އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެޕްމޭން އިފްތިތާހުކުރުމަށް މިރޭ ކާނިވާ ރަހައްދުގައި އޮންނަ ޖަލްސާގައި ބައިވެރިވާން މުވައްޒަފުންނަށް އަންގާފައި ނުވާނެ ކަމަށް ފެނަކަ އިން ބުނެފިއެވެ.
ފެނަކައިން މިހެން ބުނެފައި ވަނީ އެ ޖަލްސާއަށް ހާޒިރުވާން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ ދައުރުކުރަމުން އަންނަ ލިޔުމާ ގުޅިގެންނެވެ.
ފެނަކައިގެ ލެޓާހެޑުގައި އޮތް އެ ލިޔުމުގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާއެއް މިރޭ 20:45 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެ ކުންފުނީގެ އެންމެހާ މުއައްޒަފުން އެ ޖަލްސާގައި ބައިވެރިވުމަށްޓަކައި ޖަލްސާ ފެށުމުގެ 15 މިނެޓްކުރިން ކާނިވާ ސަރަހައްދަށް ދިއުމަށެވެ.
އަދި މަގުބޫލު އުޒުރަކާއި ގުޅިގެން ޖަލްސާއަށް ހާޒިރުނުވެވޭ މުވައްޒަފުން ވެސް އެ މުއައްޒަފަކު މަސައްކަތްކުރާ ޑިޕާޓްމަންޓެއްގެ އިސްވެރިޔަކަށް ދުރާލައި އެކަން އަންގަން ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
އެ ލިޔުމާ ގުޅިގެން ފެނަކައިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ ލިޔުމަކީ އެއްވެސް އަސްލެއް ނެތް ލިޔުމެއް ކަމަށެވެ. އަދި ޗެނަލް 13 އިން އެ ލިޔުން ދައުރުކޮށް ދޮގު ހަބަރު ފަތުރަމުން އަންނަ ކަމަށާއި، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
"އަދި މިފަދަ އެއްވެސް އެންގުމެއް އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެކަމުގެ ޔަގީންކަން އަރުވަން،" ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ އެ ލިޔުމުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މިރޭ އެމްޑީޕީން ބާއްވާ ޖަލްސާއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭން ލޯންޗުކުރުމަށް ބާއްވާ ޖަލްސާއެކެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ޖަލްސާ ކުރިއަށް ގެންދަން ނިންމާފައި ވާއިރު، މާލޭ ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެއެވެ.