މާލޭގެ މޭޔަރުކަމަށް އޭނާ ހޮވިވަޑައިގެންފިނަމަ ގެންނަ ތަރައްގީގެ ހަގީގީ ރީތި ނަން ލިބޭނީ ސަރުކާރަށް ކަމަށް ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގައި އެމްޑިޕީ މެމްބަރުންނަށް އަމާޒުކޮށް މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ވޯޓު ދޭއިރު ވޯޓު ދޭންވީ ޕާޓީއަށް ވިސްނައިގެން ނޫން ކަމަށާއި އޭގެ ބަދަލުގައި މާލޭގައި ކަންކަންކުރެވޭ މީހަކަށް ވޯޓު ދޭންޖެހޭ ކަމަށެވެ.
"ޕާޓީ ލައިނުން ވިސްނުމަށްވުރެ މިފަހަރު މުހިންމީ، މި މާލޭގެ ކަންކަން ހައްލު ކުރެވޭނެ މީހަކު ހޮވުން. ހަގީގަތުގައި އެމްޑީޕީގެ މެންބަރުން ވިސްނާލަން ޖެހޭ ކަމަކީ އަޅުގަނޑު މި މަގާމަށް އިންތިހާބުކޮށްގެން މާލެއަށް އަންނަ ތަރައްގީއާއި ކުރިއެރުމުގެ ހަގީގީ ކްރެޑިޓް އަޅުގަނޑާ، ޕީޕީއެމްއަށްވުރެ މާ ބޮޑު ކްރެޑިޓެއް މި ސަރުކާރަށްވެސް ލިބޭނެ ކަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ސަރުކާރުގެ އެއްބާރުލުން ނުލިބި މަސައްކަތް ނުކުރެވޭނެ ކަަމަށާއި ގިނަ ކަންކަމުގައި ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭނާއާއެކު މަސައްކަތްކުރަން ސަރުކާރަށް ދަތިނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މޭލޭގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށާއި އަދި އެކަމަށްޓަކައި ޕްލޭނެއްވެސް އެބައޮތް ކަމަށެވެ.
މޭޔަރުގެ ގޮތުގައި މަސައްކަތްކުރައްވާއިރު މަަސައްކަތް ކުރައްވާނީ ޓީމްވޯކްއެއްގެގޮތުގައި އެންމެނަށް ހަމަހަމައަށް ފުރުސަތު ދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބް އޮންނާނީ އަންނަ އޭޕްރީލް މަހުއެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މޭޔަރުކަމަށް ކުރިމަތިލައްވަނީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުއެވެ.
މޭޔަރު ހޮވާނީ މުޅި މާލޭގެ ރައްޔިތުންގެ ވޯޓަކުންނެވެ.