ޕީޕީއެމްއަށް ކައުންސިލް ދިނުމަކީ ޑްރެކިއުލާއާ ބްލަޑް ބޭންކް ހަވާލުކުރުން: ނަޝީދު

އެމްޑީޕީން ބޭއްވި ޖަލްސާގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ވޯޓުދީ އެ ޕާޓީއާ ކައުންސިލެއް ހަވާލުކުރުމަކީ ޑްރެކިއުލާ އަކާ ބްލަޑް ބޭންކެއް ހަވާލުކުރުމާ އެއްވަރުގެ ކަމެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެޕްމޭން އިފްތިތާހުކުރުމަށް މިރޭ ކާނިވާ ރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ޕީޕީއެމް އަށް ކައުންސިލް ގޮނޑިއެއް ނުދިނުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ދިވެހި ރައްޔިތުންނަށް ދެއްވާ ހެޔޮ ނަސޭހަތެއްގެ ގޮތުގައި، ޅެމެއްގެ ރާގަށް ނަޝީދު ވިދާޅުވީ "ނަމަނަމަ ކުޑަ ކޮއިފުޅާ އަތްނުލައްޗޭ ފާރުގައި، ހަމަނިކަން ތަދުވާނެ ގޮތެއްގައި ކަށި ޖަހާފާނޭ ބިޗޫ. ނަމަނަމަ ޕީޕީއެމް އަށް ކައުންސިލް ގޮނޑިއެއް ނުދޭތި، ނަމަނަމަ ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލު ނުކުރާތި،" އެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބު ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"ޕީޕީއެމްއަށް ކައުންސިލް ދިނުމެކޭ، އަޅުގަނޑަށް ފެންނަ ފެނުމުގައި ޑްރެކިއުލާއާ ބްލަޑް ބޭންކް ހަވާލުކުރުމާ ކޮން ތަފާތެއް އޮތީ؟ ހަމަ ބޯލާނީ. ހުރިހާ ލެޔެއް ހަމަ ބޯލާނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިރޭ ވިދާޅުވީ މިހާރު ހަގީގަތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކަންތައް ނިމި، އެމްޑީޕީއަށް ކާމިޔާބު ލިބިފައިވާ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވީ ނ. ކުޑަފަރީ ކައުންސިލުގެ ރައީސްގެ ގޮނޑިއާއެކު ތިން ގޮނޑި އެމްޑީޕީއަށް ކަށަވަރުވެފައިވާތީއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބަކީ އެމްޑީޕީ ޕްރައިމަރީ ކަމަށާއި، އެ އިންތިހާބު ނިމުމުން ކައުންސިލް އިންތިހާބު ހަގީގަތުގައި ނިމިފައިވާ ކަމަށެވެ.

"ދެން އޮތީ އަޅުގަނޑުމެންގެ އެންމެން އެއް ގަލަކަށް އަރާ ތިބެގެން މިކަން ކުރުން،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބު ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ނަޝީދު ވިދާޅުވީ ކުޑަފަރީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިއެއް ވެސް އެމްޑީޕީއަށް ކާމިޔާބު ވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް އިން ކައުންސިލަކަށް ކުރިމަތިލައްވައިގެން އުޅެނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި، ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ބައިވެރިވެވޭނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ފޯރީގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ މި ފަހުން މާލެ ހަލާކުކޮށްލުމުގެ އެންމެ އިސް މޭސްތިރިއަކީ މުއިއްޒު ކަމަށާއި، ކުޑަވެސް ލަދެއް ހުރިނަމަ މާލޭ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

"މި މާލެ މި ފަހުން ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ އެ ހޮޅި މުއިއްޒު. އޭނާ އޭނާ ވަޒީރުކަމުގައޭ ކިޔާ ހުންނަވައިގެން މި މާލެއަށް ކުރިހާ ކަންތައް އަޅުގަނޑުމެންގެ ހިތުން ފިލައިގެން ދާނެތޯ؟ ކުޑަވެސް ލަދެއް ހަޔާތެއް ހުރި ނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަކަށް ނުނުކުންނާނެ. ކުޑަވެސް ގޮތެއް ހުރި ނަމަކާ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ބާރެއް މުއިއްޒުގެ މުށުތެރެއަށް ގެންދިޔަ ކަމަށެވެ.

މުއިއްޒުގެ މިނިސްޓަރުކަމުގައި މާލެ އާއި ހުޅުމާލެއާ ދެމެދު ހަދާފައިވާ ސިނަމާލެ ބުރިޖަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، ބުރިޖު "އޯކޭ" ނޫނޭ ދުވަހަކުވެސް ވިދާޅުނުވާ ކަމަށާއި، އެމްޑީޕީއަށް ކަމުނުދަނީ ވައްކަން ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ނުބުނަމޭ ބުރިޖު އޯކޭ ނޫނެކޭ. މިބުނަނީ ވައްކަން އޯކޭއެއް ނޫނޭ. މުއިއްޒުގެ އައުވާނުންނަށް 7000 ފްލެޓު ބަހާލިގޮތް އޯކޭއެއް ނޫނޭ. ގާތްތިމާގެ އެންމެނަށް ހުރިހާ ފްލެޓެއް، ވަށަފަރުގައި ތިއްބާ ދީފާ، ދެން އައިސް އަނެއްކާ މި ވިދާޅުވަނީ އަޅުގަނޑުމެން ގާތުގައި ވޯޓެއް ދޭށޭ. ނުދޭނެ. ނުލިބޭނެ،" ނަޝީދު ވިދާޅުވިއެވެ.

އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ޑރ. މުއިއްޒެވެ.

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނީ އެ ޕާޓީގެ ކުރީގެ އެސްޖީ އަނަސް އަބްދުއްސައްތާރެވެ.

މީގެކުރިން ނަޝީދު ވިދާޅުވެފައި ވަނީ އަނަސް އާ ވާދަކުރައްވާ އިދިކޮޅުގެ ކެންޑިޑޭޓަށް މާލެއިން 1500 ވޯޓުވެސް ނުލިބޭނެ ކަމަށާއި، މާލެއިން އަނަސް އަށް 12،000 ވޯޓު ލިބޭނެކަން ޔަގީންވާ ކަމަށެވެ.

comment ކޮމެންޓް