ އާ ފިލްމެއް ނުވަތަ އެޕިސޯޑެއް ހަދަން އުޅޭ ކަމަށް ބުނެ ދޭތެރެ ދޭތެރެއިން އަޑުތައް އަރައެވެ. އެހެންނަމަވެސް އެންމެ ފަހުން ފޭނުން އުފާވާނެ ޔަގީން ހަބަރެއް މިއޮތީ ލިބިފައެވެ.

އެތައް ބަޔަކު އަދިވެސް ބަލާ އެ ޝޯ ނިމިފައިވަނީ މީގެ 16 އަހަރު ކުރީންނެވެ. ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައިވަނީ 1994 އިން 2004 އަށެވެ.

comment ކޮމެންޓް