ޓެސްޓުތައް ނުނިމޭތީ ރައީސް ޔާމީން އަދިވެސް އެޑްމިޓުކޮށްފައި

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ޝަރީއަތަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށްލާފައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޓެސްޓުތައް އަދިވެސް މުޅިން ނުނިމޭ ކަމަށާއި އެހެންކަމުން އެމަނިކުފަނު އަދިވެސް އޮންނެވީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ރައީސް ޔާމީން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. "ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް ޔާމީން މާލެ ގެނެސް ދައްކާފައި ވަނީ ހިތުގެ ޑޮކްޓަރަކަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން މިރޭ "ސަން" އަށް ވިދާޅުވީ ރައީސް ޔާމީންގެ ޓެސްޓުތައް އަދިވެސް ނުނިމޭ ކަމަށާއި، އެ މަނިކުފާނު އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ކަމަށެވެ.

ޔުސްރީން ވިދާޅުވީ ޔާމީންގެ ހާލުކޮޅު ސީރިއަސް ނޫން ކަމަށާއި، އެޑްމިޓް ކޮށްފައި ވަނީ ޓެސްޓުތައް ނިމެންދެން ކަމަށެވެ. ޓެސްޓުތައް މުޅިން ނިމި، ރައީސް ޔާމީން ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ޔުސްރީން ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ މައްސަލައެއް ސާބިތުވެ ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ، ފަސް އަހަރު ދުވަހަށެވެ. އަދި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ހައިކޯޓްގައި ވަނީ ފަށައިފަ އެވެ.

ރައީސް ޔާމީން ވަނީ ސިއްހީ ހާލުކޮޅު ގޯސް ކަމަށް، ވިދާޅުވެ ހައިކޯޓުގައި ވެސް ޝަކުވާ އުފުއްލަވައިފައެވެ. އެގޮތުން އެމަނިކުފާނު ޖަލުގައި އޮންނަން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތަފްސީލު ދެއްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ހިތުގެ މައްސަލައެއް ނުވަތަ "އެނޮމަލީއެއް" ފެނިފައިވާ ކަމަށް ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޑޮކްޓަރަކު ވިދާޅުވެފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ދެނެގަންނަން ރާއްޖެއިން އިތުރަށް ހެދޭނެ ޓެސްޓުތައް ނެތްކަމަށް ޑޮކްޓަރާ ހަވާލާ ދެއްވައި އެމަނިކުފާނު ވިދާޅުވި އެވެ. ދެން އިތުރު ޓެސްޓުތައް ހެދޭނީ ރާއްޖެއިން ބޭރުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނަށް މައިބަދައިގެ ޑިސްކުގެ މައްސަލައެއް ޖެހިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ހަދަން ޖެހޭ ސާޖަރީއެއް ހަދަން ރާއްޖެއިން ބޭރަށް ވަޑައިގަންނަަވަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

comment ކޮމެންޓް