ފްރާންސުގައި ތަންމަކުނު ކޮންޓްރޯލު ކުރުމަށް ސަރުކާރުން ކެމްޕޭނެއް ފަށައިފި

ފްރާންސުގެ ސަރުކާރުން ވަނީ ތަތްމަކުނު ކޮންޓްރޯލް ކުރުމަށް ކެމްޕޭނެއް ފަށާފަ -- ފޮޓޯ: އަލާމީ

ފްރާންސުގައި ތަންމަކުނު ގިނަވެ، އޭގެ އާބާދީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ފްރާންސުގެ މިނިސްޓްރީ އޮފް ހައުސިންއިން ބުނި ގޮތުގައި 1950ގެ އަހަރުތަކުގައި ތަންމަކުނު އެގައުމުން ގެއްލުމަށް ފަހު އޭގެ އާބާދީ އަނެއްކާ ވެސް ވަނީ އިތުރުވެފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި މީހުން ބޭރު ގައުމުތަކަށް ދަތުރު ކުރުމަށް ފަހު އެނބުރި ގައުމަށް ދާ އިރު ތަތްމަކުނު ގެންދެވުމާއި، އެގައުމުގައި ތަތްމަކުނު މަރާ ބޭސް ބޭނުން ކުރާވަރު މަދުވުން ހިމެނެ އެވެ.

ފްރާންސުގެ ވެރިރަށް ޕެރިހުގައި ވެސް ތަންމަކުނު ގިނަ ވުމުގެ މައްސަލަ ބޮޑުވެ، ގެތަކާއި ހޮޓާތަކުން ވެސް ފެންނަމުންދާތީ އެގައުމުގެ ސަރުކާރުން ވަނީ އެމައްސަލައާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ވެބްޕޭޖެއް އުފައްދާފަ އެވެ. އަދި ތަންމަކުނު ނައްތާލުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހާއްސަ އެމާޖެންސީ ހޮޓްލައިނެއް އިއްޔެ ވަނީ ތައާރަފްކޮށްފަ އެވެ.

ފްރާންސުން ބުނި ގޮތުގައި 2018 ވަނަ އަހަރު ޕެރިހުގައި ތަންމަކުނު ނައްތާލުމުގެ މަސައްކަތް 400،000 ތަނެއްގައި ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގެތަކާއި އެޕާޓްމެންޓުތަކާއި ހޮޓާތައް ހިމެނެ އެވެ. އެއީ 2017 ވަނަ އަހަރާ ބަލާއިރު 33 ޕަސެންޓު އިތުރު އަދަދެކެވެ.

comment ކޮމެންޓް