ކަޅުވަކަރު މިސްކިތް ރާވައި ނިންމާލައިފި

ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ބިމުގައި ކަޅުވަކަރު މިސްކިތް ރާވައި ނިންމައިފައި -- ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ

ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ސަރަހައްދުގައި ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މިސްކިތުގެ ބައިތައް ރާވައި ނިމިފައިވާ ކަމަށް އިއްޔެ ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މިސްކިތުގެ ވަޅު ބެހެއްޓުމުގެ މަސައްކަތްވެސް އިއްޔެ ވަނީ ނިންމާލައިފަ އެވެ.

އެނގިފައިވާ ގޮތުގައި މިހާރު ކުރިއަށް ދަނީ މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި ގަސް އިންދައި ޒީނަތްތެރިކުރުމުގެ މަސައްކަތެވެ. އަދި މިސްކިތުގެ އެތެރެ ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށަން އޮތީ ތައްޔާރުވެފައެވެ.

މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާ އިރު، އެތަން ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އެނގިފައިވެއެވެ.

ކަޅުވަކަރު މިސްކިތް ތަރައްގީކުރަނީ ގައުމީ ދާރުލްއާސާރުގެ އެއް އެގްޒިބިޓްގެ ގޮތުގައި އަދި ލިވިންގް ހެރިޓޭޖެއްގެ ގޮތުގައެެވެ. އެތަނުގައި ބަންގި ގޮވުމާއި ނަމާދުގެ ޖަމާއަތް ނުބޭއްވި ނަމަވެސް، ނަމާދުކުރަން ބޭނުން މީހަކަށް އެ މިސްކިތުގެ ވަޅުން ވުޟޫކުރުމާއި އެ މިސްކިތަށް އަރައި ނަމާދުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކަޅުވަކަރު މިސްކިތް އެންމެ ފުރަތަމަ ހުރީ މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ނީލަން ކިޔައި، ކ. ފުރަނަފުށީގައި ބެހެއްޓިއެވެ. ފަހުން ރައީސް މައުމޫނުގެ ވެރިކަމުގައި 1980 ވަނަ އަހަރުގެ ކުރީކޮޅު އެ މިސްކިތް އަލުން މާލެ ގެނެސް ބެހެއްޓީ ސަލްޓަން ޕާކުގެ އިރު ދެކުނު ކަނުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަލްޓަންޕާކު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ވިންޓާ ޕާކެއް އެޅުމަށްޓަކައި ކަޅުވަކަރު މިސްކިތް ރޫޅާލައި، ހުރި ތަނުން ނެގިއެވެ. އަދި އެ މިސްކިތުގެ ބައިތައް ބެހައްޓާފައި ހުރީ ގައުމީ ދާރުލްއާސާރުގެ ގުދަނެއްގައެވެ. އެ މިސްކިތް ނެގުމުގެ ސަބަބުން ދިވެހި ތާރީހާއި ތަރިކައަށް ލޯބިކުރާ ގިނަ ބަޔަކު އެކަމަށް ފާޑުކިޔެވެ.

comment ކޮމެންޓް